އިސްލާމްދީނުގެ އެންމެ މަތިވެރި އެއް ރުކުން ކަމުގައިވާ ޙައްޖުގެ އަޅުކަމުގެ ކަންކަން މުޅީންހެން ގުޅިފައިވަނީ އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ އާލުން ކަމުގައިވާ އަނބިކަނބަލުންނާއި ދަރިކަލުންނާއެވެ. ޢަރަބި ބަހުގައި މީހަކަށް ނިސްބަތްކޮށް "آلُ الرجل" އެވެ ބުނެފިއްޔާ، އޭގެ މާނައަކީ، އެ މީހެއްގެ ޢާއިލާއާއި، އެ މީހަކަށް ތަބާވާ މީހުންނާއި، އެ މީހެއްގެ ޤަބީލާގެ މީހުންނެވެ.
އިބްރާހީމްގެފާނުންގެ އާލުން އިޞްތިފާކުރެއްވުން:
މާތްﷲ ވަނީ އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ ޢާއިލާގެ މަޤާމު މަތިވެރިކުރެއްވިއެވެ. އެބޭކަލުންގެ ޒިކްރާއަކީ އަބަދުގެއަބަދަށް ޚާލިދުކުރައްވައިފައިވާ ޒިކްރާއެއްގެ ގޮތުގައި ލެއްވިއެވެ. ޢާލަމްތަކަށް އެބޭކަލުންނަކީ މަތިވެރި ކުރައްވައި އިޞްޠިފާކުރައްވައިފައިވާ ބޭކަލުންގެ ގޮތުގައި ލެއްވިއެވެ. އެބޭކަލުންނަށް ޞަލަވާތާއި ބަރަކާތްލެއްވިއެވެ. އަދި، އިބްރާހީމްގެފާނުގެ ދަރިފަސްކޮޅަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ދަރިފަސްކޮޅެއް ކަމުގައި ލެއްވެވިއެވެ. "أبو الأنبياء"، ނަބީބޭކަލުންގެ ބަފައިކަލުންގެ ލަގަބުން އެކަލޭގެފާނަށް ލަގަބުފުޅު ދެވުނީ އެހެންވެއެވެ. ޚުދު އަޅުގަނޑުމެންގެ މާތް ނަބިއްޔާ صلى الله عليه وسلم ވަޑައިގެންފައިވަނީ އިބްރާހީމް ޢަލައިހިއްސަލާމްގެ ނަޞަބުފުޅުންނެވެ.
މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
إِنَّ اللَّهَ اصْطَفَىٰ آدَمَ وَنُوحًا وَآلَ إِبْرَاهِيمَ وَآلَ عِمْرَانَ عَلَى الْعَالَمِين [آل عمران:33]
މާނައީ: "ހަމަކަށަވަރުން، اللَّه، އާދަމުގެފާނާއި، ނޫޙުގެފާނާއި، އިބްރާހީމްގެފާނުގެ އާލުވެރިންނާއި (ދަރިފަސްކޮޅު)، ޢިމްރާނުގެ އާލުވެރިން (އެދުވަސްވަރުގެ) ޢާލަމްތަކުގެ މައްޗަށް ޚިޔާރުކުރެއްވިއެވެ."
އިބްރާހީމް ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޢާއިލާގެ ސިޔަރަތު ކޮންމެވެސް ވަރަކަށް ނޭނގޭ މީހަކަށް ޙައްޖުގެ އަޅުކަމުގެ ކަންތައްތަކުގައި މި ހިމެނޭ ވަރަށް ގިނަ ކަންކަމާއި، ތަންތަނާ ގުޅިފައިވާ ސިއްރުތަކާއި ތާރީޚެއް ނޭނގޭނެއެވެ. އޭރުން އެ މީހަކަށް ޙައްޖުގެ އަޅުކަމުގެ މަޤާޞިދުގެ ތެރެއިން އުނިވެގެން އެ ދަނީ ވަރަށް ބޮޑު ބައެކެވެ.
