ފަލަސްތީނުގެ ގާޒާގެ ރަފަހްގެ ތޮއްޖެހިފައި އޮތް ރެފިއުޖީން ތިބޭ ޓެންޓް ކޭމްޕަކަށް މިދިޔަ އާދީއްތަ ދުވަހު ދިން ހަމަލައަކީ އައިސީޖޭގެ ހުކުމުން އިޒްރޭލަށް މަނާވާ ހަމަލާއެއް ނޫން ކަމަށް އިޒްރޭލުން ބުނަން ފަށައިފި އެވެ.
ހަނގުރާމާގައި ސުންނާފަތި ވެފައިވާ ގާޒާގެ އާބާދީގެ ބޮޑު ބައެއް ފުނިޖެހިފައިވާ ރަފަހް އަށް އިޒްރޭލުން ދޭން ފަށާފައިވާ ހަމަލާ ހުއްޓާލުމަށް އައިސީޖޭ އިން ކުރި ހުކުމަށް ބެލުމެއް ނެތި އެ ސިޓީއަށް ހަމަލާދީ ކުޑަކުދިން ހިމެނޭހެން އާންމުންގެ އެތައް ބަޔަކު ދިރިތިއްބާ އަންދާލި ހަމަލާ އަކީ އައިސީޖޭގެ ހުކުމާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ބެލެވުނު ކަމަށް ވިޔަސް ކޯޓު ހުކުމުގެ އިބާރާތް އޮތް ގޮތުން އިޒްރޭލުން ރަފަހް އަށް ދެމުން ގެންދާ ހުރިހާ ހަމަލައެއް ހުއްޓާލަން ނުޖެހޭ ކަމަށް އެ ގައުމުން އަންނަނީ ބުނަމުންނެވެ.
އިޒްރޭލުގެ ވާހަކަ ބިނާ ކުރަނީ ކޯޓު އަމުރުގެ އިބާރާތް އޮތްގޮތުން އެ ގައުމަށް ކުރުން މަނާކަމަކީ ފަލަސްތީނުގެ ރައްޔިތުން ފަނާކޮށް، ނެތިކޮށްލުމަށް ދޭ ހަމަލާތަކެވެ. ބައިނަލްއަގުވާމީ ކޯޓުގެ ހުކުމާއެކު މީޑިއާތަކާއި ދުނިޔޭގެ ގިނަ ގައުމުތަކުން ދެކެމުން އައީ އިޒްރޭލަށް ރަފަހްގައި އެއްވެސް ކަހަލަ އަސްކަރީ އޮޕަރޭޝަނެއް ނުހިންގޭނެ ކަމަށެވެ. ނަމަވެސް ހުކުމް އައިތާ ގިނައިރެއް ނުވަނީސް އިޒްރޭލްގެ އަސްކަރިއްޔާ އިން ވަނީ އެ ހުކުމް، އެ މީހުންގެ ކޮޅަށް ބުރަވާ ގޮތަށް މާނަކޮށް ފަލަސްތީނުގެ ނަސްލު ނައްތާލުމަށްޓަކައި، ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވާ ފަދަ ހަމަލެއް ރަފަހްގައި ނުހިންގާނެ ކަމަށް ބުނެފަ އެވެ.
އިޒްރޭލްގެ މި މާނަކުރުމަށް ބާރު ލިބޭ ގޮތަށް އައިސީޖޭގެ ޖަޖުންގެ ތެރެއިން ދެ ޖަޖަކު ވެސް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެހެނަސް އެއީ ކޯޓު ހުކުމާ ދެކޮޅު ހެއްދެވި ޖަޖުންނެވެ. އެ ދެ ޖަޖުންގެ ވާހަކައިގައި ވަނީ އިޒްރޭލުން ހުކުމް މާނަކުރި ގޮތަށް ތާއީދުކޮށްފަ އެވެ.
