އިއްޔެ ވ. އަންބަރާ ކައިރިން ޑިންގީގައި އޮޔާ ދަނިކޮށް ފެނުނު މީހާއާއި ވ. އަތޮޅު ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ލަންކާއަށް ނިސްބަތްވާ މަސްވެރިން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ދެ މީހުންނަކީ ޖެނުއަރީ 30ގައި ލަންކާއިން މަސްވެރިކަމަށް ފުރި ދެ މީހުން ކަމަށެވެ.

"އެ ދެ މީހުން ރާއްޖެއާ ހިސާބަށް އައީ ބެހިގެން ކަމަށް އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ ބޭރުފުށުން ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހަށިގަނޑު މާލެ ގެނަން ނިންމި ކަމަށް އިއްޔެ ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެކަމާ ގުޅިގެން އިތުރަށް ސާފު ކުރަން ޖެހޭ މައުލޫމާތު ރަސްމީ އިދާރާތަކުން ސާފު ކުރަމުންދާ ކަމަށެވެ.