ޙައްޖަށް މީސްތަކުން އައުމަށް ގޮވައިލެއްވުން:
މާތްﷲގެ އަމުރުފުޅަށް އެންމެ ފުރަތަމަ މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލެއްވި ބޭކަލަކީ އިބްރާހީމްގެފާނެވެ. އެހެންކަމުން، އަޅުގަނޑުމެން ޙައްޖާއި ޢުމްރާގެ އަޅުކަމުގައި އުޅޭއިރު އެ ކަން ހިތްމައްޗަށް ގެނައުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ.
މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ (الحج:27)
މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ."
މާތްﷲ އިބްރާހީމްގެފާނަށް ޙައްޖަށް ގޮވައިލެއްވުމަށް އަމުރުކުރެއްވުމާއެކު އެކަލޭގެފާނު އެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގެން މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލެއްވިއެވެ. "يأيها الناس إن الله قد كتب عليكم الحج فحجوا - އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން މާތްﷲ ތިޔަބައިމީހުންގެ މައްޗަށް ޙައްޖުގެ އަޅުކަން ފަރުޟުކުރައްވައިފިއެވެ. ފަހެ، ތިޔަބައިމީހުން ޙައްޖުގެ އަޅުކަން އަދާކުރާށެވެ."
ހަމަ އެހެންމެ، އިބްރާހީމްގެފާނު މީސްތަކުންނަށް ޙައްޖުގެ ތަލްބިޔާ ވެސް ދަސްކޮށްދެއްވިއެވެ. "لبيك اللهم لبيك، لبيك لا شريك لك لبيك، إن الحمد والنعمة لك والملك لا شريك لك". "ޔާ ﷲއެވެ! އިބަ އިލާހަށް އިޖާބައަކަށްފަހު އިޖާބާއެއް މި އަޅާ ދެމެވެ. އިބަ ﷲ އަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. ހަމަކަށަވަރުން ހުރިހާ ޙަމްދެއް ވަނީ އިބަ ﷲ އަށެވެ. އަދި ހުރިހާ ނިޢުމަތަކާއި ރަސްކަމެއް ވެސް ވަނީ އިބަ ﷲ އަށެވެ. އިބަ ﷲ އަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ."
އަޅުގަނޑުމެން ޙައްޖުގެ އަޅުކަން އަދާކުރަމުން ދާ ހިނދުގައްޔާއި، ޚާއްޞަކޮށް ތަލްބިޔާ ކިޔަމުން ދާއިރުގައި މިފަދަ ކަންކަން ހަނދާނުގައި ބެހެއްޓުމަކީ ޙައްޖުގެ މަޤާޞިދުތަކުގެ ތެރޭގައި ހިމެނޭނޭ ކަމެއް ކަން ކަށަވަރެވެ.
ޠަވާފުކުރާ ހިނދު ގެފުޅު ބިނާކުރެއްވި ހާދިސާ ހިތްމައްޗަށް ގެނައުން:
އަޅުގަނޑުމެން ކަޢުބަތުﷲ ގެފުޅު ވަށައި ޠަވާފުކުރަމުން ދާއިރު، އިބްރާހީމުގެފާނާއި އެކަލޭގެފާނުންގެ ދަރިކަލުން އިސްމާޢީލްގެފާނު މި ގެކޮޅު ބިނާކުރައްވަމުން ގެންދެވި މަންޒަރު ހިތަށް ގެނައުމަކީ ވަރަށް މުހިންމުކަމެކެވެ. އިސްމާޢީލްގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އިބްރާހީމްގެފާނަށް ގެފުޅު ބިނާކުރެއްވުމަށް ހިލަތައް އުފުއްލަވައި، ދިއްކުރައްވަމުން ގެންދެވި މަންޒަރާއި، ބޮޑު ހިލަގަނޑެއްގެ މަތީގައި ކޮޅަށް ހުންނަވައިގެން އިސްމާޢީލްގެފާނު ދިއްކުރައްވަމުން ގެންދެވި ހިލަތަކުގައި އިބްރާހީމްގެފާނު ހިއްޕަވައި އެ ހިލަތައް ޖައްސަވައި، އަތުރައްވަމުން އެ ގެކޮޅު ބިނާކުރައްވަމުން ގެންދެވި މަންޒަރު ހިތުތެރޭގައި ސިފަކުރުމަކީ ޠަވާފުކުރަމުންދާއިރު، ހަމަ ކޮންމެހެން އަޅުގަނޑުމެން ކުރާންޖެހޭ ކަމެކެވެ.
މާތްﷲ މި މަތިވެރި ހާދިސާ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައިވެއެވެ.
وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ (البقرة:127)
މާނައީ: "އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މަޤާމް އިބްރާހީމް ފަހަތުގައި ނަމާދުކުރުން:
އިބްރާހީމްގެފާނު ގެފުޅު ބިނާކުރެއްވުމަށް އަރައިވަޑައިގެން ހުންނެވި ބޮޑުހިލަގަނޑަކީ ވެސް އަބަދުގެ އަދަބަދަށް އޭގެ ޒިކްރާ ޚާލިދުކުރައްވައިފައިވާ އެއްޗެއްގެ ގޮތުގައި މާތްﷲ ވަނީ ލައްވައިފައެވެ. އަދި އޭގެ ފަހަތުގައި ޠަވާފުގެ ސުންނަތް ދެ ރަކުޢަތް ކުރުމަކީ ވެސް ގަދަވެގެންވާ ސުންނަތެއް ކަމުގައި ވަނީ ލައްވަވައިފައެވެ. އެހެންކަމުން، ޠަވާފުކުރާ ހިނދުގައްޔާއި މަޤާމް އިބްރާހީމްގެ ފަހަތުގައި ނަމާދު ކުރާ ހިނދު މިއީ އިބްރާހީމްގެފާނު ގެފުޅު ބިނާކުރައްވަން އަރައިވަޑައިގެން ހުންނެވި ބޮޑު ހިލަގަނޑުކަން އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނައުމަކީ ކުރުން ކޮންމެހެން މުހިންމު ކަމެކެވެ.
މާތްﷲ ވަޙީކުރައްވައިފައިވެއެވެ.
وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى ۖ وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ (البفرة: 125)
މާނައީ: "އަދި ޘަވާބު ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި އަމާންކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށް ޓަކައި ތިމަންރަސްކަލާނގެ ކަޢުބަތުاللَّه ގެފުޅު ލެއްވިހިނދު ހަނދުމަކުރައްވާށެވެ! އަދި އިބްރާހީމްގެފާނު ހުންނެވި ތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވި ތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުން ހިފާށެވެ! އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. ޠަވާފުކުރާ މީހުންނާއި އަޅުކަންކުރުމަށް ތިބޭ މީހުންނާއި ރުކޫޢު ސުޖޫދު ކުރާ މީހުންނަށް ޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު ޠާހިރުކުރައްވާށެވެ!"
ޒަމްޒަމް ފެން ބުއިމާއި، ޞަފާމަރްވާއާ ދެމެދު ސަޢްޔުކުރުން:
ޒަމްޒަމް ފެނާއި ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައަށް ބަލާއިރު، އެ ކަންކަން ވެސް ގުޅެނީ އިބްރާހީމްގެފާނުގެ ލޮބުވެތި އަނބިކަނބަލުން ހާޖަރުގެފާނާއި ތުއްޕުޅު ދަރިކަލުން އިސްމާޢީލްގެފާނާއެވެ.
އިބްރާހީމް ޢަލަހިއްސަލާމް އެކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރުގެފާނާއި ތުއްޕުޅު ދަރިފުޅު އިސްމާޢީލުގެފާނާއިގެން ބައިތުލްމަޤްދިސުން މައްކާއަށް މާތްﷲގެ އަމުރުފުޅަށް ވަޑައިގަތެވެ. އޭރު އިސްމާޢީލުގެފާނަކީ ހަމައެކަނި ކިރުފޮދު ހިއްޕަވާ ތުއްޕުޅު ބޭފުޅެކެވެ. އަދި މައްކާއަކީ ހަނަފަސްތަނެއްގެ ގޮތުގައި އޮތް ބިމެކެވެ. އިންސާނީ އާބާދީއެއް އޮތް ތަނެއް ނޫނެވެ. ގަހެއްގެ ހިޔަލެއް، ފެންވަޅެއްގެ ފެން ލިބޭން ހުރި ތަނެއް ނޫނެވެ. އެހެނަސް، މާތްﷲގެ އަމުރުފުޅަށް އިބްރާހީމްގެފާނު އެ ދެމައިންނާއެކު މައްކާގެ މާތް ބިމަށް ވަޑައިގެން އެ ދެމައިން އެ ތަނުގައި ބޭންދެވިއެވެ. އަދި އަރިހުގައި ކަދުރުކޮޅަކާއި ފެންއަޅައިފައި ހުރި ޖީރާބެއް ބެހެއްޓެވިއެވެ. އެއަށްފަހު، އެ ދެމައިން ދޫކުރައްވައި އެކަލޭގެފާނު ވަޑައިގަންނަވަން ފެއްޓުމުން، ހާޖަރުގެފާނު އެކަލޭގެފާނުގެ ފަހަތްޕުޅުން ވަޑައިގެން، އެއްވެސް އިންސިއެއް އަދި އެއްވެސް އެއްޗެއް ވެސް ނެތް ހަނަފަސް ތަނަކަށް އެ ދެމައިން ދޫކުރައްވައި ވަޑައިގަންނަވަނީތޯ ސުވާލުކުރެއްވިއެވެ.
ނަމަވެސް އެކަލޭގެފާނު އެ ސުވާލަށް ޖަވާބު ނުދެއްވައި ކުރިޔަށް ވަޑައިގަންނަވަމުން ގެންދެވިއެވެ. އެ ކަމަނާ ހަމަ އެ ސުވާލު ތަކުރާރު ކުރައްވައި އެއްސެވިއެވެ. ތިންވަނަ ފަހަރު ޖަވާބެއް ލިބިވަޑައިނުގަތުމުން އެ ކަމަނާގެ ދެން ކުރެއްވި ސުވާލަކީ، ކަލޭގެފާނު ތިމަން ކަމަނާއާއި ތުއްޕުޅު ދަރިކަލުން ދޫކުރައްވައި ތިޔަ ވަޑައިގަންނަވަނީ މާތް ﷲގެ އަމުރުފުޅަށްތޯއެވެ. އެ ސުވާލު ކުރެއްވުމާއެކު އެކަލޭގެފާނު ހުއްޓިވަޑައިގެން ޖަވާބުދެއްވިއެވެ. "އާދޭހެވެ!" ހާޖަރުގެފާނު ވިދާޅުވިއެވެ. "އެހެންވިއްޔާ، އެ އިލާހު އަޅަމެން ގެއްލެނިވިއެއް ނުކުރައްވާނެތެވެ."
އިބްރާހީމްގެފާނު ތަންކޮޅެއް ދުރަށް ވަޑައިގެންނެވުމުން މައްކާގެ ބިމަށް އެނބުރި ވަޑައިގެން ކުރިމަތިލައްވައި ދުޢާއެއް ކުރެއްވިއެވެ. އެ ދުޢާ މާތްﷲ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވައިފައެވެ. އެކަލޭގެފާނު ދެއަތްޕުޅު އުފުއްލަވައިފައި ކުރެއްވި ދުޢާއަކީ رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ (سورة إبراهيم: 37) މާނައީ: "އަޅަމެންގެ ވެރި ރައްބެވެ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވައިފައިވާ އިބަރަސްކަލާނގެ ގެފުޅުގެ އަރިހުގައި ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމުކޮށް އުޅުމަށް ޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒްޤުދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރި ވުމަށް ޓަކައެވެ."
ހާޖަރުގެފާނު އެ ކަމަނާ އަރިހުގައި ހުރި ފެނުން ފެންފޮދު ހިއްޕަވަމުން ގެންދެވިއެވެ. އަދި އިސްމާޢީލުގެފާނަށް ކިރުފޮދު ދެއްވަމުން ގެންދެވިއެވެ. ފެން ހުސްވެ، އެ ކަމަނާ ކަރުހިއްކާން ފެށިއެވެ. އަދި ހަމަ އެޔާއެކު، ތުއްޕުޅު އިސްމާޢީލުގެފާނުގެ ކަރުފުޅު ހިއްކައިގެން ކީރިތި ކުރައްވަން ފެއްޓެވިއެވެ. ދެއްވާނެ ފެނެއް ނެތެވެ. ހާޖަރުގެފާނު ތެދުވެވަޑައިގެން ވަށައިގެން ހޯއްދެވިއެވެ. އެހެން ނަމަވެސް ފެނުގެ ޢަލާމާތެއް ފެންނާނަކަށް ނެތެވެ. ދެން އެ ކަމަނާއަށް ފެނިވަޑައިގަތީ ކުޑަ ފަރުބަދައެކެވެ. އެ ކަމަނާ ދުވެވަޑައިގެން އެ ފަރުބަދައަށް އަރައިވަޑައިގަތެވެ. އެއީ ޞަފާ ފަރުބަދައެވެ. އެ ފަރުބަދައަށް އަރައިވަޑައިގެން އެ ކަމަނާ ވަށައިގެން ބެއްލެވިއެވެ. އެއްވެސް ހިސާބަކުން ފެނުގެ އަސަރެއް ފެންނާކަށް ނެތެވެ. އިސްމާޢީލުގެފާނު ކީރިތި ކުރައްވާ އަޑު އެ ކަމަނާއަށް އިވިވަޑައިގަނެއެވެ. ދެން އެ ކަމަނާއަށް ފެނިވަޑައިގަތީ ޞަފާ ފަރުބަދައާ ކުޑަތަންކޮޅެއް ދުރުން އެހެން ފަރުބަދައެކެވެ. އެހެންކަމުން، ޞަފާ ފަރުބަދައިން ފައިބައިވަޑައިގެން ދުވެވަޑައިގެން އަނެއް ފަރުބަދައާ ހަމަޔަށް ވަޑައިގެންނެވުނުއިރު އެކަމަނާގެ ގައިކޮޅަކު ވަރެއް ނެތެވެ. އެއީ މަރްވާ ފަރުބަދައެވެ. އެހެނަސް ހިތްވަރުކުރައްވައި އެކިއެކި ފަރާތްފަރާތަށް ބެއްލެވިއެވެ. ނަމަވެސް ފެނުގެ އަސަރެއް ފެނިވަޑައެއްނުގަތެވެ. އެ ގޮތަށް އެ ދެ ފަރުބަދަ ދެމެދު އެ ކަމަނާ ހަތްބުރު ދުވެވަޑައިގެންނެވިއެވެ. އެއީ މިއަދު އަޅުގަނޑުމެން ޙައްޖާއި ޢުމްރާގެ މަނާސިކުގައި މި ދެ ފަރުބަދަ ދެމެދު ޖަހާ ހަތްބުރުގެ ފެށުމެވެ.
ދެން އެ ކަމަނާއަށް އަޑެއް އިވިވަޑައިގަތުމުން އިސްމާޢީލުގެފާނު ބާއްވައިފައި އޮތް ތަނަށް އެ ކަމަނާ ބައްލަވައިލެވިއެވެ. އޭރު، މަލާއިކަތް ބޭކަލަކު އެކަލޭގެފާނުގެ އަރިހުގައި ހުންނެވިއެވެ. އަދި މަލާއިކަތްބޭކަލަކުގެ ވަރަފުޅުން ބިމުގައި ޖެއްސެވިއެވެ. އެ ހިނދުން އެ ތަނުން ފެން އަރަން ފެށިއެވެ. އެ ކަމަނާ ދުވެވަޑައިގެން އެ ތަނަށް ވަޑައިގެންނެވިއެވެ. އަދި ފެން އަރައިގެން އަންނަލެއް ގިނަކަމުން، އެ ކަމަނާ ހިލައިން ފެންވަޅެއް ހުންނަ ގޮތަށް ހިލަ ޖެއްސިއެވެ. އެއީ ޒަމްޒަމް ފެނެވެ. އަދި ޒަމްޒަމް ފެންވަޅެވެ.
އިބްނު ޢައްބާސުގެފާނުގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "يَرْحَمُ اللَّهُ أُمَّ إِسْمَاعِيلَ، لَوْ تَرَكَتْ زَمْزَمَ" -أَوْ قَالَ: "لَوْ لَمْ تَغْرِفْ مِنَ المَاءِ-، لَكَانَتْ زَمْزَمُ عَيْنًا مَعِينًا". މާނައީ: " މާތް ﷲ އިސްމާޢިލުގެފާނުގެ މަންމާފުޅަށް ރަޙްމަތްލައްވާށިއެވެ. އެކަމަނާ ޒަމްޒަމް ފެން އަރައިގެން ދާން ދޫކޮށްލެއްވި ނަމަ، ޒަމްޒަމް ފެން ވެގެން ދިޔައީހީ ދެމެމުންދާ ފެން ކޯރަކަށެވެ."
އެ ކަމަނާގެ ކަރުފުޅުހިއްކުން ފިލާންދެން ޒަމްޒަމް ފެން އެ ކަމަނާ ހިއްޕެވިއެވެ. އަދި އިސްމާޢީލުގެފާނަށް ކިރުފޮދު ދެއްވިއެވެ. އެ ކަމަނާއަށް އެ މަލާއިކަތްބޭކަލަކު ވިދާޅުވިއެވެ. (لاَ تَخَافُوا الضَّيْعَةَ، فَإِنَّ هَا هُنَا بَيْتَ اللَّهِ، يَبْنِي هَذَا الغُلاَمُ وَأَبُوهُ، وَإِنَّ اللَّهَ لاَ يُضِيعُ أَهْلَهُ) މާނައީ: "ކަމަނާ ގެއްލެނިވި ކުރައްވައިފާނޭކަމަށް ބިރުވެތިވެ ވަޑައިނުގަންނަވާށެވެ! އެހެނީ، މި ތަނުގައި މާތް ﷲގެ ގެކޮޅު ވެއެވެ. އެ ގެކޮޅު، މި އޮންނެވި ތުއްޕުޅު ދަރިފުޅާއި އޭނާގެ ބައްޕާފުޅު ބިނާކުރައްވާނެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ އަހުލުން މާތްﷲ ގެއްލެނިވި ނުކުރައްވާނެތެވެ." ދެން ފަހެ، އެގޮތަށް އެތައް ޒަމާނެއް ވާންދެން އެކަމަނާ ހަމައެކަނި ޒަމްޒަމް ފެން ކެއިންބުއިމަކަށް ބޭނުންކުރައްވަމުން ގެންދެވިއެވެ.
ނިކަން ވިސްނަވާށެވެ! ޢުމްރާއާއި ޙައްޖުގެ އަޅުކަމުގައި މި ހިމެނޭ ގެފުޅު ވަށައި ހަތްބުރުގެ ޠަވާފެއް ކުރުމަށްފަހު، ދެން ސުންނަތްވެގެންވަނީ އިސްވެ ދިޔަ ފަދައިން މަޤާމް އިބްރާހީމްގެ ފަހަތުގައި ދެ ރަކުޢަތް ނަމާދެއް ކުރުމެވެ. އެއަށްފަހު، ބަރަކާތްތެރި ޒަމްޒަމް ފެން ބުއިމަކީ ވެސް ސުންނަތެކެވެ. އެއަށްފަހު، ޞަފާއާއި މަރްވާއާ ދެމެދު ޞަޢްޔުކުރުން ހިމެނިފައިވަނީ ޙައްޖާއި ޢުމްރާގެ އެންމެ މަތިވެރި އެއް ރުކުނުގެ ތެރޭގައެވެ. މި ހުރިހާ ކަމެއްގެ ތާރީޚު ގޮސް ގުޅިފައި މި ވަނީ އިބްރާހީމްގެފާނުގެ ޢާއިލާއާއެވެ. އެބޭކަލުން މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރެއްވި ކުރެއްވުމުގެ ޒިކްރާއެއްގެ ގޮތުގައެވެ.
ޙައްޖުގެ ހަދްޔު ކަތިލުން:
ޙައްޖުގައި ކަތިލެވޭ ހަދްޔު ވެސް ހަމަ އެފަދައެވެ. ގޮސް ގުޅެނީ އިބްރާހީމްގެފާނާއި އެކަލޭގެފާނު ދަރިކަލުން އިސްމާޢީލްގެފާނާއެވެ. އިބްރާހީމް ޢަލައިހިއްސަލާމަށް އިސްމާޢީލް ޢަލައިހިއްސަލާމް އިމްތިޙާނެއްގެ ގޮތުން، ޤުރުބާންކުރައްވަން މާތްﷲ އަމުރުކުރެއްވި (ހުވަފެންފުޅުގައި ދެއްކެވި) ހާދިސާއާއެވެ. އަދި އެ ކަމުގައި އެ ދެ ބޭކަލުން ދެއްކެވި ކިޔަމަންތެރިކަމާއި އެއް ބޭކަލަކު އަނެއް ބޭކަލަކަށް ދެއްވި ހިތްވަރާއި އެއްބާރުލެއްވުމާއެވެ. އަދި އެއަށްފަހު އެ ކަމުން މާތްﷲ އެ ބޭކަލުން ރައްކައުތެރިކުރައްވައި، އޭގެ ބަދަލުގައި ނަޢަމްސޫފި ޤުރުބާންކުރެއްވުމުގެ ނުސުކާއެވެ.
މާތް ﷲ ކީރިތ ޤުރްއާނުގައި އިބްރާހީމް ޢަލަހިއްސަލާމުގެ ހުވަފެންފުޅުގެ ވާހަކަ ބަޔާންކުރައްވައި ވަޙީކުރައްވައިފައިވެއެވެ.
فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ ( الصافات: 102)
މާނައީ: [ފަހެ، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމްގެފާނު) އަރިހުގައި އެ ދަރިކަލުން (އެބަހީ: ޢިސްމާޢީލުގެފާނު) މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަ ކަށަވަރުން، އަހުރެން ތިބާ ޤުރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނިއްޖެއެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަ ގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރުކުރެއްވިގެންވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރީންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ."
ނަބީބޭކަލުންގެ ހުވަފެންފުޅުތަކަކީ ތެދު ހުވަފެންފުޅުތަކެކެވެ. މާތް ﷲ ގެ ޙަޟްރަތުން އަންނަ ވަޙީއެކެވެ. ވުމާއެކު، އިބްރާހީމްގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން (އިސްމާޢީލުގެފާނު) ޤުރުބާންކުރައްވާތީ ހުވަފެންފުޅުގައި ފެނިވަޑައިގަތް ހިނދު، އެއީ ﷲ ގެ ޙަޟްރަތުން އައި އަމުރުފުޅެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި އެއީ ﷲ އެކަލޭގެފާނަށް ކުރިމަތިކުރެއްވި އިމްތިޙާނެއްކަން ޔަގީންވެވަޑައިގަތެވެ.
އެހެންކަމުން، އެ ހުވަފެންފުޅުގެ ވާހަކަ ދަރިކަލުންނަށް ވިދާޅުވެދެއްވިއެވެ. ދަރިކަލުން އެކަމާ ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ޓަކައެވެ. ﷲ ގެ ރަޙްމަތުން، އެކަލޭގެފާނު އެ ދަރިކަލުން، ތަރުބިއްޔަތު ކުރައްވައިފައިވަނީ އެންމެ މަތިވެރި، އެންމެ ފުރިހަމަ ތަރުބިއްޔަތުންނެވެ. ވުމާއެކު، އެ ދަރިކަލުންގެ ބަސްފުޅަކަށްވީ "ބައްޕާފުޅަށް ﷲ އަމުރުކުރެއްވި ކަންތައް ކުރައްވާށޭ، އިރާދަކުރެއްވިއްޔާ އަޅުގަނޑަކީ، ﷲ އަށް ކިޔަމަންތެރި ދަރިއެއް ކަމުގައި ބައްޕައަށް ފެނިވަޑައިގަންނަވާނެޔޭ، ﷲ ގެ އަމުރުފުޅުތަކަށް ކެތްތެރިކަމާއެކު ބޯލަނބާ މީހެއް ކަމުގައި މި ދަރިފުޅުވާތީ، ބައްޕައަށް ފެނިވަޑައިގަންނަވާނެޔޭ" މިއެވެ.
