ކައިވެނި ރޫޅުމަކީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. ކޮންމެ ހާލަތެއްގައި ވިޔަސް ކައިވެނި ރޫޅުމުން ވަށައިގެންވާ މީހުންގެ އެހީތެރިކަމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ.

މި ކިޔައި ދެނީ އެކުވެރިއަކު ވަރިވެއްޖެނަމަ، ނުވަތަ ވަރިވާން އުޅޭ ނަމަ، ކޮށްދެވިދާނެ ފަސް ކަމެކެވެ.

1. އެކުވެރިޔާގެ ރައްކާތެރިކަން ކަށަވަރުކުރުން

ކައިވެނި ރޫޅުނު އެކުވެރިޔާއަށް އެއްވެސް ކަހަލަ ގެވެށި އަނިޔާއެއް ލިބެމުންދާ ކަމަށްވާނަމަ، އެކުވެރިޔާގެ ރައްކާތެރިކަަން ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ. މި ކަމުގައި އެކުވެރިޔާއަށް އެންމެ ރައްކާތެރިވާ ގޮތަށް އެހީތެރިވާށެވެ. އަދި އެކުވެރިޔާއަށް ނަފްސާނީ އެހީތެރިކަން ބޭނުުންވާނަމަ އެކަންކަން ހަމަޖައްސައި ދިނުމަށް ވެވުނު ވަރަކުން އެހީތެރިވާށެވެ.

2. އަމިއްލަ ވާހަކަ ނުދެއްކުން

އެކުވެރިޔާގެ ކައިވެންޏަށް ދިމާވި ކަންކަމުގެ ވާހަކަ ދައްކާއިރު، އަމިއްލަ ހަޔާތުގެ ތަޖުރިބާގެ ވާހަކަ ދެއްކުމުން ދުރުހެލިވާށެވެ. މި ވަގުތަކީ އެކުވެރިޔާގެ ވަގުތެކެވެ. ފޯކަސް ކުރަންވާނީ އޭނާގެ ތަޖުރިބާއަށެވެ. އެއްވެސް ކައިވެންޏަކީ އެއްކަހަލަ ކައިވެންޏަކަށް ނުވާނެ އެވެ. އެހެންކަމުން މި ވަގުތުކޮޅު އަމިއްލަ ވާހަކަ ދެއްކުމާ ދުރުހެލިވާށެވެ.

3. އެކުވެރިޔާގެ ކުރީގެ ފިރި/ އަނބި މީހާގެ ގޯސް ވާހަކަ ނުދެއްކުން

އެކުވެރިޔާގެ ކުރީގެ ފިރި/ އަނބި މީހާ އާ ދޭތެރޭ ކިތަންމެ ގޯސްކޮށް ދެކެވުނު ކަމުގައިވީ ނަމަވެސް، އޭނާގެ ގޯސް ވާހަކަ ނުދައްކާށެވެ. މީ އެވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ.

4. ގަވައިދުން ވާނުވާ ބެލުން

އެކުވެރިޔާގެ ހާލު އަހުވާލު ގަވައިދުން ބަލާލާށެވެ. މި ކަހަލަ ކުދި ކުދި ކަންކަމަކީ ވެސް އެކުވެރިޔާއަށް ދެވޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.

5. އެކުވެރިޔާ ވާހަކަ ދައްކާ އިރު ސަމާލުކަން ދީ އަޑުއެހުން

އެކުވެރިޔާގެ ތަޖުރިބާއާ އިހުސާސްތައް ކިޔައިދޭ އިރު ކަނުލާ އަޑުއަހާށެވެ. އަދި ކަންކަން ވީ ގޮތަށް ބަސް ނުބުނާށެވެ. މި ވަގަތު އެކުވެރިޔާ ބޭނުންވާނީ ވާހަކަ އަޑުއަހާނެ މީހެކެވެ.