ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިން ކުރު ވީޑިއޯ ހިއްސާކުރުމަށް މިހާރު އެންމެ މަޝްހޫރު އެއް ޕްލެޓްފޯމަކީ ޓިކްޓޮކެވެ. އަދި މިއީ ޒުވާން އުމުރުގެ ކުދިން އެންމެ ގަޔާވާ ޕްލެޓްފޯމެވެ.

ޓިކްޓޮކްގެ މަގުބޫލުކަމާއެކު މިހާރު ޒުވާނުންނާ ގުޅޭ ގޮތަަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށާއި އަމިއްލަ ކުންފުނިތައް ޕްރޮމޯޓް ކުރުމަށް ވެސް ޓިކްޓޮކް ހިޔާރުކުރާ މިންވަރު ގިނަ އެވެ. މި ލިސްޓަށް މަޑު މަޑުން ސަރުކާރުގެ މުވައްސަސާތައް ވެސް މިވަނީ އިތުރުވާން ފަށައިފަ އެވެ.

އެގޮތުން ދާދި ފަހުން ހަބަރުތަކުގެ ފަލަ ސުރުޚީ އިން ޖާގަ ހޯދީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ރަސްމީކޮށް ޓިކްޓޮކާ ގުޅުނު ހަބަރަށެވެ. މިކަން ބައެއް މީހުންނަށް ޖޯކަކަށް ވެގެން ދިޔަ އެވެ. ނަމަވެސް ޒުވާނުންނާ ހަމައަށް ހަބަރުތައް ގެނެސްދީ ވީހާވެސް "ރީޗް" ބޮޑުކުރުމަށް މިއީ ރަނގަޅުކަމެއް ކަމަށް ދެކުނު މީހުން ވެސް މަދެއް ނޫނެވެ.

މިހާރު އެންމެ ބިޒީވެފައިވާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ވެސް މިވަނީ މިދިޔަ ހޮނިހިރު ދުވަހު ޓިކްޓޮކާ ގުޅިފަ އެވެ.

ދިމާވެގެން މިއުޅޭ ކޮވިޑް-19 ޕެންޑެމިކާއެކު އާންމު ސިއްހަތާ ގުޅޭ އެންމެހާ ކަމެއްގެ ޒިންމާ ކޮނޑުގައި އަޅައިގެން އޮތް މުއައްސަސާ އިން ޓިކްޓޮކާ ގުޅުނު މަގުސަދަކީ މިބައްޔާ ގުޅޭ މައުލޫމާތު ވީހާ ވެސް ގިނަ ބަޔަކަށް ތަފާތު ގޮތަކަށް ފޯރުކޮށްދީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ވެކްސިނާ މެދު ވެސް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރުމެވެ.

އެޗްޕީއޭ އިން އެންމެ ފުރަތަމަ ޓިކްޓޮކަށް ދޫކޮށްލި ވީޑިއޯ އަކީ ވެކްސިން ޖެހުމަށް މީހުން ހޭލުންތެރިކުރުވުމުގެ ގޮތުން އާންމުކުރި ވީޑިއޯ އެކެވެ. އެ ވީޑިއޯއިން ދައްކުވައި ދެނީ ޓީވީއެމްގެ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމް ވެކްސިން ޖަހަން ގޮސް އުޅޭ ތަނެވެ.

މީގެ އެއް ދުވަސް ކުރިން އެޗްޕީއޭ އިން އާންމުކޮށްފައިވާ އެ ވީޑިއޯއަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ.

މާސްކު އަޅަން ހަނދާންކޮށްދީ މެސެޖެއް ދިނުމަށް ކުޅެފައިވާ މި ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި ދުއްވާފައި އަންނަ މީހެކެވެ.

އޭނާގެ ކުރީގައި ދުއްވަމުން ދިޔަ ސައިކަލުގެ ހަރު ނުނައްޓާ ހުރުމުން "ބްރޯ ހަރު" އޭ ބުނެލަން ގޮވާލުމުން އޭނާ ފަސްއެނބުރި ބެލިއިރު ކަމަކުދާކަށް ނެތެވެ. އޭނާ ހުރީ މާސްކު ނާޅަ އެވެ. އެ ހިސާބުން ހަރުގެ މަތިން ހަނދާންނެތި ބުނެވެނީ "ބްރޯ މާސްކު" މިހެންނެވެ. ވީޑިއޯ ނިންމާލަމުން ރައްކާތެރިކަމަށްޓަކައި މާސްކުއެޅުމަށް ހަނދާންކޮށްދީފައިވެ އެވެ.

ވީޑިއޯ ގެނެސްދީފައިވާ ގޮތުން މަޖާ ގޮތުން ގިނަ ބަޔަކަށް މިވަނީ އެ ވީޑިއޯތައް ކަމުގޮސްފަ އެވެ. އެ ވީޑީއޯތަކަށް 1،700 އަށްވުރެ ގިނަ މީހުން އެ ވީޑިއޯ ބަލާފައިވާ އިރު 102 ކޮމެންޓް ލިބިފައިވެ އެވެ.

މިއާއެކު މިހާރު އެޗްޕީއޭގެ އާ ޓިކްޓޮކަކަށް އިންތިޒާރުކުރާ މީހުން މިވަނީ ގިނަވެފަ އެވެ.