މި އަހަރުގެ ފުރަތަމަ ކުއާޓާގައި މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އަށް 76.2 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 40.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 35.9 މިލިޔަން ރުފިޔާ ލިބުނެވެ.

އެމްޑަބްލިޔުއެސްސީގެ މާލީ ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު އެމްޑަބްލިޔުއެސްސީގެ އާމްދަނީ ދަށެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 369 މިލިޔަން ރުފިޔާ، އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 334 މިލިޔަން ރުފިޔާ އެވެ. އެހެންނަމަވެސް ހަރަދުތައް ކުޑަކޮށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ބޮޑު ފައިދާއެއް ލިބިފަ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 334 މިލިޔަން ރުފިޔާގެ އާމްދަނީއެއް އެމްޑަބްލިއުއެސްސީއަށް ލިބިފައިވާއިރު، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 181 މިލިޔަން ރުފިޔާ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި ކުންފުންޏަށް ލިބިފައިވަނީ 95 މިލިޔަން ރުފިޔާ އެވެ.

އެމްޑަބްލިޔުއެސްސީއަކީ މާލެ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ މައި ކުންފުންޏެވެ. މާލެ ސަރަހައްދުގެ އިތުރުން ކުޅުދުއްފުށީ ސިޓީ އާއި މާފުއްޓަށް އަންނީ ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ރ. ދުވާފަރުގެ ހުރިހާ ޔުޓިލިޓީ ހިދުމަތެއް ދެމުން އަންނަނީ ވެސް އެމްޑަބްލިޔުއެސްސީންނެވެ.

އެމްޑަބްލިޔުއެސްސީއަކީ ފެނާއި ނަރުދަމާ ހިދުމަތް ދިނުމުގެ އިތުރުން ރާއްޖޭގައި އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކުންފުންޏެކެވެ. މިހާރު ވެސް 20 ވުރެން ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސަކަތް އަންނަނީ ކުރަމުންނެވެ.