އަމިއްލަ ހަޔާތުގެ މައްޗަށް ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ފޮތެއް ލިޔަން ފަށައިފި އެވެ.

ބިޕާޝާ އަމިއްލަ ހަޔާތުގައި ދިމާވި ކަންތައްތަކާ ބެހޭ ގޮތުން ލިޔާ ފޮތް ނެރުމަށް ހަމަޖެހިފައި ވަނީ 2025 ވަނަ އަހަރު އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިފޮތަކީ ބިޕާޝާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިޔާ ފޮތެއް ކަމަށެވެ. އޭގެ ތެރޭގައި އަލަތު ދަރިފުޅަށް ބަލިވެއިން ދުވަސްވަރުގެ ތަޖުރިބާތަކާ އެކު ދަރިފުޅުގެ ހިތުގައި ލޯވަޅެއް ހުރިކަން އެނގުމާއެކު ދެން ކަންތައް ކުރި ގޮތުގެ ވާހަކަ ވެސް ހިމެނޭނެ ކަމަށް ބިޕާޝާ މީޑިއާގައި ވަނީ ބުނެފަ އެވެ.

ނަން އަދި އިއުލާން ނުކުރާ މި ފޮތް ނެރެން ނިންމާފައި ވަނީ ޕަބްލިޝިން ހައުސްއެއް ކަމަށްވާ ސަންޕްލާވާ ސީޑްސް އެންޑް އެލް ވެންޗާސްއާ ގުޅިގެންނެވެ.

https://www.instagram.com/p/C63fe26to9F/?img_index=1

ބޮލީވުޑްގެ އެންމެ ހޮޓް އެއް ޖޯޑުގެ ގޮތުގައި ފާހަގަކުރާ ބިޕާޝާ އާއި ކަރަން ދިމާވީ 2014 ގައި، އެ މީހުން އެކުގަައި މަސައްކަތް ކުރި ފިލްމު "އެލޯން" ގެ ސެޓުންނެވެ. އެ މީހުން ކައިވެނިކުރީ 2016 ވަނަ އަހަރު އެވެ. ބިޕާޝާ އާއި ކަރަން އަށް ދަރިޔަކު ލިބުނީ 2023 ވަނަ އަހަރު އެވެ.

ކުއްޖަކު ލިބުނު ފަހުން ބިޕާޝާ އުޅެނީ ފިލްމީ މަސައްކަތްތަކާ ދުރުގަ އެވެ.

https://www.instagram.com/p/C7T-QP0hA1G/

ބިޕާޝާ، 45، ގެ ކެރިއަރުގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "އަޖްނަބީ،" "ރާޒް"، "ޖިސްމު"، "ދޫމް 2" އަދި "އޯމްކާރާ" ފަދަ ފިލްމުތައް ހިމެނެ އެވެ.