ޙައްޖަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ފަސްވަނަ ރުކުނެވެ. އެއީ މާލީގޮތުންނާއި ޖިސްމާނީގޮތުން އެ ކަމަށް ކުޅަދާނަކަން ލިބިގެންވާ މުސްލިމް އަޅާ އުމުރުން އެއްފަހަރު ކުރުމަށް މާތްﷲ ވާޖިބު ކުރައްވައިފައިވާ ފަރުޟެކެވެ. މަބްރޫރު ޙައްޖެއްގެ (އެބަހީ، ﷲ ރުއްސަވާ ފަދަ ޙައްޖެއްގެ) ސަވާބާއި ދަރުމައަކީ ސުވަރުގެއެވެ. އަދި އެ މީހަކު އެ އަޅުކަމުން ނިމިގެން އެނބުރި އަންނަނީ އޭނާގެ މައިމީހާގެ ބަނޑުން އުފަންވި އިރުވެސް އޮތް މަޢުޞޫމުކަމުގައެވެ. މާނައީ، ހުރިހާ ފާފަތަކަކުން ޠާހިރުވެފައިވާ މީހެއްގެ ގޮތުގައެވެ.
ކޮންމެ އަޅުކަމެއްގެ ވެސް ދެ ފުށެއްވެއެވެ. އެއީ ބޭރުފުށާއި އެތެރެފުށެވެ. ބޭރުފުށަކީ، އަޅުގަނޑުމެންނަށް އެ މީހަކު އެ އަޅުކަން ކުރާއިރު ބޭރުން ފެންނާން ހުންނަ ހަރަކާތްތަކާއި ކިޔާ ކިޔެވުމެވެ. އެތެރެފުށަކީ، އޭނާގެ ހިތުގައި އޮންނަ ނިޔަތާއި، އެ އަޅުކަމެއްގައި އޭނާ ޚުޝޫޢަތްތެރިވާ ޚުޝޫޢަތްތެރިވުމާއި، މާތް ﷲ އަށް ބިރުވެތިވާ ބިރުވެތިވުމެވެ. އެތެރެފުށުގެ މި ޢަމަލަކީ ހުރިހާ އަޅުކަމެއްގެ ވެސް ރޫޙެވެ. އޭގެ ޙަޤީޤަތެވެ. އޭގެ ޖައުހަރެވެ. މި ބައިތަކަށް އަޅުކަމުގެ މަޤާޞިދޭ ވެސް ބުނެވިދާނެއެވެ.
މިސާލަކަށް، ނަމާދަށް ބަލައިލަމާ ހިނގާށެވެ! ނަމާދަކީ ވެސް ބޭރުފުށުގެ ޢަމަލުތައް ހިމެނޭ އަޅުކަމެކެވެ. އޭގައި ރުކުންތަކާއި ވާޖިބުތަކާއި ސުންނަތް ހަރަކާތްތައް ހިމެނެއެވެ. އެހެންނަމަވެސް ނަމާދުގެ ރޫޙަށް ބަލާއިރު، ނަމާދުގެ ރޫޙަކީ ނަމާދުގައި ޚުޝޫޢަތްތެރިވުމެވެ. މާތްﷲ އަށް ހިތްނިޔަތް ޚާލިޞްކުރުމެވެ. މާތްﷲ ގެ މަތިން ހަނދުމަކުރުމެވެ. މިހެން މިކަން އޮތަސް، ނަމާދުގެ ބޭރުފުށުން އެ މީހަކު ކުރާންޖެހޭ ކަންކަން ކުރުމުން އޭނާގެ ނަމާދު ޞައްޙަވެގެންވެއެވެ. އެހެނަސް، ނަމާދުން އޭނާގެ ޙަޔާތަށް އަންނާންޖެހޭ ހެޔޮ އަސަރުތަކެއް އޭގެ އެންމެ ފުރިހަމަ ގޮތުގައެއް ނާންނެއެވެ. ހަމަ އެހެންމެ، އަޅުކަމުން އިންސާނާގެ ހިތަށް އެ އަންނަ އުފާވެރިކަމާއި، އަޅުކަމުގެ ފޮނިމީރުކަން އެ މީހަކަށް އިޙްސާސެއް ނުކުރެވޭނެއެވެ. އެ ނަމާދުން އޭނާއަކަށް ތަޤްވާވެރިކަމާއި ބިރުވެތިކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. އެ ކަންކަން ޙާޞިލުވާނީ، އަދި ނަމާދުގެ މަޤާޞިދު ފުރިހަމަވާނީ، ނަމާދުގައި ހިމެނޭ އެތެރެފުށުގެ ބައި ފުރިހަމަވެގެންނެވެ. އޭގެ ރޫޙާ އެއްގޮތަށް އެ ނަމާދުތައް އަދާކޮށްގެނެވެ. ޚުޝޫޢަތްތެރިކަމާއި ޚުޟޫޢަތްތެރިކަން އައިސްގެންނެވެ.
