އަރަފާތު (ޖޫން 15) - ހައްޖުގެ އެންމެ މުހިންމު ރުކުން ކަމަށްވާ އަރަފާތު ބިމުގައި މަޑުކުރުމަށްޓަކައި ދެ މިލިއަނަށް ވުރެ ގިނަ ހައްޖާޖީން ގަދަ ހޫނުގައި ރޭ ފަތިހުން ފެށިގެން އަރަފާތުގެ މާތް ބިމަށް ޖަމާވާން ފަށައިފި އެވެ.
މިއަދު އިރު އޮއްސުމުގެ ކުރިން ކޮންމެ ހައްޖުވެރިއަކު ވެސް އަރަފާތުގައި ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް ހޭދަކުރަން ޖެހޭނެ އެވެ. އެހެން ނޫން ނަމަ ހައްޖެއް ނުލިބޭނެ އެވެ.
މިނާއިން ހައްޖުވެރިން ބަހާއި ކާރުގައި އަރަފާތަށް ދަތުރުކުރި އިރު އެތައް ބަޔަކު ފައިމަގުގައި ވެސް ދިޔަ އެވެ. ކީރިތި ރަސޫލާގެ ހައްޖަތުލްވަދާއުގެ ވަދާއީ ޚުތުބާ ދެއްވި މާތް މަގާމުފުޅުގައި ގާއިމްކޮށްފައިވާ ނަމިރާ މިސްކިތުގައި މިއަދުގެ ހައްޖު ޚުތުބާ ދެއްވާނީ މައްކާގެ ހަރަމްފުޅުގެ ސީނިއާ އިމާމް ޝެއިޚް ޑރ. މާހިރު އަލް މުއީގްލީ އެވެ. ހައްޖު ޚުތުބާގެ ތަރުޖަމާ 20 ބަހަކުން ގެނެސް ދޭނެ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ހައްޖުވެރިން ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަކީ މައްކާ ހިމެނޭ ސަރަހައްދުގެ ހޫނުގަދަވުމެވެ. އަރަފާތު ދުވަހުގެ ހޫނުމިން 45-48 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ލަފާކޮށްފައިވެ އެވެ. އެހެންވެ ހައްޖުވެރިން އަރަފާތުގައި އުޅޭ އިރު ކުޑަފަދަ ތަކެތި ބޭނުން ކުރުމަށާއި ގިނައިން ދިޔާ ތަކެތި ބުއިމަށް ހައްޖާޖީންނަށް މިއަދު ވެސް ފޮނުވި މެސެޖްތަކުގައި އިރުޝާދު ދީފައިވެ އެވެ.
އަރަފާތު ބިމުގެ ހޫނުގަދަ ވުމުގެ ސަބަބުން ހޫނު މަޑުކުރުމަށްޓަކައި ނަމިރާ މިސްކިތުން ފެށިގެން 25،000 އަކަ ފޫޓުގެ ސަރަހައްދެއްގައި ވަނީ ކޯޓިންއެއް މިފަހަރު ލައިފަ އެވެ.
މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ވެސް ހޫނުގަދަ ވެގެން 10،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ އެކި މައްސަަލަތައް ދިމާވި އެވެ. އޭގެ ތެރޭން 10 ޕަސެންޓަކީ ހީޓް ސްޓްރޯކެވެ. މިދިޔަ އަހަރުގެ އަރަފާތު ދުވަހު ވެސް ހޫނުމިން ވަނީ 48 ޑިގްރީ ސެލްސިއަސް އަށް އަރައިފަ އެވެ.