ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި ގޯތި ގުޅިފަޅަށް ބަދަލު ކުރަން ހައުސިން މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 1،900 އަށްވުރެ ގިނަ މީހުން އެކަމަށް އެދިއްޖެ އެވެ.

ހައުސިން މިނިސްޓްރީން ވަނީ ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދުނު މީހުންގެ ލިސްޓު ގެޒެޓުކޮށްފަ އެވެ.

ގިރާވަރު ފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިން، ގުޅިފަޅަށް ބަދަލުކުރުމަށް ހައުސިން މިނިސްޓްރީން ހުޅުވާލި އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި މަހުގެ 17 ނިޔަލަށް ހުޅުވާލި ފުރުސަތުގައި 1،914 މީހުން އެކަމަށް އެދި ފޯމު ހުށައަޅާފައިވާ ކަމަށެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން އަދި ކުރިމަތިލީ އަދަދު

1250 އަކަފޫޓުގެ 193 ގޯއްޗަށް / 928 މީހުން ކުރިމަތިލި

1650 އަކަފޫޓުގެ 663 ގޯއްޗަށް / 769 މީހުން ކުރިމަތިލި

2050 އަކަފޫޓުގެ 487 ގޯއްޗަށް / 213 މީހުން ކުރިމަތިލި

2450 އަކަފޫޓުގެ 4 ގޯއްޗަށް / 3 މީހުން ކުރިމަތިލި

ހައުސިން މިނިސްޓްރީން ކަނޑައެޅި އަދަދަށްވުރެ މަދުން ފޯމު ހުށައަޅާފައިވާތީ، 2050 އަކަފޫޓު އަދި 2،450 އަކަފޫޓުގެ ގޯތިތައް ގުޅިފަޅަށް ބަދަލުކުރުމަށް އެދި ހުށައެޅި އެންމެންގެ ގޯތި، ގުޅިފަޅަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ 1250 އަކަފޫޓު އަދި 1650 އަކަފޫޓުގެ ކެޓަގަރީން، ކަނޑައެޅި އަދަދަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށެވެ. މި ދެކެޓަގަރީން ހުޅުވާލީ ޖުމްލަ 856 ފުރުސަތު ނަމަވެސް އިތުރަށް 841 މީހުން ފޯމު ހުށައެޅި ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެހެންކަމުން މި ދެ ކެޓަގަރީން ފޯމު ހުށަހެޅި މީހުންގެ ތެރެއިން، ގުޅިފަޅަށް ގޯތި ބަދަލުކުރެވޭ މީހުން ކަނޑައަޅާނީ އެކަމަށް ނަގާ ގުރުއަތަކުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ. ގުރުއަތު ނެގުން އޮންނާނެ ތާރީހެއް ހައުސިން މިނިސްޓްރީން އިއުލާނު ކުރާނެ އެވެ. ގުޅިފަޅަށް ގޯތި ބަދަލުކުރަން ހުށަހެޅި މީހުންގެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، މޭމަހުގެ 1 ވަނަ ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

ކުރީ ސަރުކާރުން ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް ނިންމާ އޭގެ ލިޔުން ހަވާލުކޮށްފައިވެ އެވެ. ނަމަވެސް އެ އަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން، މި ސަރުކާރުންވަނީ 1374 ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ދީފަ އެވެ.

ގުޅިފަޅުން ހިއްކާފައިވަނީ 160 ހެކްޓަރުގެ ބިމެވެ. އެ ފަޅުގައި ބާކީ އޮތް 85 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން މިހާރު ވަނީ އެކަމާ ގުޅޭ މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރައްވައިފަ އެވެ.