މެންޗެސްޓާ ޔުނައިޓަޑަށް ކުޅެމުންދާ ޒުވާން ފޯވަޑް މޭސަން ގްރީންވުޑާއެކު އެ ކްލަބުން ހަދާފައިވާ ކޮންޓުރެކްޓަށް ދެ އަހަރު އިތުރުކޮށްފި އެވެ.
ގްރީންވުޑް، 19، ޔުނައިޓަޑާއެކު ކުރިން ހަދާފައިވާ ކޮންޓުރެކްޓް ހަމަވަނީ 2023 ވަނަ އަހަރެވެ. އެކަމަކު އެ ކްލަބުން ވަނީ އިތުރު ދެ އަހަރަށް ކޮންޓުރެކްޓް މުއްދަތު އިތުރުކޮށް، ގްރީންވުޑްގެ ސޮއި ހޯދައިފަ އެވެ. މިހާރު އޭނާގެ ކޮންޓުރެކްޓް ހަމަވާނީ 2025 ވަނަ އަހަރެވެ.
ގްރީންވުޑަކީ ޔުނައިޓަޑްގެ އެކެޑަމީން ތަމްރީނުވެގެން، ސީނިއަރ ޓީމަށް އެރި ކުޅުންތެރިއެކެވެ. ޔުނައިޓަޑްގެ އެކެޑަމީއާ އޭނާ ގުޅުނީ އުމުރުން ހަތް އަހަރުގަ އެވެ.
ޔުނައިޓަޑްގެ ސީނިއަރ ޓީމަށް އޭނާ ކުޅެން ފެށީ 2019 ވަނަ އަހަރެވެ. އޭރު ގްރީންވުޑްގެ އުމުރުން 17 އަހަރެވެ.
މި ސީޒަންގައި ގްރީންވުޑް ވަނީ ޔުނައިޓަޑްގެ ފުރަތަމަ 11ގައި 18 މެޗު ކުޅެ، ހަތަރު ލަނޑު ޖަހައިފަ އެވެ. ޔުނައިޓަޑަށް މިހާތަނަށް އޭނަ ކުޅުނު 82 މެޗުގައި، އޭނާ ވަނީ 21 ލަނޑު ޖަހައިފަ އެވެ. – ބީބީސީ