ފިޔާގެ ސަޕްލައި އަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން އިންޑިއާ ސަރުކާރުން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައި ވިޔަސް، ރާއްޖެ އަށް މެދުކެނޑުމެއް ނެތި ފިޔާ އެކްސްޕޯޓް ކުރެވޭނެ ކަމުގެ ޔަގީންކަން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ދީފި އެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ފޯރުކޮށްދިނުމުގައި އިންޑިއާ ދެމި އޮންނާނެ ކަމަށެވެ. އަދި މި އަހަރުގެ ފިޔާ ކޯޓާ 29،605 ޓަނަށް އިތުރު ކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ. ފާއިތުވެ ދިޔަ އަހަރުގެ ކޯޓާ ކަމަށްވާ 25،744 މެޓްރިކް ޓަނާއި އަޅާ ކިޔާއިރު މިއީ 15 އިންސައްތަ އިތުރު އަދަދެކެވެ.
އަދި އަލުވި، ހަނޑޫ، ގޮދަން، ފުށް، މުގު އަދަި ބިސް ފަދަ ތަކެތީގެ ކޯޓާ ވެސް އިތުރުކޮށްދީފައިވާ ކަން ހައި ކޮމިޝަންގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެތީ، މިދިޔަ މެއި މަހު އިންޑިއާއިން ވަނީ 580 ޓަނުގެ ކާޑުގެ ބާވަތްތައް ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އިންޑިއާގެ ޑިރެކްޓަރު ޖެނެރަލް އޮފް ފޮރިން ޓްރޭޑްގެ ފަރާތުން ނެރެފައިވާ ނޮޓިފިކޭޝަންގައިވާ ގޮތުން އިންޑިއާއިން މިހާރުވެސް، އަދި ކުރިއަށް އޮތްތަނުގައިވެސް ހާލަތުގެ ގޮތުން ތަކެތީގެ އެކްސްޕޯޓް މަނާކުރި ނަމަވެސް، ރާއްޖެއަށް ފޮނުވޭ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތަކުގެ އެކްސްޕޯޓް މެދުނުކެނޑި ކުރިއަށްދާނެ އެވެ.
އަދި ޓުޓިކުރިން ބަނދަރުން ސެޕްޓެމްބަރު 21 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކާގޯ ފެރީ ސާވިސް ކޯޗީއިން އެކްސްޕޯޓް އައިޓަމްތައް ހިފައިގެން ފުރަތަމަ އައުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 26 ގައި ކުޅުދުއްފުއްޓަށް ކަމަށް ހައި ކޮމިޝަނުން ބުންޏެވެ. އަދި ކުޅުދުއްފުއްޓަށް ފަހު ސެޕްޓެމްބަރު 28 ގައި މާލޭގައި ބަނދަރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
މި ކާގޯ ފެރީ ސާވިސް އަކީ ޒަރޫރީ ތަކެތީގެ ސަޕްލައި މެދުނުކެޑި ދެމެހެއްޓުމަށްޓަކައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްބަސްވެވަޑައިގެންނެވި ކަމެވެ. މި ފެރީގެ ސަބަބުން ދިވެހި އެކްސްޕޯޓް ވެސް ކުރިއަރައިގެންދާނެއެވެ. އެގޮތުން ދިވެހި މަހުގެ ބާވަތްތަކީ މަހުގެ އުފެއްދުންތައް އިންޑިއާއަށާއި ޔޫރަޕުގެ ބާޒާރުތަކަށް އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެންމެ ގިނައިން ފިޔާ އުފައްދާ ކަރްނާޓަކާ އާއި އަންދްރަ ޕްރަދޭޝް އަށް މީގެ މަހެއްހާ ދުވަސް ކުރިން ކުރި ވިއްސާރައިގެ ސަބަބުން ފިޔާ ދަނޑުތައް ވަނީ އެއްކޮށް ހަލާކުވެފައެވެ. އަދި އިންޑިއާގައި ފިޔާގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ.