ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ރަންވީރް ސިންގްގެ ފިލްމު "83" ނެރޭނީ މިއަހަރުގެ ޖޫން މަހުގެ ހަތަރުވަނަ ދުވަހުކަން އިއުލާނުކޮށްފި އެވެ.

ކަބީރް ހާން ޑައިރެކްޓްކުރާ މި ފިލްމު މީގެ ކުރިން އޮތީ 2020 ވަނަ އަހަރު ނެރޭ ގޮތަށެވެ. ނަމަވެސް ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން ފިލްމު ނެރުން އޭރު ފަސްކުރި އެވެ. މިއީ މިއަދު އެކަނި ސިނަމާގައި ރިލީޒްކުރާނެ ތާރީހު އިއުލާނުކުރި ހަވަނަ ފިލްމެވެ.

ރަންވީރު ވަނީ އޭނާގެ އިންސްޓަގްރާމްގައި މިކަން ޔަގީންކޮށްދީފަ އެވެ.

ގިނަ ތަރިން ފެނިގެންދާ މި ފިލްމުގައި، ރަންވީރު ފެނިގެންދާނީ އިންޑިއާގެ މަޝްހޫރު ކްރިކްޓް ކުޅުންތެރިޔާ ކަޕިލް ދޭވްގެ ރޯލުންނެވެ. މި ފިލްމުގައި ދައްކުވައިދޭނީ 1983 ވަނަ އަހަރު އިންޑިއާއިން ކްރިކެޓް ވޯލްޑް ކަޕްގެ ތަށި އުފުލާލި ތާރީހީ ކާމިޔާބީ އެވެ. މިއީ ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމެކެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ދީޕިކާ ޕާޑުކޯން، ކަބީރް ހާން، ވިޝްނޫ ވަރްދަން އިންދޫރީ، ސާޖިދް ނާޑިއަޑްވާލާ، ފެންޓަމް ފިލްމްސް، ރިލައެންސް އެންޓަޓެއިންމެންޓް އަދި 83 ފިލްމު ލިމިޓެޑް ގުޅިގެންނެވެ.