ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސިދާތު މަލްހަތްރާ އާއި ކްރިތީ ސަނޮނާއެކު ލޯބީގެ ފިލްމެއް ކުޅެއް ތައްޔާރުވެއްޖެ އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ސިދާތު އާއި ކްރިތީ ފެނިގެންދާނީ މެޑޮކް ފިލްމްސްއިން އުފައްދާ ލޯބީގެ ފިލްމަކުންނެވެ. އަދި އެފިލްމާ ބެހޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ސިދާތު އާއި ކްރިތީ އެކުގައި ފުރަތަމަ ފަހަރަށް ފިލްމަކުން ފެނިގެން ދާކަން ރިޕޯޓް ކުރުމާއެކު ގިނަ ފޭނުން ތިބީ ދެމީހުންގެ އޮން ސްކްރީން ކެމިސްޓްރީ ބެލުމަށް ކެތްމަދުވެފަ އެވެ.
2012 ވަނަ އަހަރު ސްޓޫޑަންޓް އޮފް ދަ އިޔާ އިން ބޮލީވުޑަށް ތައާރަފްވި އެކްޓަރު ސިދާތު އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބެލުންތެރިންގެ މަގްބޫލުކަމާ ލޯބި ހޯދި ފަންނާނެކެވެ. ކެރިއަރުގައި ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައިވާ ސިދާތު އެންމެ ފަހުން ފެނިގެންދިޔައީ "ޔޯދާ" އިންނެވެ.
މެޑޮކްސްގެ ގިނަ ފިލްމުތަކެއްގައި ކްރިތީ ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެންމެ ފަހުގެ ފިލްމަކީ ޝާހިދު ކަޕޫރް ބަތަލުގެ ރޯލު ކުޅެ، މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އެވެ.
ކްރިތީ އަށް މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް މިދިޔަ އަހަރު ލިބުނު "މިމީ" އަކީ ވެސް މެޑޮކްގެ ފިލްމެކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި "ކްރޫ" އެވެ. ކްރިތީ ދެން އެންމެ އަވަހަށް ފެންނާނީ ނެޓްފްލިކްސްގެ "ދީ ޕައްތީ" އިންނެވެ.