ކޮންމެ ދުވަހެއްގެ ފަތިހު ނުވަތަ ހެނދުނު ގަދަ ނިދީގައި އޮއްވައި އެލާމް ގަޑީގެ އަޑަށް ސިއްސައިގެންގޮސް ހޭލުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ އާދަ އެކެވެ.

ނަމަވެސް، އެލާމަކާ ނުލައި ތިމާ ބޭނުންވާ ގަޑިއަށް ހަށިގަނޑު އަމިއްލައަށް ހޭލުމަށް އާދަ ކުރެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. ސައިންސްވެރިންނާއި ނިދުމާ ބެހޭ މާހިރުން ބުނާ ގޮތުގައި މިއީ ހަމަ ގައިމުވެސް ކުރެވިދާނެ ކަމެކެވެ.

މީގެ ސިއްރަކީ އިންސާނާގެ ހަށިގަނޑުގައިވާ އެތެރޭގެ ގަޑި ނުވަތަ "ސާކޭޑިއަން ރިދަމް" ރަނގަޅަށް ދެނެގަނެ، އެއާ އެއްގޮތަށް އަމަލު ކުރުމެވެ.

ހަށިގަނޑުގެ އެތެރޭގެ ގަޑި މަސައްކަތްކުރާ ގޮތް

އިންސާނާގެ ސިކުނޑީގައިވާ މި ނިޒާމަކީ 24 ގަޑިއިރުގެ ސައިކަލް އަކަށް މަސައްކަތްކުރާ ނިޒާމެކެވެ. މި ނިޒާމުން، އިރުއޮއްސި އަނދިރިވުމުން "މެލަޓޯނިން" ނަމަކަށް ކިޔާ ހޯމޯނެއް އުފައްދައި، ނިދަންވީ ވަގުތުކަން ސިކުނޑިއަށް އަންގައިދެ އެވެ.

އެއާއެކު ފަތިސްވެ އިރުގެ އަލިކަން ފެތުރެން ފެށުމުން، "ކޯޓިސޯލް" ހޯމޯން އިތުރުކޮށްދީ، މީހާ ހޭލައްވާލުމަށް މަގުފަހިކޮށްދެ އެވެ. އެހެންކަމުން، މި ގުދުރަތީ ނިޒާމު އޭގެ ރަނގަޅު ގޮތުގައި މަސައްކަތް ކުރަން ފަށައިފިނަމަ، އެއްވެސް އެލާމެއްގެ އެހީއާ ނުލައި ހޭލެވޭނެ އެވެ.

އެލާމާ ނުލައި ހޭލަން އާދަކުރާނީ ކިހިނެއް؟

  • ގަވާއިދުން އެއް ގަޑިއަކަށް ނިދައި ހޭލުން: ބޮޑެތި މީހުންނަށް އާންމުކޮށް 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދުގެ ނިންޖެއް ބޭނުންވެ އެވެ. އެލާމާ ނުލައި ހޭލަން ބޭނުންނަމަ އެންމެ މުހިންމު ކަމަކީ، ބަންދު ދުވަސްތައް ހިމެނޭހެން ކޮންމެ ރެއަކުވެސް އެއް ގަޑިއަކަށް ނިދަން އާދަ ކުރުމެވެ. މިގޮތަށް އާދަ ކުރުމުން، ހޭލަންވީ ގަޑި ހަށިގަނޑު އަމިއްލައަށް ދެނެގަންނާނެ އެވެ.
  • އިރުގެ އަލީގެ ބޭނުން ހިފުން: އިރުގެ އަލިކަމަކީ ހަށިގަނޑުގެ ގަޑި ސެޓު ކުރުމަށް އޮތް އެންމެ މުހިންމު އެއް ވަސީލަތެވެ. ހެނދުނު އިރުގެ އަލި ކޮޓަރިއަށް ވަންނާނެހެން ކުޑަދޮރުގެ ފޮތިގަނޑު ކުޑަކޮށް ކަހާލާފައި ބެހެއްޓުމުން، އެ އަލިކަމުގެ ސަބަބުން ނިދި ފިލުވައިދޭ ހޯމޯންތައް ހަށިގަނޑުގައި އުފެދެން ފަށާނެ އެވެ.
  • ނިދާ ކޮޓަރީގެ ފިނިހޫނުމިން ކޮންޓްރޯލް ކުރުން: ރޭގަނޑު ނިދާ ވަގުތު ކައިރިވާ ވަރަކަށް ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން ދަށްވެ އެވެ. މާ ހޫނުގަދަ ނަމަ ނިދަން އުނދަގޫވެ އެވެ. އެހެންކަމުން ކޮޓަރި ކުޑަކޮށް ފިނިކޮށް ބެހެއްޓުމަކީ ފުން ނިންޖަކަށް މަގުފަހިކޮށްދީ، ހެނދުނު ތާޒާކަމާއެކު ހޭލަން އެހީތެރިވެދޭނެ ކަމެކެވެ.
  • ފޯނާއި ސްކްރީންތަކާ ދުރުވުން: ސްމާޓްފޯނާއި ޓީވީ ފަދަ ސްކްރީންތަކުން އަރާ ނޫ އަލީގެ ސަބަބުން ސިކުނޑިއަށް ދުވާލު ކަމަށް ހީވެ، މެލަޓޯނިން އުފެއްދުން މަޑުޖައްސާލަ އެވެ. ނިދުމުގެ ދެ ގަޑިއިރު ކުރިން ފޯނާ ދުރުވުމަކީ ހަށިގަނޑުގެ ގަޑި ރަނގަޅު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މީގެ އިތުރުން ނިދާގަޑި ކައިރިކޮށްފައި ކޮފީ ފަދަ ކެފެއިން ހިމެނޭ ބުއިންތައް ބޭނުން ނުކުރުން މުހިންމެވެ.
  • މަޑުމަޑުން ބަދަލު ގެނައުން: ހަށިގަނޑުގެ ނިދުމުގެ އާދަތައް އެއްފަހަރާ ބަދަލެއް ނުކުރެވޭނެ އެވެ. ނިދާ ގަޑިއަށް ބަދަލު ގެންނަން ބޭނުންނަމަ، ކޮންމެ ރެއަކު 15 ނުވަތަ 30 މިނެޓު ކުރިން ނިދަން އާދަ ކުރަމުން ގޮސް ބޭނުންވާ ގަޑިއަށް ބަދަލު ކުރާށެވެ.

އެލާމް ގަޑިއާ ނުލައި ގުދުރަތީ ގޮތުން ހޭލެވުމަކީ ނިދީގެ ސައިކަލް މެދުކެނޑުމެއްނެތި ފުރިހަމަވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ ސަބަބުން ހެނދުނު ހޭލާއިރު ހުންނަ ވަރުބަލިކަމާއި ކަންނެތްކަން ފިލައިގޮސް، ތާޒާކަމާއެކު ދުވަސް ފެށުމަށް މަގުފަހި ވެގެންދާނެ އެވެ.