ބިދޭސީން ޓެކްސީ ކުރާ ނަމަ، ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ޓެކްސީ ކުރުމުގައި އުޅޭ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަން އިއުލާން ކޮށްފަ އެވެ.

އަމިއްލަ ޓެކްސީތަކުގައި ބިދޭސީން ޓެކްސީ ކުރުން މިހާރު އާންމުކަމަކަށް ވަނީ ވެފަ އެވެ. އެހެންވެ، ޓެކްސީތައް ބޭނުން ކުރާ އާންމުންގެ ޝަކުވާ މިކަމުގައި ވަރަށް ބޮޑެވެ.

ޓެކްސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ބިދޭސީންނަށް ޓެކްސީ ކުރުމަށް ލައިސަންސް ދޫކުރަނީ ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާލިބި، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭނަމަ އެވެ.

އެ ނޫން އިތުރު ގޮތަކަށް ބިދޭސީން ޓެކްސީ ކުރުމަކީ ގަވާއިދާ ހިލާފު ކަމެކެވެ. އެފަދަ ބިދޭސީންނަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަކީ ހުއްދަ ނެތް ފަރާތަކު ޓެކްސީ ކުރި ކަމަށް ނިންމައި 500ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހުއްދަ ނެތް ފަރާތަކު ޕްރައިވެޓް ހަޔާއެއްގައި ހިދުމަތް ދިނުން ކަމަށް ނިންމައި 750ރ. އިން ޖޫރިމަނާ ކުރުމެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އެމްއޭސީއެލް އަދި ފުލުހުން ގުޅިގެން މިހާރު ވަނީ ޓެކްސީތަކުގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ.