ޓައިޓޭނިކްގެ މަޝްހޫރު ލަވަ ކިޔައިދިން ލަވަކިއުންތެރިޔާ ސެލީން ޑިއޯންގެ ސިއްހީ ހާލަތުގެ އަފްޑޭޓެއް އެންބީސީގެ ޓުޑޭ ޝޯއަށް ދިން އިންޓަވިއުއެއްގައި އޭނާ ކިޔާދީފި އެވެ.

ސެލީންއަށް ވަނީ "ސްޓިފް ޕާސަން ސިންޑްރޯމް" ކިޔާ ބައްޔެއް ޖެހިފައިކަން އޭނާ ވަނީ ކުރިން އިއުލާންކޮށްފަ އެވެ. އަދި މި ބަލީގެ ސަބަބުން އޭނާ ތަހައްމަލު ކުރަމުންދާ ވޭން އޭނާ ވަނީ މި އިންޓަވިއުގައި ކިޔައިދީފަ އެވެ.

"އަހަރެންގެ މޭކަށިގަނޑުގައި ވެސް ރެނދުލި އެއްފަހަރު. ސްޕެޒަމްތައް އަންނަ ގަޑީގައި ހަށިގަނޑަށް ވަރަށް ބޮޑުވަރުވޭ،" އޭނާ ވަނީ ބުނެފަ އެވެ.

"ހީވަނީ މީހަކު ކަރުގައި ހިފާ ހާސްކޮށްލާހެން ބައެއް ފަހަރު،" ސެލީން ބުނެފައިވެ އެވެ. މި ބަލީގެ ސަބަބުން އޭނާގެ ލަވަކިޔުމުގެ ހުނަރަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން ބައެއް ޝޯތައް ކެންސަލް ކުރަން ޖެހުމުން ވަރަށް ހިތުގައި ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސެލީންއަށް ޖެހިފައި ވަނީ ނާރުގެ ބައްޔެެކެވެ. މި ބަލި ޖެހުނުކަން އޭނާ އިއުލާންކުރިތާ މިހާރު ދެ އަހަރުވެއްޖެ އެވެ.