އެހެން ނަމަވެސް، މާތްﷲ އެ ދެބޭކަލުން އެ އިމްތިޙާނުން ފާސްވެވަޑައިގެންނެވި ކަމުގެ ޚަބަރުދެއްވުމަށްފަހު އަމުރުކުރެއްވީ ބަކަރިއެއް ޤުރުބާންކުރެއްވުމަށެވެ. މިއަދާ ހަމަޔަށް ވެސް އަދި ޤިޔާމަތާ ހަމަޔަށް ވެސް އަޅުގަނޑުމެން މުސްލިމުން އިޤްތިދާ މި ވަނީ މި ހާދިސާއަށެވެ.
މި ހުރިހާ ވާހަކަތަކެއްގައި އަޅުގަނޑުމެންނަށް މި ވަނީ އެތަކެއް ޢިބްރަތްތަކެއް މާތްﷲ ލައްވައިފައެވެ. އަދި، އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ މާތް މަތިވެރި ޢާއިލާގެ ވާހަކަތަކާއި މި ކަމާ ގުޅިފައިވާ މުނާސަބާތުތައް ވަނީ އަބަދުގެއަބަދަށް ޚާލިދުކުރައްވައި ޤިޔާމަތާ ޖެހެންދެން ހުރިހާ މުސްލިމުން ވެސް ޙައްޖާއި ޢުމްރާގެ އަޅުކަމުގައި އަދާކުރާން ޖެހޭ ނުސުކުތަކެއްގެ ގޮތުގައި ލައްވަވައިފައެވެ.
ޖަމަރާތަށް ހިލައުކުން:
ޖަމަރާތަށް ހިލައުކުން ގުޅިފައިވަނީ އިބްރާހީމްގެފާނު އިސްމާޢީލްގެ ޤުރުބާންކުރައްވާން ވަޑައިގެންނެވި ހިނދު އެ ކަމަށް ހުރަސްއެޅުމުގެ ގޮތުން އިބްރާހީމްގެފާނާ ތިން ތަނަކުން އިބްލީސް ބައްދަލުކޮށް ހުރަސްއަޅައި ވަސްވާސްދޭން މަސައްކަތްކުރި ހާދިސާއަށެވެ.
މާތްﷲގެ އަމުރުފުޅަށް ކިޔަމަންތެރިވުމުން އެކަލޭގެފާނު އެއްކިބާކުރުމުގެ ގޮތުންނެވެ. މާތްﷲ އަށް އުރެދޭ ބޭކަލަކަށް ހެއްދެވުމުގެ ގޮތުންނެވެ. އެހެން ނަމަވެސް، އެ ތިން ފަހަރު ވެސް އިބްރާހީމްގެފާނު އިބްލީހާ ދިމާއަށް 7 ހިލަކޮޅު އުއްކަވައި އެ ތަނުން އޭނާ ފައްސަވައިލެއްވިއެވެ. ޙައްޖުގައި އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު އަޅުގަނޑުމެން ހިލަ އުކަނީ އިބްރާހީމްގެފާނުގެ މި ހާދިސާގެ ޒިކްރާއެއްގެ ގޮތުންނެވެ. އެ ކަން މާތްﷲ ވަނީ ޙައްޖުގެ އަޅުކަމުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުކުރައްވައިފައެވެ.
އެހެންކަމުން، މިނާގެ ދުވަސްވަރާއި އައްޔާމުތަޝްރީޤުގެ ދުވަސްވަރު މި ހާދިސާ މަތީން ހަނދާންކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރާންޖެހޭ ކަމެކެވެ. މާތް ﷲ އިބްރާހީމްގެފާނުގެ މި ހާދިސާތަކުގެ ޒިކްރާ ޚާލިދުކުރައްވައިފައިވަނީ ވަރަށް މާތް ޙިކްމަތެއް އޭގައި އެކުލެވޭތީކަން ކަށަވަރެވެ.
ނިންމާލަމުން ދަންނަވާނީ، އިސްވެ އެތައް ފަހަރަކު ތަކުރާރުކޮށް ދެންނެވި ފަދައިން، ޙައްޖާއި ޢުމްރާގެ އަޅުކަމުގައި މި ހިމެނޭ ބައިތަކުގައި މިވާ ތާރީޚީ ހާދިސާތަކާއި އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ އާލުންގެ މަތީން ހަނދުމަކުރުމަކީ ޙައްޖުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކޭއެވެ.