އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް މުމްބާއީގެ ކޮކިލާބެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާރްތީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ބަނޑުގައި ރިއްސާތީ އެވެ. އެކަމަށް ހެދި ޓެސްޓްތަކުން ބާރްތީގެ ގޯލްޑްބްލެޑާގައި ހިލަ އުފެދިފައި ހުރުމުގެ ސަބަބުން އޮޕަރޭޝަނެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފިރިމީހާ ހަރްޝް ލިމްބަޗިއާއާ އެކު ހޮސްޕިޓަލުގެ އެނދު މަތީގައި އިނދެ ބާރްތީ ވަނީ އޭނާގެ ޔޫޓިއުބް ޗެނަލްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ތަޖުރިބާ ހިއްސާކޮށްފަ އެވެ. އެންމެ ފުރަތަމަ އޭނާގެ ނުތަނަވަސްކަން ފާހަގަކުރެވެނީ ހައި އެސިޑިޓީ ނުވަތަ ފުޑް ޕޮއިޒަނިންގެ ސަބަބުން ކަމަށް ހިއްސާކޮށް އޭނާ ބުނީ ބަނޑުގައި ރިއްސުމުގެ ހަގީގީ ސަބަބު ދާދި ފަހުން އެނގުނު ކަމަށެވެ. އަދި އަވަހަށް އޮޕަރޭޝަން ކުރަންޖެހޭކަން ޑޮކްޓަރު އަންގާފައިވާ ކަމަށް ވެސް ބާރްތީ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ބާރްތީ ބުނީ އެގޮތަށް ހޮސްޕިޓަލުގައި އޮންނަށް ޖެހުމުން އޭނާގެ ދެ އަހަރުގެ ދަރިފުޅު ގޯލާ މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަނގަޅަށް ނުނިދި އިތުރަށް އުނދަގޫތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.
ބާރްތީ ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކޮށްދޭން ވެސް އެދިފަ އެވެ.
އުމުރުން 38 އަހަރުގެ ބާރްތީ އާއި 36 އަހަރުގެ ހާޝްގެ ކައިވެންޏަށް މިހާރު ހަ އަހަރު ވެއްޖެ އެވެ. ލިޔުންތެރިއެއްގެ ގޮތުގައި ފިލްމު އިންޑަސްޓްރީ އަށް ނުކުތް ބާރްތީގެ ފިރިމީހާ މިހާރު މަސައްކަތްކުރަނީ ބާރްތީއާ އެކު އެވެ. އެ ދެމަފިރިން އެކުގައި ޓީވީ ޝޯތައް ވެސް ހޯސްޓްކުރެ އެވެ.
އެގޮތުން "ޑާންސް ދީވާނޭ 3" ގެ އިތުރުން ސޮނީ ޓީވީގެ "އިންޑިއާސް ބެސްޓް ޑާންސާ 2" ވެސް ދެމަފިރިން ހޯސްޓްކޮށްފައިވެ އެވެ.
އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު މީހެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބާރްތީ އަކީ ސޮނީ ޓީވީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ވެސް ބައިވެރިއެކެވެ.