ބެދޭ މަޅިއެއް ނުފެންނާނެ އެވެ. މިއީ މުސްކުޅިން ބުނެއުޅޭ މިސާލު ބަހެކެވެ. މިސާލު ބަހެއްގެ މާނަ ރަނގަޅަށް ދޭހަވުމަށްޓަކައި އެ ބަހެއްގެ ފަހަތުގައި އޮންނަ ހާދިސާ ނުވަތަ ވާހަކަ އެނގެންޖެހެ އެވެ. އެހެންކަމުން މި މިސާލު ބަހަށް ވާގޮތް ބަލާލަމާ ހެއްޔެވެ؟ ރާއްޖޭގެ ރަށްތަކުގެ ތުނޑިއަށް އަންނަ ދޫނިތައް ހިފުމަކީ، ޒަމާނުއްސުރެ ދިވެހިން ކޮށް އުޅުނު ކަމެކެވެ. މިކަންތައް އާންމުކޮށް ކުރަނީ އެކަމަށްޓަކައި ތައްޔާރު ކުރާ މަޅިފައްޗެއް ތުނޑީގައި ޖަހައިގެންނެވެ. އެފަދަ މަޅިފަތި ތުނޑީގައި ހުންނައިރު އެތަނަށް ތިރިކުރާ ދޫނިތަކަށް އެ މަޅިފަތި ފާހަގަ ކުރަން އެނގެ އެވެ. އެހެންކަމުން އެއިން މަޅިއެއްގައި ނުބެދިވޭތޯ އެސޮރުމެން ވަރަށް ފަރުވާތެރި ވާނެ އެވެ. ނަމަވެސް އެންމެ ފަހުން ބެދޭނީ އެސޮރަށް ނުފެނުނު މަޅީގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ސިޔާސީ ގޮތުން ވަރަށް ގާތް ދެބޭފުޅުންނެވެ. އެކަމަކު އެކަން އެގޮތަށް ދެމި އޮތީ އެންމެ ފަހުން ބޭއްވުން ރިޔާސީ އިންތިޚާބާ ހަމައަށެވެ. އެއިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުސަތު ރައީސް ޔާމީނަށް ގެއްލި މިހާރުގެ ރައީސް ޑރ. މުއިއްޒަށް ރައީސްކަން ލިބިވަޑައިގެންނެވުމާ އެކު އެކަން ވަނީ ބަދަލުވެފަ އެވެ. ރައީސް ޔާމީނާއި މުއިއްޒުގެ ސަރުކާރާއި ދެމެދު ޚިޔާލު ތަފާތުވެ މައްސަލަ ޖެހުމާއެކު ޔާމީންގެ ސަޕޯޓަރުން ބުނަން ފެށީ ރައީސް މުއިއްޒު ވެރިކަން ހޯއްދެވީ މަކަރާ ހީލަތުން ކަމަށެވެ. އެކަން ރައީސް ޔާމީނަށް ވަފާތެރި ބޭފުޅުން ސިފަކުރައްވަނީ ޕީޕީއެމްގެ އެތެރޭގައި ގެނައި ބަޣާވާތެއްގެ ގޮތުގަ އެވެ. އެ ބަޣާވަތް ރާވައި އެކަން ހިންގުމުގެ އަޑީގައި ހުންނެވީ އޭރު ޕީޕީއެމާއި ޕީއެންސީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް ކަމަށް ވަރަށް ފާޅުގައި ރައީސް ޔާމީންގެ އަރިސް ފަރާތްތަކުން ބުނަމުން ގެންދިޔަ އެވެ. ނަމަވެސް އެ ތުހުމަތުތަކަށް އަބްދުއްރަހީމް ގެންދެވީ އިންކާރު ކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ އެންމެ ފަހު ވަގުތާ ހަމަޔަށް ވެސް ހުންނެވީ ރައީސް ޔާމީނަށް ވަފާތެރިކަމުގައި ކަމަށެވެ.

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެމް

ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ބަލިވުމާއެކު ރައީސް ޔާމީނަށް ކުރިމަތިވެ ވަޑައިގެންނެވީ އެތައް ބައިވަރު ކޯޓު ކޭސްތަކަކާ އެވެ. ފުލުފުލުން އުފުލެމުން ދިޔަ ދައުވާތަކާއި ޖަލު ހުކުމްތަކާ އެކު ޕާޓީ ހިންގެވުމުގައި އިސްކޮށް އުޅުއްވުމަށް ރައީސް ޔާމީނަށް އޮތީ ދަތިފުޅުވެފަ އެވެ. އެހެންކަމުން ޕީޕީއެމާއި ޕީއެންސީގެ ހިންގުން ޔާމީން ހަވާލުކުރެއްވީ އެމަނިކުފާނު އެންމެ އިތުބާރު ކުރެއްވި ބޭފުޅާ ކަމަށްވާ އަބްދުއްހީމް އާ އެވެ.

