ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުވާ ބޭނުންވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހައުސިން މިނިސްޓްރީން ދިފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް އެ މިނިސްޓްރީން ހުޅުވާލި ފުރަތަމަ ފުރުސަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއް ކަމަށެވެ. އަދި ގުޅީފަޅަށް ބަދަލުވުމަށް ހުށަހަޅުއްވާފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެވިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި ބަދަލާ ގުޅިގެން ތިރީގައި މިވާ އަދަދަށް ގޯތި ބަދަލުކުރުމުގެ ފުރުސަތު އޮތުމާއެކު، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ގޯތި ބަދަލުކުރުމުގެ އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ހުޅުވައިލާ ކަމަށެވެ.

އެގޮތުން މިހާރު އިއުލާންކޮށްފައި ވަނީ 1،250 އަކަފޫޓުގެ ޖުމްލަ ތިން ގޯތި ދޫކުރާ ކަމަށާ އަދި 1،650 އަކަފޫޓުގެ 20 ގޯތި ދިނުމަށެވެ.

ގޯތި ބަދަލުކުރަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ފުރަތަމަ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރުސަތުގައި 1914 މީހުން ހުށައެޅި އެވެ. އެއީ ގިރާވަރުފަޅުން ލިބުނު ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި އަދި 2450 އަކަފޫޓުގެ ހަތަރު ގޯތި ބަދަލުކުރުމަށެވެ.