ލަންޑަން (8) - އޮކްސްފޯޑް-އެސްޓްރާޒެނިކާ ކޮވިޑް ވެކްސިން މުޅި ދުނިޔޭގައި ވިއްކުން ހުއްޓާލައި، އެ ވެކްސިން ބާޒާރުން ނަގަން ފަށައިފި އެވެ.

އެސްޓްރާޒެނިކާ އިން މި ވެކްސިން ބޭނުންކުރުން މި ހުއްޓާލީ، އެ ވެކްސިންގައި ނުރައްކާތެރި ސައިޑް އިފެކްޓްސް ހުރި ކަމަށް ކޯޓުގެ ބައެއް ލިޔުންތަކުގައި ފުރަތަމަ ފަހަރަށް އެއްބަސްވުމަށް ފަހު އެވެ.

ޔޫރަޕިއަން ޔޫނިއަންގެ އެއްވެސް ގައުމަކުން އެސްޓްރާޒެނިކާ ވެކްސިން މިހާރު ލިބޭކަށް ނުހުންނާނެ އެވެ. މި ވެކްސިން ވިއްކުން ހުއްޓާލަން ނިންމީ މާޗް 5 ވަނަ ދުވަހު އެވެ. އަދި އެ ނިންމުމަށް އަމަލުކުރަން ފަށާފައި ވަނީ އަންގާރަ ދުވަހުން ފެށިގެންނެވެ.

އެސްޓްރެޒެނިކާ ކޮވިޑް ވެކްސިނަށް ހުއްދަދީފައިވާ އެހެން ގައުމުތަކުން ވެސް ވަރަށް އަވަހަށް އެ ވެކްސިން ވިއްކުން މަނާކުރާނެ އެވެ.

އެސްޓްރާޒެނިކާ އިން ބުނެފައި ވަނީ އެ ވެކްސިން ބާޒާރުން ނަގަނީ ވިޔަފާރީގެ ސަބަބުތަކަށްޓަކައި ކަމަށެވެ. އެއީ ކޮވިޑުގެ އާ ވޭރިއަންޓްތައް އުފަންވުމާ އެކު ވެކްސިންގެ އާ އެތައް ވައްތަރުތަކެއް ބާޒާރުން މިހާރު ލިބެން ހުންނާތީ އެސްޓްރާޒެނިކާގެ ވެކްސިންގެ ބޭނުން ކެނޑި އެ ވެކްސިން މިހާރު އުފައްދަމުން ނުދާތީ އެވެ.

އެކަމަކު ވޭތުވެދިޔަ މަސްތަކުގައި ވަނީ އެސްޓްރާޒެނިކާގެ ކޮވިޑް ވެކްސިންގެ ސީރިއަސް ސައިޑް އިފެކްޓްސް މައްސަލަތަކެއް ކުރިމަތިވެފަ އެވެ. ވެކްސިން ޖެހި ބައެއް މީހުންގެ ލޭގަނޑުވުމާއި ލޭގެ ޕްލޭޓްލެޓް ކައުންޓް ދަށްވެގެން ފުރާނައަށް ނުރައްކާވާ ހާދިސާތައް ވެސް ވަނީ ކުރިމަތިވެފަ އެވެ. ކޯޓަށް ހުށަހެޅި މިފަދަ މައްސަލައެއްގައި އެސްޓްރާޒެނިކާ އިން ވަނީ "ޓީޓީއެސް" އަށް އެއްބަސް ވެސް ވެފަ އެވެ. ޓީޓީއެސްއަކީ ތުރޮމްބޯސިސް، ތުރޮމްބޯސައިޓޯޕީނިއާ ސިންޑްރޯމް ނުވަތަ ލޭގަނޑުވުމާއި ޕްލޭޓްލެޓް ކައުންޓް ދަށްވުމެވެ. ޓީޓިއެސްގައި އިނގިރޭސިވިލާތުން އެކަނިވެސް 81 މަރު ރިޕޯޓްކޮށްފައިވެ އެވެ. މިފަދަ ކޭސްތަކާ ގުޅިގެން އެސްޓްރަޒެނިކާއާ ދެކޮޅަށް 50 އަށް ވުރެ ގިނަ މީހުން ވަނީ ކޯޓުގައި މައްސަލަ ޖައްސައިފަ އެވެ.

އެސްޓްރަޒެނިކާ އިން ބުނެފައި ވަނީ ވެކްސިން ބާޒާރުން ނަގަނީ ކޯޓް ކޭސްތަކާ ގުޅިގެން ނޫން ކަމަށެވެ.

އެސްޓްރާޒެނިކާގެ ތިން ބިލިއަން ޑޯޒް ވަނީ ދީފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ވެކްސިންގެ ސަބަބުން 6.5 މިލިއަން މީހުންގެ ފުރާނަ ވަނީ ފުރަތަމަ އަހަރު ވެސް ސަލާމަތްކުރެވިފަ އެވެ.

"ކޮވިޑުގެ އެކި ވޭރިއަންޓްތައް އުފަންވުމާ އެކު ފަހުގެ އާ ވެކްސިންތައް ވަނީ އުފައްދާފައި. އެހެންވެ އެސްޓްރާޒެނިކާގެ ވެކްސިން އަށް އޮތް ޑިމާންޑް ވަނީ ކުޑަވެ އެ ވެކްސިން އުފައްދައި ސަޕްލައި ކުރުން ވެސް ވަނީ ނިމުމަކަށް ގެނެސްފައި. ވުމާ އެކު އެ ވެކްސިން ބާޒާރުން ނަގަން އެސްޓްރާޒެނިކާ އިން ވަނީ ނިންމާފައި،" ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުން ވަނީ 2021 ވަނަ އަހަރުގެ ވަކި ހިސާބަކުން އެ ގައުމުގައި އެސްޓްރާޒެނިކާ ވެކްސިން ބޭނުންކުރުން ހުއްޓާލައިފަ އެވެ. އޭރު އެ ގައުމަށް ވަނީ 50 މިލިއަން ޑޯޒް ސަޕްލައިކޮށްފަ އެވެ. އެސްޓްރާޒެނިކާ ވެކްސިންގެ ބަދަލުގައި އިނގިރޭސިވިލާތުގައި ބޭނުންކުރަން ފެށީ ފައިޒާ އާއި މޮޑާނާގެ ވެކްސިން އެވެ.