ކާބުލް (23 ފެބްރުއަރީ) - ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ފަށައިފި އެވެ.

އަފްޣާނިސްތާނުގެ ރައީސްގެ ގަނޑުވަރުގައި ވެކްސިން ދިނުން ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ޑޮކްޓަރުންނާއި، ސެކިއުރިޓީ ގައި ހަރަކާތްތެރިވާ މީހުން އަދި ނޫސްވެރިންގެ ތެރެއިން ވެކްސިން ޖެހުމަށް ނަންނޯޓް ކުރި ފަރާތްތަކަށެވެ.

އިންޑިއާއިން ވަނީ އަފްޣާނިސްތާނަށް މިމަހުގެ ކުރީ ކޮޅުގައި އެސްޓްރާ ޒެނެކާ ވެކްސިންގެ 500،000 ވެކްސިން ޑޯޒް ހަދިޔާކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވިދާޅުވީ މިއަދަކީ އަފްގާނިސްތާނުގެ ރައްޔަތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި ވެކްސިން ޖަހަން ފެށުމާއެކު ހުރިހާކަމެއް ރަނގަޅުވެގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށާއި މިކަންކަން އެންމެ އެދެވޭގޮތަށް ކުރިއަށް ގެންދިއުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް ރޯގާ އަފްޣާނިސްތާނުގެ ގިނަ ބަޔަކަށް ވެސް ޖެހިފައިވާނެ ކަމަށް އޮފިޝަލުން ގަބޫލުކުރެ އެވެ. ހަނގުރާމައިގެ ސަބަބުން ވިރާނާ ވެފައިވާ އަފްޣާނިސްތާނުގެ ސިއްހީ އިދާރާތަކަށް ކޮވިޑް ރޯގާގެ ކޭސްތައް ރިކޯޑް ކުރުމާއި ޓެސްޓް ކުރުން އެންމެ އެދެވޭ ގޮތަކަށް ކުރިއަށް ގެންދެވިފައިނުވެ އެވެ.

އަފްޣާނިސްތާނުގައި ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ރިކޯޑް ކުރެވިފައިވަނީ 55،600 މީހުންނެވެ. އަދި މި ރޯގާގައި 2430 މީހުން މަރުވި ކަމަށް ވެސް ރިކޯޑް ކުރެވިފައިވެ އެވެ.

ނަމަވެސް އަފްޣާނިސްތާނުގެ ހެލްތް މިނިސްޓްރީން އާންމު ކުރި ސާވޭ ރިޕޯޓެއްގައި ވާގޮތުން އަފްގާނިސްތާނުގެ އާބާދީގެ ގާތްގަނޑަކަށް 10 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާނެ ކަމަށް ލަފާކުރެވެ އެވެ. – އަރަބް ނިއުސް