އުރީދޫ މޯލްޑިވްސް އާއި ޖެންޑާ މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ދުވަހަށް ދެމިގެންދާ ފެސްޓިވަލެއް މާދަމާ ފެށުމަށް ނިންމައިފި އެވެ.

"އުފާ ފެސްޓިވަލް" ކުރިއަށްދާނީ 10 އަދި 11 މޭ ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު 4ން 6ށް އަދި ރޭގަނޑު 8ން 10ށެވެ. ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ މަގުސަދުގައި ބޭއްވޭ މި ފެސްޓިވަލަކީ އާއިލާއާއެކު ވަގުތު ހޭދަކޮށްލާ މަޖާކުރެވޭ ގޮތަށް ރާވާފައިވާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގައި މުނިފޫހިފިލުވުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ހިމެނެއެވެ. އުފާ ފެސްޓިވަލުގައި އެންމެ ހާއްސަ އެއްކަމެއްގެ ގޮތުގައި ފާހަގަ ކުރަނީ އުރީދޫގެ ފަރާތުން ބާއްވާ ފެންކުޅި އަދި ފޯމް ޕާޓީ އެވެ.

އަމިއްލަ ފެންބަޑި ހިފައިގެން އައިސް 11 ވަނަ ދުވަހު ހަވީރު 4އަކާއި 6ކާ ދޭތެރޭ މި މަޖަލުގައި ހުރިހާ ކުދިންނަށްވެސް ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އުރީދޫގެ ފަރާތުން މި ފެސްޓިވަލުގައި 11 ވަނަ ދުވަހުގެ ރޭ 8 ޖަހާއިރު މޫވީ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މޫވީ ނައިޓުގައި ދެއްކުމަށް ހަމަޖެހިފައިވަނީ "ވުޑީ ވުޑްޕެކަރ ގޯޒް ޓު ކޭމްޕް"، މި ފިލްމެވެ. ސެންޓްރަލް ޕާކުގެ ހިތްގައިމު މާހައުލުގައި އާއިލާއާއި ރައްޓެހިންނާއިއެކު މި ހަފްތާބަންދު ހޭދަކޮށްލުމަށް މިއީ ރަނުގެ ފުރުސަތެކެވެ.