ބޮޑު އީދަކީ އާންމުކޮށް ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ފޯރި ނަގާ އީދެކެވެ. އަވަށުގެ ވާދަވެރިންގަދަ ރަށްރަށުގައި އެއް ބަޔަކަށް ވުރެ އަނެއް ބަޔަކު ފޯރި ނެގުމަށް މަސައްކަތް ކުރާއިރު، ސިޔާސީ ވާދަވެރިކަން ދޫކޮށްލައި އީދުގެ ފޯރީގައި ގިނަ ބަޔަކު ބައިވެރިވެ އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ވިލިމާލޭ ރައްޔިތުން އިސްނަގައިގެން ބޮޑު އީދު ކުލަ ގަދަގޮތެއްގައި ފާހަގަ ކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އެކިއެކި ހަރަކާތްތަކާއެކު ހަތް ދުވަހަށް ބަހާލައިގެން "ވިލި އީދު ފޯރި" ނަމުގައި އީދު ފާހަގަކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.

ވިލިމާލެ ކޮމިއުނިޓީގެ ފަރާތުން ކުރިއަށް ގެންދާ އީދު ހަރަކާތްތައް ފެނިގެންދާނީ މިމަހުގެ 15 ވާ ހޮނިހިރު ދުވަހުގެ ރޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި އޮންނަ އީދު ބަޑީގެ ހަރަކާތުންނެވެ.

މިދިޔަ ބޮޑު އީދުގައި ވިލިމާލޭގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރެއިން..

އީދު ދުވަހުގެ އީދު ނަމާދަށް ފަހު ވިލިމާލެ ރައްޔިތުންނަށް ހާއްސަކޮށްގެން ސައެއް ވެސް އޮންނާނެ ކަމަށް އީދުގެ ކަންތައްތައް ރާވާ ފަރާތުން ބުނެ އެވެ.

މިފަހަރު "ވިލި އީދު ފޯރީ"ގައި ގިނަ ސަގާފީ ކުޅިވަރުތަކެއް ފެނިގެންދާނެ އެވެ. އެގޮތުން ކޯޑި ކެޑުމާއި ބޮޑު މަސް ނެރުމާއި މާލި ނެރުން އަދި ދަފި ނެގުންމުގެ ހަރަކާތް ވެސް ކުރިއަށްދާނެ އެވެ.

މިދިޔަ ބޮޑު އީދުގައި ވިލިމާލޭގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރެއިން..

ރާއްޖޭގައި ކޮންމެ އަހަރަކު ކުލަ ގަދަކޮށް ބޮޑު އީދު ފާހަގަ ކުރަމުންދާއިރު، އަހަރަކަށް ވުރެ އަހަރެއް އަންނަނީ ފޯރި ގަދަވަމުންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ސަގާފީ ހަރަކާތްތަކަކީ ދިވެހީންގެ ތެރެއިން ފިލައިގެން ނުދާ އާދަކާދައެކެވެ.

އެގޮތުން މިފަހަރު އީދު ފާހަގަކުރުމަށް ވިލިމާލޭގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ސަގާފީ ކުޅިވަރުތައް ވެސް ފެނިގެންދާނެ އެވެ. އެގޮތުން ދަފިނެގުމާއި، ކޯޑި ކެނޑުމާއި، މާލި ނެރުމާއި، ބޮޑުމަސް ބޭނުން ފަދަ ކުޅިވަރުތައް ވިލިމާލޭގައި ކުރިއަށްދާނެ އެވެ.

ހަމަ މިފަދައިން ކުލަ ޖެހުމާއި ފެންކުޅިކުޅުމަކީ ވެސް ފޯރިގަދަކޮށް ކުރިއަށްގެންދާ ހަރަކާތްކެކެވެ.

މިދިޔަ ބޮޑު އީދުގައި ވިލިމާލޭގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރެއިން..

މީގެ އިތުރުން ބަނދަރު ސަރަހައްދުގައި މިއުޒިކް ޝޯއެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. އީދު ހަރަކާތް ނިންމާލުމުގެ ގޮތުން ހަވާ އެރުވުން ވެސް މިފަހަރު ވިލިމާލޭގައި އޮންނާނެ އެވެ.

މާލެއިން ބޭރަށް ނުދެވޭ ފަރާތްތަކަށް ވިލިމާލޭގައި ކުރިއަށް ގެންދާ އީދު ހަރަކާތްތަކުގެ ސަބަބުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އީދު އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިދިޔަ ބޮޑު އީދުގައި ވިލިމާލޭގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރެއިން..

ވިލިމާލޭގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން ނިންމިއިރު، ސަރުކާރުން ވަނީ ބޮޑު އީދު ފާހަގަކުރުމަށް މުޅި ރާއްޖެ ގިޑިގެތަކުން ދިއްލާލަން ވެސް ނިންމައިފަ އެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ބޮޑު އީދު ތިން ރަށެއްގައި ކުލަ ގަދަކޮށް ފާހަގަކުރުމަށް ނިންމާފަ އެވެ. އެއީ ރ. އުނގޫފާރާއި ދ. ކުޑަހުވަދޫގެ އިތުރުން ގއ. ވިލިނގިލީގަ އެވެ.

މި އަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫން 16 އެވެ. ހައްޖު ދުވަހާއި އީދު ދުވަހާ އެކު، ޖޫން 16 އިން ފެށިގެން ޖޫން 22 އާ ހަމައަށް ސަރުކާރު ބަންދުވެ އެވެ. ހައްޖު ދުވަހަކީ ޖޫން 15 އެވެ.