އަންހެނުން ޕީރިއަޑް ދުވަސްވަރު މާ ފަރުވާތެރިވެފައި ކުރާ މަސައްކަތް ފުރިހަމަ ކަމަށާއި ހެދޭ ގޯސްތައް ވެސް މަދު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާގެ ނަތީޖާ ބައެއް މީހުންނަށް ގަބޫލުކުރަން ވެސް ދަތިވި އެވެ. އެއީ ޕީރިއަޑް ދުވަސްވަރު މޫޑަށް ބޮޑު ބަދަލުތަކެއް އައުމާއެކު ހަށިގަނޑަށް ވެސް އެތައް އުނދަގޫތަކެއް ކުރިމަތިވެފައި، އަދި އެދުވަސްވަރަކީ "ބަލި" ދުވަސްތަކެއް ކަމަށް އާންމުކޮށް ގަބޫލުކުރެވިފައި ވާތީ އެވެ.

މި ދިރާސާ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އަންހެނުން އެމީހުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި، ޕީރިއަޑް ދުވަސްވަރު އެންމެ ފުރިހަމައަށް މަސައްކަތް ނުކުރެވިދާނެ ކަމަށް ޚުދު އެމީހުންނާއި އަދި މުޖްތަމައު ދެކޭތީ އެކަމުގެ ހަގީގަތް ބަލާލުމެވެ. ދިރާސާގެ ނަތީޖާ ދެއްކީ މީހުން ދެކޭ ގޮތާ ޚިލާފަށެވެ. އެއީ އަންހެނުން ޕީރިއަޑް ދުވަސްވަރު މަސައްކަތަށް މާ ފަރުވާތެރި އެވެ.

ކުރާ މަސައްކަތް މާފުރިހަމަ އެވެ. ހެދޭ ކުށް ނުވަތަ ގޯސް މަދެވެ. ހަރަކާތްތައް ވެސް އަވަހެވެ. މީގެ ކުރިން ކުރެވުނު ދިރާސާއެއްގައި ދައްކަނީ ދަރިމައިވާ ބިސް އުފެދުމާއި ޕީރިއަޑް ފެށުމާއި ދޭތެރޭ ހޭދަވާ ދުވަސްތަކުގައި އެމީހުންގެ ހަރަކާތްތައް ލަސް ކަމަށެވެ. ޚާއްސަކޮށް ދަރިމައިވާ ބިސް ރަހިމް ތެރޭގައި ދަތުރުކުރަން ފަށާތާ ކުރީކޮޅު، މަސައްކަތުގައި ހެދޭ ގޯސްތައް ގިނަ ކަމަށް ދައްކަ އެވެ.

މި ތަހުލީލުގެ ބައިވެރިވި ގިނަ އަންހެނުން އެމީހުންގެ ޕީރިއަޑްގެ ސަބަބުން މަސައްކަތް ކުރާއިރު އެންމެ ފުރިހަމައަށް ވިސްނުން ތަންނުދޭ ކަމަށް ބުނެފައިވީ ނަމަވެސް، ހަގީގަތުގައި ވިސްނުން ބޭނުންކޮށްގެން ކުރި އެއްވެސް ޓެސްޓެއްގެ ނަތީޖާ ދަށް ކަމަކަށް ދައްކައިފައެއް ނުވެ އެވެ.

އެ ދިރާސާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ރޮންކާ ވިދާޅުވިގޮތުގައި ހީ އާއި ހަގީގަތަކީ މުޅިން ދޭއްޗެއްކަން ކުރި ޓެސްޓްތަކުން ދައްކާ ކަމަށާއި، ޕީރިއަޑް ސައިކަލްގެ ހުރިހާ މަރުހަލާއެއްގައި ވެސް ވިސްނުމުގެ ބާރު ހުރީ އެއްވަރަށް ކަމަށެވެ.