އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 3-1 އިން ރަށުން ބޭރުގައި މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން 10 ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މެޗުގެ 32 ވަނަ މިނިޓުގައި ސިޓީން ލީޑު ނެގީ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ޖެހި ލަނޑުންނެވެ. އެކަމަކު އޭގެ ފަސް މިނިޓު ފަހުން، އެވަޓަންގެ ބްރެޒިލް ފޯވަޑް ރިޗާލިސަން ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ސިިޓީން ދެވަނަ ހާފުގައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ ރިޔާދް މަހްރޭޒް އަދި ބެނާޑޯ ސިލްވާ ޖެހި ލަނޑުތަކުންނެވެ.
ސިިޓީ ތާވަލްގެ އެއްވަނައިގައި އޮތީ 56 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓަޑާއި ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އޮތީ 46 ޕޮއިންޓާއެކު އެވެ.
މެޗަސް ފަހު އެވަޓަންގެ ކޯޗު ކާލޯ އެންޗަލޮޮޓީ ބުނީ ސިޓީ މިހާރު އޮތް ފޯމަށް ބަލާއިރު، އެ ޓީީމު ބަލިކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
"މި ވަގުތު އެންމެ ވަރުގަދަ ޓީމަކަށް މި އޮޮތީ ސިިޓީ. މި ވަގުތު އެ ޓީމު އޮތް ފޯމަށް ބަލާއިރު، ސިޓީއާ ވާދަކުރުމަކީ ވަރަށް އުނދަގޫ ކަމެއް،" އެންޗަލޮޓީ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ 10 ޕޮއިންޓްގެ ލީޑެއް ލިބުނަސް، ސިޓީން ލީގުގެ އެއްވެސް މެޗެއް ފަސޭހަނުކުރާނެ ކަމަށެވެ.
"ޓީމުން ޓޭބަލްއާމެދު ނުވިސްނާ. އަދި ލީގުގައި ވަަރަށް ގިނަ މެޗުތައް އެބަހުރި. އެހެންވީމަ އަދިވެސް ކުރަންޖެހޭ މަސައްކަތް އެބަހުރި،" ގާޑިއޯލާ ބުންޏެވެ. -- ބީބީސީ