ދެން ޙައްޖަށް އެނބުރިލަމާތޯއެވެ. ޙައްޖަށް ބަލާއިރު، ޙައްޖުން އަޅުގަނޑުމެންނަށް ޙާޞިލުވާންޖެހޭ މަޤާޞިދުތައް ވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި، މާތް ﷲ އެއްކައުވަންތަކުރުމާއި، އެ އިލާހު މަތިވެރިކުރުމުގެ ޝިޢާރު މުސްލިމުންގެ ހިތުގެ ތެރޭގައި ބިންވަޅު ނެގުމާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާ މުސްލިމުން ގުޅުން ވަރުގަދަކުރުމާއި، އެޔާއެކު ޙައްޖުން ލިބިދެވޭ ދުނިޔެވީ މަންފާތަކާއި ފައިދާތައް ލިބިގަތުން ވެސް ހިމެނެއެވެ.
މާތްﷲ އެއްކައުވަންތަކޮށް ތައުޙީދު ޤާއިމުކުރުމުގެ މަޤްޞަދަށް ބަލާއިރު، މުޅި ޙައްޖުގެ އަޅުކަންތައް ބިނާވެފައިވަނީ އެކަމުގެ މައްޗަށެވެ. ޙައްޖުގެ ޝިޢާރުތަކުގައި މުޅީންހެން ވަނީ ތައުޙީދުގެ ކަލިމަތަކާއި ޝިޢާރުތަކެވެ. ޙައްޖުގެ އިޙްރާމަށް ވަނުމުގައި ވަނީ މާތްﷲ އަށް އަޅުގަނޑުމެން އިޖާބަދޭ ވާހަކައެވެ. ތަލްބިޔާގައި ވަނީ އަޅުގަނޑުމެން އެ އިލާހު އެއްކައުވަންތަކުރާ ވާހަކައެވެ. ޝިރުކުގެ އެންމެހައި ކަންކަމުން އަޅުގަނޑުމެން ބަރީއަވާ ވާހަކައެވެ. މުޅި ކާއިނާތާއި ކާއިނާތުގެ ތަދުބީރުކުރެއްވުން ވަނީ އެ އިލާހުގެ އަތްޕުޅުގައި ކަމުގެ ވާހަކައެވެ. ހުރިހާ ޙަމްދު ޘަނާއެއް ހުރީ އެ އިލާހަށް ކަމުގެ ވާހަކައެވެ. ހުރިހާ ނިޢުމަތްތަކެއް އަޅުގަނޑުމެންނަށް ދެއްވާ ފަރާތަކީ އެ އިލާހު ކަމުގެ ވާހަކައެވެ. އެއަށްފަހު، ޠަވާފާއި، ޞަޢުޔާއި، މިނާއާއި، މުޒްދަލިފާއާއި، ޢަރަފާތުގައި ވެސް އަޅުގަނޑުމެން ފާޅުކުރާ ޝިޢާރަކީ ތައުޙީދުގެ ޝިޢާރެވެ. މުޅި ޖައްވު ގުގުމާލަނީ ތައުޙީދުގެ ކަލިމައިންނެވެ. ޢަރަފާތް ދުވަހުގައި ދެއަތް މައްޗަށް ނަގައިގެން އަޅުގަނޑުމެންގެ ހުރިހާ އެދުމެއް ހުށަހަޅަނީ ކާއިނާތުގެ ވެރި އެއްކައުވަންތަ މާތްﷲ އަށެވެ. ޙައްޖުގެ ހުރިހާ ކަމެއް ބިނާވެފައިވަނީ މި ޝިޢާރުގެ މައްޗަށެވެ. ރަނގަޅު