ރާކީ ސާވަންތް ކައިވެނި ކުރިކަމާއި އޭނާގެ ފިރިމީހާއަކީ އަސްލެއްކަން އާއިލާ އިން ބޭރު މީހަރު ފުރަތަމަ ފަހަރަށް ޔަގީންކޮށްދީފި އެވެ.

ބިގް ބޮސް 14 ގެ ބައިވެރިއެއް ކަމަށްވާ ރާކީގެ ފިރިމީހާއަކީ އަސްލެއް ކަމަށް ބުނެފައިވަނީ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އެވެ.

ބިގް ބޮސްގެ އެންމެ ފަހުން ދެއްކި އެޕިސޯޑްގައި ބައިވެރިވެ ބާރްތީ ބުނެފައިވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް ރާކީގެ ފިރިމީހާ ރިތޭޝް އާއި ބައްދަލުވެފައިވާ ކަމަށެވެ. މިއީ ރާކީގެ އާއިލާ މެންބަރުން ފިޔަވާ ރިތޭޝް އާއި ބައްދަލުވިކަމަށް ބުނި ފުރަތަމަ މީހާ އެވެ.

ބިގް ބޮސްގެ މި ސީޒަނުގައި އެއްކޮށްވެސް ރާކީ ދިޔަކީ ރިތޭޝްއާއި ގުޅޭގޮތުން ވާހަކަ ދައްކަމުންނެވެ. ނަމަވެސް މިހާތަނަށް ވެސް ރިތޭޝްގެ ފޮޓޯއެއް އާންމުވެފައި ނުވާއިރު އެއީ އުޅޭ މީހެއްކަމާ މެދު ވެސް ގިނަ ބަޔަކަށް ވަނީ ޝައްކު އުފެދިފަ އެވެ.

ރާކީ އަކީ މީހުން ސަމާލުކަން ހޯދުމަށް ތަފާތު ކަންތައް ކުރާ މީހެއްކަމުން ގިނަ ބަޔަކަށް ހީވެފައި އޮތީ މީ ވެސް އެފަދައިން އޭނާ ޖެއްސި ސްޓަންޓެއް ކަމަށެވެ.

ބިގް ބޮސްގައި ދާދިފަހުން ރާކީ ވަނީ ރިތޭޝް ފޮނުވިކަމަށް ބުނާ ސިޓީއެއް ވީދާލުމަށް ފަހު އޭނާއާ ގުޅުން ކަނޑާލަން ނިންމާލާފައިވާ ކަން ހާމަކޮށްފަ އެވެ. އަދި ބައްދަލު ނުވާތާ ވެސް ދެ އަހަރުވެފައިވާ ކަމަށް ރާކީ ބުނެ އެވެ.