އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން މިހާރު ކުރަމުންދާ މުޒާހަރާގައި އެ ތަނުގެ އޮޕަރޭޝަނަށް ހުރަސް އަޅާ ދޯނިތަކުން ތިން މަސް ދުވަހުގެ މުއްދަތަށް މިފްކޯ އަށް މަސް ގަތުން ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު މިފްކޯ އިން މިއަދު ދީފި އެވެ.
ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގައި އައްޑޫގެ ބައެއް ދޯނިތަކުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މުޒާހަރާ ކުރަމުން ދަނީ މަސްވެރިން އަތުން މަސް ގަތުމަށް ފަހު މިފްކޯ އިން ފައިސާ ނުދީގެންނެވެ.
މިފްކޯ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބައެއް ދޯނިފަހަރުން ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައިހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން އަމަލުތައް ބަހައްޓަމުން ގެންދާތީ އެކަން ހައްލު ކުރުމަށް މިފްކޯ އާއި، ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަސްވެރިންގެ މުޒާހަރާގައި ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވާ ހައުސް އިމާރާތްތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދު ފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާކަން ފާހަގަކުރާ ކަމަށް ބުންޏެވެ.
"މިގޮތުން މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަން އޭރިއާއަށް ރޭގައި ކަރަންޓު ދޭން ފުރުސަތު ދީފައިނުވާތީ، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާޚާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ބުރޫއަރާފައިވާކަން ފާހަގަކުރަމެވެ." މިފްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ 2023 ވަނަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދެއްކި ހުރި 234 މިލިއަން ރުފިޔާ ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުންޏެވެ.
މިފްކޯ އިން ބުނީ ކުންފުންޏަށް މަސް ގަންނަނީ ކިލޯއަކުން 8ރ. ގެ ގެއްލުމުގައި ކަމަށާއި، މަސްދޯނިފަހަރުން މިފްކޯއަށް ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެން ކަމަށެވެ. އެހެންކަމުން އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރާ އެކީ މަސައްކަތްކުރަމުން ގެންދާއިރު، ފައިސާ ދެއްކުން ލަސްވެގެން ދިއުމަކީ މިކުންފުނިން ހިތާމަކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.