މަބްރޫރު ޙައްޖެއް އަޅަކަށް ލިބޭނީ ތައުޙީދުގެ މަތީގައި ކުރާ ޙައްޖަކުންނެވެ. ތައުޙީދުގެ މަތިވެރި ޝިޢާރު ދެމެހެއްޓުމުންނެވެ. މިއީ އަޅުގަނޑުމެންގެ މުޅި ޙަޔާތުގައި ތައުޙީދު ދަމަހައްޓާން އަޅުގަނޑުމެންނަށް އަދާކުރެވޭ ތަމްރީނެކެވެ. މާއްދީ މި ޙަޔާތުގައި އުޅޭ ހިނދު، ޣާފިލުވެގެން ނުގޮސް ތައުޙީދު މަތީގައި ޙަޔާތުގެ ދުވަސްތައް ހޭދަކޮށް އެ ގޮތުގައި މަރުދުވަހާ ހަމަޔަށް ތިބުމަށް އަޅުގަނޑުމެންވާ ތަމްރީނެކެވެ. ހަނދާންކުރާ ހަނދާންކުރުމެކެވެ.
ހަމަ އެހެންމެ ޙައްޖުގެ މަޤާޞިދުގެ ތެރެއިން ފާހަގަކުރެވޭ އަނެއް ކަމަކީ، މުސްލިމުންނާ އެބައިމީހުންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމާއާ އޮންނަ ގުޅުން ދެމެހެއްޓުމެވެ. އަޅުކަން ކުރާކަމަށް ވާނަމަ، އެ އަޅުކަމެއް މާތް ﷲ ޤަބޫލުކުރައްވަނީ އެ އަޅުކަމެއްގައި ދެ ޝަރުޠެއް ފުރިހަމަވުމުންނެވެ. އެއީ މާތް ﷲ އަށް އިޚްލާޞްތެރިކަމާއެކު އެ އަޅުކަމެއް ކުރުމާއި، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި ގޮތަށް އެ އަޅުކަމެއް ކުރުމެވެ. ނަމާދާ ބެހޭގޮތުން އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވަނީ، ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށް ގޮތަށް ތިޔަބައިމީހުން ނަމާދުކުރާށޭއެވެ. އެހެންކަމުން، ނަމާދު އަޅުގަނޑުމެން ކުރާން ޖެހެނީ އެކަލޭގެފާނު ދެއްކެވި ގޮތަށެވެ. އެއަށް އުނިއިތުރެއް ގެނައުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މުސްލިމުންނަށް އަމުރުކުރެއްވިގެންވަނީ އެކަލޭގެފާނަށް ތަބާވުމަށެވެ. އެކަލޭގެފާނު ދެއްކެވި ގޮތަށް އެންމެހައި އަޅުކަމެއް ކުރުމަށެވެ. އަމިއްލަ އަމިއްލަޔަށް އަޅުކަމުގެ ތެރެއަށް ގެނެވޭ އުނިއިތުރަކީ އެ މީހަކަށް ރައްދުކުރެއްވިގެންވާ ކަމެކެވެ. އެކަމުގެ ސަބަބުން އެ މީހަކު ފާފަވެރި ވެސް ވެދާނޭ ކަމެކެވެ.
