އެމްސްޓްރަޑާމް (11 ޖޫން) – އަނިޔާގެ ސަބަބުން ނެދަލޭންޑްސްގެ މުހިންމު މިޑްފީލްޑަރު ފްރޭންކީ ޑެޔޮންގަށް ޔޫރޯގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ. މިއީ ޔޫރޯ ފެށެން ކުޑަތަންވެފައިވަނިކޮށް، ނެދަލޭންޑްސްގެ ޓީމަށް ލިބުނު ބޮޑު ގެއްލުމެކެވެ.

އަނިޔާގެ ސަބަބުން ޑެޔޮންގް ،27، އަށް މިދިޔަ ސީޒަންގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު ހަ މެޗުވެސް ނުކުޅެވުނެވެ. ޑެޔޮންގަށް މިދިޔަ އޭޕްރީލް މަހު އަނިޔާވީ ރެއާލްއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގަ އެވެ.

އެހެން ނަމަވެސް، ޔޫރޯއަށް ޑޭޔޮންގް ފިޓުވާނެ ކަމުގެ އުންމީދުގައި ނެދަލޭންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ ޔޫރޮއަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި އޭނާ ހިމަނައިފައެވެ. އެކަމަކު ޑެޔޮންގް މުބާރާތަށް ފިޓެއްނުވި އެވެ.

"ވަރަށް ދެރަވެއްޖެ ޔޫރޯގައި ނުކުޅެވޭތީ،" ޑެޔޮންގް ބުންޏެވެ.

"ފާއިތުވި ދެ ތިން ހަފުތާގައި ވަރަށް ގިނަ މަސައްކަތްތައް ކުރިން. އެކަމަކު މުޅިން ފިޓުވާން އަހަންނަށް އިތުރު ވަގުތު ބޭނުންވޭ،" އޭނާ ބުންޏެވެ.

ޑެޔޮންގަށް އަނިޔާވެ، ޔޫރޯ ނުކުޅެވޭތީ ނެދަލޭންޑްސްގެ ކޯޗު ކޫމަންގެ ހިތްހަމަނުޖެހުން ބޮޑަށް އަމާޒުވީ ބާސާއަށެވެ. ކޫމަން ބުނީ ޑެޔޮންގްގެ އިންޖަރީއާ ގުޅިގެން ބާސާ އިން "ނެގީ ރިސްކްތަކެއް" ކަމަށާއި އޭގެ ހުރިހާ ގެއްލުމެއް ކުރިމަތިވީ ނެދަލޭންޑްސްގެ ޓީމަށް ކަމަށެވެ.

ޔޫރޯގައި ނުކުޅެވޭތީ ޑެޔޮންގް ދެން އެނބުރި ދާނީ ބާސާއަށެވެ. އަދި ރިކަވަރީ ކުރިއަށް ގެންދާނީ ކްލަބުގެ ބެލުމުގެ ދަށުންނެވެ.

ޑެޔޮންގްގެ ބަދަލުގައި ނެދަލޭންޑްސް އިން ވަނީ ޗެލްސީގެ ޑިފެންޑަރު އިއާން މާސްޓެން ޓީމަށް ނަގައިފަ އެވެ.

ޑެޔޮންގްގެ އިތުރުން، ނެދަލޭންޑްސްގެ ކުމައިނާސްއަށް އަނިޔާވެ، އޭނާ އަށްވެސް ވަނީ ޔޫރޯ ކުޅުމުގެ ފުރުސަތުގެ ގެއްލިފަ އެވެ. – ބީބީސީ