ގުގުރިދެމުމަކީ ތިމާއަށާއި އެއްކޮޓަރިއެއްގައި ނިދާ އެހެން މީހުންނަށް ވެސް އުނދަގޫވާ ކަމެކެވެ.

ގުގުރިދެމުމޭ ކިޔަނީ ނިދާފައި އޮވެ، ނޭވާލާއިރު ކަރު ތެރޭގައިވާ މަސްތަކުގައި އެޅިފައި ވައިބްރޭޓްވެގެން ނިކުންނަ އަޑުގަދަ ނޭވާލުމުގެ އަޑަށެވެ. ކޮންމެ މީހަކީ ވެސް ކޮންމެ ވަރަކަށް، ބައެއް ފަހަރު ގުގުރިދެމޭނެ މީހެކެވެ. ގުގުރިދެމޭތީ އަޑުގަދަވެގެން ނުނިދޭނަމަ އެއީ ހަށިގަނޑުގައި ސިއްޚީ ނުރައްކަލެއް އުޅޭކަމުގެ އަލާމާތެކެވެ. ވީމާ އާންމުކޮށް ގުގުރިދެމޭ ނަމަ ޑޮކްޓަރަކަށް ދައްކައި ޗެކްކޮށްލުމަކީ ވަރަށް މުހިންމުކަމެކެވެ.

ގުގުރި ދެމުމަކީ ލޭ މައްޗަށް ދާކަމުގެ އަލާމާތެއް

ލޭ މައްޗަށް ދިއުމަކީ ދިގު މުއްދަތަކަށް ލޭގެ ޕްރެޝަރު އާންމުކޮށް ހުންނަންވާ ވަރަށް ވުރެ މަތީގައި ހުރުމުންނެވެ. އޭގެ ސަބަބުން ހިތުގެ ބަލިތަކާއި، ކިޑްނިގެ ބަލިތަކަށް މަގުފަހިވެ އެވެ.

އާއްމުކޮށް ގުގިރި ދެމުމުން ނިންޖަށް ކުރާ އަސަރު ދެނެގަތުމަށް އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި އާންމުކޮށް ގުރިދަމާ މީހުންގެ ލޭގެ ޕްރެޝަރު ހުންނަނީ ވަރަށް މަތީގަ އެވެ. ބާރަ ހާސް ވޮލަންޓިއަރުން ބޭނުންކޮށްގެން 9 މަސްވަންދެން ކުރި މިދިރާސާއިން އެކުރެވުނު މައުލޫމާތުން ދޭހަވަނީ ގުގުރި ދަމާ މީހުންގެ ތެރެއިން ޚާއްސަކޮށް ފަލަކޮށް ތިބޭ މެދު އުމުރުގެ މީހުންގެ ލޭގެ ޕަރެޝަރު މަތިވެފައިވާ ކަމެކެވެ.

އޭގެ އިތުރުން ގުގުރި ދެމޭތީ ހަމަނިދި ނުލިބުމަކީ ވެސް އެމީހުންގެ ތެރޭގައި ވަރަށް އާންމު ކަމެއް ކަމެވެ. އެއްވެސް ސަބަބަކާ ހުރެ ރޭގަނޑުގެ ހަމަނިދި ނުލިބުމަކި ވެސް ލޭ މަޗަށްދިއުމުގެ ސަބަބެކެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސާ ޑރ. ޑެނީ އެކާޓް ވިދާޅުވާ ގޮތުގައި ބައެއް ފަހަރު ގުގުރި ދަމާ މީހުންނާއި އާދަކޮށް ގުގުރިދަމާ މީހުންގެ ތަފާތަކީ އާމުކޮށް ގުގުރި ދަމާ މީހެއް ނަމަ ލޭމައްޗަށް ދިއުމުގެ ނުރައްކާ ދެގުނައަށް އޮތުމެވެ. މިއީ ވަރަށް ނުރައްކާތެރި ސިގްނަލެކެވެ.

ގުގުރިދެމުން ރަނގަޅުކުރުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އޭގެ ތެރޭގައި ކަސްރަތު ކުރުމާއި، ބަރުދަން ލުއިކުރުމާއި، އަދި އަރިއަކަށް އޮވެ ނިދުން ހިމެނެ އެވެ.