ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނޭ.

މިދިޔަ އަހަރު ލިބުނު ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ ލޯނު ދޫކުރުން އިތުރުކުރުމުން ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން އޭނާ ވަނީ ބޭންކުގެ ކާމިޔާބީއާމެދު ފަހުރުވެރިވާކަން ފާޅުކުރައްވައިފަ އެވެ. އަދި މި ކާމިޔާބީ އަށް ވާސިލްވުމަށް ކަސްޓަމަރުންނަށް ދޭ ހިދުމަތާއި، އިންފްރާސްޓްރަކްޗާ، ޑިޖިޓަލް ސޮލިއުޝަންސް އަދި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީ މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރެއްވި އެވެ.

އެ ބޭންކަށް މިދިޔަ އަހަރު

  • 2023 ވަނަ އަހަރު، ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވޭ.
  • މިއީ މިހާތަނަށް ބޭންކަށް ހޯދުނު އެންމެ މަތީ އަދަދު.
  • މި ފުރިހަމަ ކާމިޔާބީ ލިބިފައިވަނީ ލިކުއިޑިޓީ މެނޭޖްމަންޓް، ޓްރެޝަރީ ބިލްއަށް އިންވެސްޓްކުރުން
  • އަދި ލޯނު ޕޯޓްފޯލިއޯ އިތުރުކުރަން ކުރި މަސައްކަތުގެ ސަބަބުން. އަޅުގަނޑުމެންގެ ކަސްޓަމަރުން ޑިޕޮސިޓްކުރި އަދަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ.

އެ ބޭންކުން ބުނީ ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރާއެކު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި މިވަނީ މާކެޓްގެ 55 ޕަސެންޓްއާއެކު މަގާމު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

ކާލް އާ ހަވާލާދީ އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކަސްޓަމަރުން ފަސްނުޖެހި އެ ބޭންކަށް ކުރާ އިތުބާރަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބީއެމްއެލް އިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ ކާލް ސްޓުމްކަ ވާހަކަދައްކަވަނީ. ފޮޓޯ: ބީއެމްއެލް

"އަޅުގަނޑުމެންގެ ކާމިޔާބީގެ ބިންގަލަކީ ތިޔަދެއްވާ އެއްބާރުލުން. އަދި ބޭންކުގެ މި ކާމިޔާބު ދަތުރުގައި ތިޔަބޭފުޅުން ތިއްބެވިކަމީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ވީހާވެސް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބޭނެ ގޮތްތަކާއި ތިޔަބޭފުޅުން ހިދުމަތް ހޯއްދެވުމުގައި ކުރައްވާ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރާނަން،" އޭނާ ވިދާޅުވި އެވެ.

ސީއީއޯ ވިދާޅުވީ އެކުވެރި އަރަބި އިމާރާތުގެ ދިރުހަމް (އޭއީޑީ) އަދި ޗައިނީސް ޔުއާން އިން ކަސްޓަމަރުން މުއާމަލާތްކުރެވޭނެ ގޮތަށް ދާދިފަހުން ބޭންކުގެ ސިސްޓަމްތައް ވަނީ ކޮންފިގްރޭޓް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ރެންމިންބީ އިން ސެޓްލްމަންޓްތައް ލިބެން ބޭނުންވާ ކަސްޓަމަރުންނަށް ރެންމިންބީ އެކައުންޓްތައް ފޯރުކޮށްދީ، ކުރިއަށް އޮތްތަނުގައި ފައިސާ ދެއްކުމަށް މި ހިދުމަތް ބޭނުންކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ވަނީ ފާސްކޮށްފަ އެވެ.

ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.