މައްކާ (ޖޫން 12) - މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އުމުރުން އެންމެ ދުވަސްވީ މީހާގެ ގޮތުގައި 130 އަހަރުގެ އަލްޖީރިއާގެ އަންހެނަކަށް ސައުދީ އަރަބިއާ އިން މަރުހަބާ ކިޔައިފި އެވެ.
ޖިއްދާ އެއާޕޯޓަށް ސަރުހޫދާ ސުތީތު ނަމަކަށް ކިޔާ އެ އަންހެން މީހާ ފޭބުމާ އެކު ސައުދީ އެއާލައިނާއި ސައުދީގެ އޮފިޝަލުން ވަނީ އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ބެލެވޭ ގޮތުގައި މިއީ ދުނިޔޭގައި ވެސް ހުރި އުމުރުން އެންމެ ދުވަސްވީ މީހާ އަށް ވާނެ އެވެ.
އަލްޖީރިއާގެ ހައްޖު މިޝަނުން ބުނީ ސަރުހޫދާގެ ސިއްހީ ހާލަތު ރަނގަޅު ކަމަށެވެ. އަދި އޭނާގެ ހާލަތު ގާތުން ވަޒަންކުރަމުން ގެންދާނެ ކަމަށް ބުނެފައިވެ އެވެ.
ސަރުހޫދާ ބުނެފައި ވަނީ ހައްޖުގެ އަޅުކަން އަދާކުރެވޭތީ ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށެވެ. އަދި ސަރުހޫދާ ވަނީ ސައުދީން އޭނާ ކީ ހޫނު މަރުހަބާ އަށް ޝުކުރު އަދާކޮށްފަ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ވަނީ 1.5 މިލިއަން މީހުން ސައުދީ އަށް ޖަމާވެފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު ދެ މިލިއަނަށް އަރާނެ ކަމަށް ސައުދީގެ އޮފިޝަލުން ލަފާކުރެ އެވެ.
މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ހޮނިހިރު ދުވަހު އެވެ. ހައްޖުވެރިންނަށް ދިމާވާނެ އެންމެ ބޮޑު އެއް މަައްސަލައަކީ މި އަހަރު ސައުދީގައި ހޫނުގަދަވުމެވެ. ޚާއްސަކޮށް އަރަފާތު ދުވަހު އަރަފާތު ބިމުގައި ހޫނުގަދަވާނެ ކަމަށް އޮފިޝަލުން ލަފާކޮށްފައިވެ އެވެ.