ޑޯޓްމަންޑް (22 ޖޫން) – ޔޫރޯގެ ގުރޫޕް އެފްގައި މިރޭ ތުރުކީ އަތުން 3-0 އިން މޮޅުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލް ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ޕޯޗުގަލް، ގުރޫޕްގެ އެއްވަނަ ކަށަވަރުކުރީ ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު އެވެ. މި ގުރޫޕްގެ ފަހު މެޗުތަކަށްދާއިރު، ތުރުކީ އާއި ޖޯޖިއާ އަދި ޗެކް ރިޕަބްލިކަށް ވެސް ގަދަ 16 އިން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.
މެޗުގެ 21 ވަނަ މިނިޓުގައި ޕޯޗުގަލް އަށް ލީޑު ހޯދައިދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ. ނޫނާ މެންޑޭސް ތުރުކީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ސިލްވާ އަށް ލިބުމުން އޭނާ ވަނީ އެއް ފަހަރުން ގޯލަށް އެ ބޯޅަ އަމާޒުކޮށްލައިފަ އެވެ.
ޕޯޗުގަލްގެ ދެވަނަ ލަނޑަކީ މެޗުގެ 28 ވަނަ މިނުޓުގައި ތުރުކީގެ ޑިފެންޑަރު ސާމެތު އަކަޔަދިން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ތުރުކީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑުގައި ތިބި ނަމަވެސް، ދެވަނަ ލަނޑާ އެކު ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ މާޔޫސްކަމެވެ.
މެޗުގެ 55 ވަނަ މިނިޓުގައި ޕޯޗުގަލްގެ ތިން ވަނަ ލަނޑު ޖެހީ ބްރޫނާ ފެނާންޑޭސް އެވެ. އެކަމަކު މި ލަނޑުގެ ތައުރީފް ހައްގުވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. މުޅިން ހުސްކޮށް ޕެނަލްޓީ އޭރިޔާ ތެރެއިން ރޮނާލްޑޯއަށް ގޯލަށް ބޯޅަ ފޮނުވާލުމުގެ ފުރުސަތު ލިބުނު ނަމަވެސް، ތުރުކީގެ ކީޕަރު ކުރިއަށް ނުކުތް ވަގުތު އޭނާ ޕާސްކުރީ ބްރޫނޯއަށެވެ. އެ ބޯޅަ ބްރޫނޯ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.