ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޔާމީ ގޯތަމް އާއި ޑައިރެކްޓަރު އަދިތިޔާ ދާރްއަށް ފިރިހެން ކުއްޖެއް ލިބިއްޖެ އެވެ.

ޔާމީ އާއި އަދިތިޔާ ވަނީ އެމީހުންނަށް ފިރިހެން ކުއްޖެއް ލިބިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ. އަދި އެމީހުންގެ ދަރިފުޅަށް ކިޔަނީ "ވެދާވީދު" ކަން ވެސް އެޕޯސްޓްގައި ބުނެފަ އެވެ.

ބަތަލާ ޔާމީ ގޯތަމް ކުޅުނު ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޑައިރެކްޓަރު އަދިތިޔާ ދާރްއާ ކައިވެނި ކުރީ 2021 ވަނަ އަހަރު އެވެ. އެމީހުންނަށް އަލަތު ދަރިފުޅު ލިބެން އުޅޭ ވާހަކަ އިއުލާނު ކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

2012 ވަނަ އަހަރު ރިލީޒްކުރި "ވިކީ ޑޯނާ" އިން ބޮލީވުޑަށް ނުކުތް ޔާމީގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "އާޓިކަލް 370" އެވެ. މިއީވެސް ޔާމީގެ ފިރިމީހާ އަދިތިޔާ ފްރޮޑިއުޝްކުރާ ފިލްމެކެވެ.

ޔާމީ އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމުތަކެއް ގެނެސްދީފައިވާ ބަތަލާ އެކެވެ.