އާމިރު ހާން، އަނުޝްކާ ޝަރްމާ އަދި ސުޝާންތް ސިންގު ރާޖްޕުޓް ފެނިގެންދިޔަ ފިލްމު "ޕީކޭ" ވެގެން ދިޔައީ ވަރަށް ކާމިޔާބު ފިލްމަކަށެވެ.

ރާޖްކުމާރް ހިރާނީ ޑައިރެކްޓް ކުރި މި ފިލްމުގައި އާމިރު ހާން ކުޅެފައިވަނީ އޭލިއަނެއްގެ ރޯލެވެ.

މި ފިލްމުގެ ފަހު ސީން އިން ފެނިގެންދަނީ އާމިރު ދެވަނަ ފަހަރު ދުނިޔެއަށް އަންނަ އިރު އޭނާގެ ޕްލެނެޓުން އިތުރު ބަޔަކު ގޮވައިގެން އަންނަ ތަނެވެ. އޭގެ ތެރޭގައި ރަންބީރް ކަޕޫރު ވެސް ހިމެނެ އެވެ.

ދާދިފަހުން އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ރާޖްކުމާރް ހިރާނީ ވަނީ ޕީކޭގެ ދެވަނަ ބަޔާއި ގުޅޭގޮތުން ވާހަކަދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ ދެވަނަ ބައި ފަށާނީ ފުރަތަމަ ފިލްމު ނިމުނު ހިސާބުންނެވެ. އަދި ސްކްރިޕްޓް ތައްޔާރުނުވާ ކަމަށް ބުނެ ރާޖްކުމާރް ހިރާނީ ބުނީ އަދި ކިޔާދޭން ޖެހޭ ވާހަކައެއް އޮތް ނަމަވެސް އަބީޖީތް (ލިޔުންތެރިޔާ) އެ އަދި ލިޔެފައި ނުވެ އެވެ. އަދި ލިޔެ ނިމުނު ދުވަހަކުން ފިލްމު ހަދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.