ޙައްޖާ ބެހޭގޮތުން އެކަލޭގެފާނު ޙަދީޘްކުރައްވައިފައިވަނީ، ތިމަންކަލޭގެފާނުގެ އަރިހުން ތިޔަބައިމީހުން ޙައްޖުގެ އަޅުކަންތައް ލިބިގަންނާށޭއެވެ. އެކަލޭގެފާނު ވަނީ ޙައްޖުކުރާނޭ ގޮތް ޢަމަލީގޮތުން އުންމަތަށް ދައްކަވައިދެއްވައިފައެވެ. އަޅުގަނޑުމެން ޙައްޖުކުރާން ޖެހެނީ އެކަލޭގެފާނުގެ ސުންނަތާ އެއްގޮތަށެވެ. އެ ސުންނަތުގައި ބަޔާންވެފައިވާ ގޮތަށެވެ. ޙައްޖުގެ އަޅުކަމުގެ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާންވާނީ އެކަލޭގެފާނަށް ތަބާވުމުގެ ޝުޢޫރާ ވެސް އެކުގައެވެ. ޙައްޖުގެ ކޮންމެ ރުކުނެއް، ކޮންމެ ވާޖިބެއް، ކޮންމެ ޝިޢާރެއް އަޅުގަނޑުމެން އަދާކުރާން ޖެހެނީ އެކަލޭގެފާނު އެ ކަންތައް ކުރެއްވީ ކޮން ގޮތަކަށްތޯ ބެލުމަށްފަހު އެ ގޮތަކަށެވެ. އެހެންކަމުން، ޙައްޖުގެ މަޤާޞިދުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަޤްޞަދަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިޤްތިދާވުމެވެ. އަޅުގަނޑުމެންނަށް ޙައްޖުން ދަސްކޮށްދެނީ، ޙަޔާތުގެ ކޮންމެ ކަމެއްގައި ވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމެވެ. އަޅުގަނޑުމެންނާ އެކަލޭގެފާނާ ގުޅުން ވަކިނުވެ ދެމެހެއްޓިގެން ދިޔުމެވެ.
މާތްﷲ ގެ މަތީން ހަނދުމަކުރުމަކީ ވެސް ޙައްޖުގެ މަޤާޞިދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޙައްޖުގެ އާޔަތްތަކުގައި ވަރަށް ގިނައިން ތިޔަބައިމީހުން މާތްﷲ މަތީން ގިނަގިނައިން ހަނދުމަކުރާށޭ ވަޙީކުރައްވައިފައިވެއެވެ. ޙައްޖުގެ މަޝާޢިރުތަކުގައި ޙައްޖުވެރީން ތިބޭ ހިނދު މާތްﷲ ގެ މަތީން ގިނަގިނައިން ހަނދުމަކުރުމަކީ ޙައްޖުގެ އެންމެ ބޮޑު އެއް މަޤްޞަދެވެ. މީގެ އިތުރުން ވެސް މުސްލިމުންނަކީ އެއްބައެއް ކަމާއި، އެއްބައިވަންތަ ބައެއްކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި، ވިޔަފާރީގެ މަންފާތައް ލިބިގަތުމާއި، އެއް ބަޔަކު އަނެއް ބަޔަކާ ތަޢާރަފުވުމާއި، މަޙްޝަރު މައިދާނުގެ މަތީން ހަނދުމަކުރުން ފަދަ ވަރަށް ގިނަ ކަންކަން ހިމެނެއެވެ.
ޙައްޖަކީ އަޅުކަމެކެވެ. ޙައްޖަކީ މަދަރުސާއެކެވެ. ޙައްޖަކީ މެސެޖެކެވެ. އެހެންކަމުން، މި އަޅުކަން އަޅުގަނޑުމެން އަދާކުރާންވީ މާތްﷲ ރުއްސަވާފަދަ ގޮތަކަށެވެ. އަދި މި އަޅުކަމުގައި ހިމެނޭ ހުރިހާ މަޤާޞިދެއް ޙާޞިލުވާނޭ ފަދަ ގޮތަކަށެވެ.