ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން އާއި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ރޭންކަށް ޕްރޮމޯޓްކޮށްފި އެވެ.
ޝިފާން އާއި ޝަރީފަށް ޕްރޮމޯޝަން ހަވާލު ކޮށްފައިވަނީ މިއަދު އިސްކަންދަރު ކޮށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
އޭސީޕީގެ ލެވެލްއަކީ ފުލުހުންގެ މުވައްސަސާގައި އިދާރީގޮތުން ޕްރޮމޯޝަންދެވޭ އެންމެ މަތީ ގިންތި އެވެ. ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަދި ކޮމިޝަނަރުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާ އެވެ.
ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ފުލުހުންގެ އިސްވެރިޔާ އެވެ. އޭގެ އިތުރުން އެކި ޑިޕާޓްމަންޓުތަކުގެ އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަން ކުރައްވާފައިވެ އެވެ.
ޝިފާންއަކީ ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރެވެ. އޭނާ ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްކަން އަދި އައްޑޫ ޕޮލިސް އެކަޑެމީ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
ޝިފާން މި ވަގުތު އަންނަނީ އިނގިރޭސިވިލާތުގެ ކޮލެޖު އޮފް ޕޮލިސިން އިން އެއް އަހަރުގެ އެގްޒެކެޓިވް ލީޑަޝިޕް ޕްރޮގްރާމެއް ފުރިހަމަކުރައްވަމުންނެވެ.