ކޯޓުގެ ހުކުމުގެ އިބާރާތުގެ ފުރަތަމަ ބައިގައި ވަނީ ރަފަހްގައި ހިންގަމުން ގެންދާ ހަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އެ އިބާރާތުގައި ކޮމާއެއް ޖަހާފައި އިތުރަށް ލިޔެފައި ވަނީ "އަދި އެ އަމަލެއްގެ ސަބަބުން ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނަށް ބައިބައިބަޔަށާއި ވަކިވަކިން ދިރިތިބުމަށް ނުރައްކާވާ ފަދަ ޖިސްމާނީ އަނިޔާތައް" ދިނުން ވެސް މަނާ ކަމަށެވެ. ހުކުމުގައި އެ ޖުމްލައެކުގައި ލިޔެ ކޮމާއަކުން ވަކިކޮށްފައި އޮތުމުން އިޒްރޭލުން ދެކެނީ އެ މީހުނަށް މަނާވަނީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުން ޖިސްމާނީ ގޮތުން ނެތިކޮށްލަން ދެވޭ ހަމަލަތައް ކަމަށެވެ. އެހެންކަމުން އެ ގައުމުގެ ދިފާއީ ވުޒާރާ އިން ނެރުނު ބަޔާނުގައި ބުނަނީ އެފަދަ އެއްވެސް ހަމަލައެއް އިޒްރޭލުން ނުދޭނެ ކަމަށެވެ. ރަފަހްގެ ކޭމްޕަށް އާދީއްތަ ދުވަހު ދިން ހަމަލައަކީ ވެސް އެގޮތުން އެ މީހުންނަށް ދިނުން ހުއްދަ ހަމަލައެއް ކަމަށް އިޒްރޭލުން ދެކެ އެވެ.
އިޒްރޭލުގެ ވާހަކައަށް ރައްދު ދެއްވައި ވާހަކަ ދެއްކެވީ އައިސީޖޭގެ ބެންޗުގައި ތިއްބެވި ޖަޖުންގެ ތެރެއިން ސައުތު އެފްރިކާއަށް ނިސްބަތްވާ ޖަޖަކާއި ރޯމޭނިއާ އަށް ނިސްވާ ޖަޖެކެވެ. އޭގެ ތެރެއިން ރޯމޭނިއާގެ ޖަޖު ވިދާޅުވެފައި ވަނީ ކޯޓުގެ ހުކުމުގައި ރަފަހްގައި އިޒްރޭލުން އެއްވެސް ހަމަލައެއް ހިންގުން މަނާކަމަށް ލިޔެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ޖަޖު އިތުރަށް ވިދާޅުވީ ހުކުމުގެ ޖުމްލަ އެއަށް ވުރެ ސާފުކޮށް އޮތުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ސައުތު އެފްރިކާގެ ޖަޖް ވަނީ ކޯޓުގެ ހުކުމުގައި އެއްވެސް އޮޅުމެއް ނެތް ކަމަށާއި އެ ހުކުމުގެ ސަބަބުން އިޒްރޭލަށް ރަފަހްގައި އަސްކަރީ އެއްވެސް ހަރަކާތެއް ހިންގުން ހުއްދަ ނޫންކަން ސާފުކޮށް އެނގޭ ކަމަށް ވިދާޅުވެފަ އެވެ.
ކޯޓުގެ ހުކުމާ ބެހޭގޮތުން ވާހަކަ ދެއްކެވި އޮކްސްފަޑް ޔުނިވަސިޓީގެ ޕްރޮފެސްރަކު ވިދާޅުވީ ހުކުމުގެ ވާހަކަ މާނަކުރާއިރު އެ ހުކުމާއެކު ލިޔެފައިވާ ހުރިހާ ލިޔެކިޔުންތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަަށެވެ. އެހެންކަމުން މުޅި ހުކުމަށް ބަލާއިރު އެއްވެސް ޝައްކެއްނެތް ގޮތުގައި އިޒްރޭލަށް ރަފަހްގައި އެއްވެސް އަސްކަރީ ހަރަކާތެއް ހިންގަން ހުއްދަ ނޫންކަން އެނގޭ ކަމަށް ވެސް އެ ޕްރޮފެސަރު ވިދާޅުވި އެވެ.
އައިސީޖޭގެ ހުކުމާ ގުޅިގެން ދުނިޔޭގެ ބާރުގަދަ ގައުމުތައް ކަމަށްވާ އެމެރިކާ އާއި އިނގިރޭސިން ވަކިއެއްޗެކޭ ނުބުނެ ހަނުތިބިއިރު އިޒްރޭލުން ގެންދަނީ އެ ގައުމުން ރަފަހްގައި ހިންގާ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެ ގައުމުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި ރަފަހް ހިމެނޭ ގޮތުން ގާޒާގައި ހިންގާ ހަނގުރާމައިގެ ހަރަކާތްތައް މި އަހަރު ނިމެންދެން ކުރިޔަށް ގެންދަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.