އަބްދުއްރަހީމަށް ޕާޓި ހިންގަން ހަވާލުކުރުންވީ، ޕާޓީގެ ގިނަ ބަޔަކު އެކަމާ މުޅިން ހިތް ހަމަޖެހުނު ކަމަކަށް ނޫނެވެ. ނަމަވެސް ރައީސް ޔާމީންގެ ހުއްޖަތެއް ކަމަށްވީ އަބްދުއްރަހީމަކީ އެންމެ އިތުބާރު ހިފޭ ބޭފުޅާ ކަމުގައިވުމުގެ އިތުރުން ރައީސްކަމުގެ ދަހިވެތިކަން ނެތް ބޭފުޅެއްކަމުގައި ވުމުން ޕާޓީ ހިންގަން އެންމެ އެކަށީގެންވާ ބޭފުޅަކީ އެއީ ކަމުގައެވެ. އޭރު ޕީޕީއެމްގެ ލީޑަޝިޕްގެ ގިނަ ބަޔަކު ވެސް ދެކެމުން އައީ އެނޫން ބޭފުޅަކާ ޕާޓީގެ ހިންގުން މަތި ވެއްޖެ ނަމަ ބައިބައިވުން އުފެދި ޕާޓީ ނެތިދާނެކަމުގަ އެވެ. ޚުދު އަބްދުއްރަޙީމް ވެސް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު އުމުރު ދުވަހަށް ވެސް ހުންނަވާނީ ރައީސް ޔާމީނަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމުގަ އެވެ.

އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީނާއެކު ސިޔާސީ ހަޔާތް ފެށްޓެވި ގޮތަށް އެހަޔާތް ނިންމާލައްވާނީ ވެސް ޔާމީނާ އެކުގައި ކަމަށެވެ. ރައީސް ޔާމީން ސިޔާސީ މައިދާނުގައި ނެތް ދުވަހަކު ސިޔާސީ ހަރަކާތަކުން އެމަނިކުފާނު ފެނިވަޑައިނުގަންނަވާނެ ކަމުގައި އަބްދުއްރަހީމް ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސް ޔާމީން ޕީޕީއެމްގެ އާއްމު މެމްބަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ޕީޕީއެމް

އަބްދުއްރަހީމް ރައީސް ޔާމީނަށް ވަފާތެރިކަމުގެ ދަޅަ ދައްކަވައި ޕާޓީގެ އިސް ބޭފުޅުންނާއި ރައީސް ޔާމީން އެ ދަޅަޔަށް ހައްދުވަމުން ގެންދެވިއިރު، ޕާޓީއަށް ހެޔޮ އެދޭ، އެހެނަސް ޕާޓީގެ ހަރަކާތްތަކާ ދުރުގައި ތިބި މީހުންނަށް އަބްދުއްރަހީމު ރާއްވަވަމުން ގެންދެވި ކުޅިބައި ރީތިކޮށް ފެންނަން އޮތެވެ. އެވާހަކަ ދެއްކިއަސް އޭރަކު އެ ވާހަކަ ވައިގައެއް ނުހިފި އެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާނެ ފުރުސަތު ގެއްލުމާއެކު ރައީސް މުހައްމަދު މުއިއްޒުގެ އަތުގައި ހިތްޕަވައިގެން އަބްދުއްރަހީމް ނިކުމެވަޑައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ގޮތުންނާއި އޭގެ ފަހުން ރައީސް ޔާމީން ބަންދުގައި ބެހެއްޓުމަށް ސަރުކާރުން ކުރި މަސައްކަތާއި ޕީއެންއެފް އުފެދުނަ ނުދިނުމަށް ސަރުކާރުން އެޅި ހުރަސްތަކަށް ބަލާފައި މުއިއްޒު ވެރިކަމަށް ގެންނެވުމަށް އަބްދުއްރަހީމް ދުރާލައި ރޭއްވެވި ކަމުގައި ގިނަބަޔަކަށް އައީ ޝައްކަށް ވުރެ ބޮޑަށް ޔަގީން ވަމުންނެވެ. އެ ތުހުމަތުތަކަށް ދެކޮޅު ހައްދަވަމުން ގެންދެވި އަބްދުއްރަހީމް ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ޖަލްސާގައި މިވަނީ އަމިއްލަފުޅަށް އެހުރިހާ ކަމަކަށް އެއްބަސްވެ އިއުތިރާފްވެވަޑައިގެންފަ އެވެ. މާކުރިން ދުރާލާ ރޭވި ކަމަށާއި މުއިއްޒު ވެރިކަމަށް ގެންނަވަން އެމަނިކުފާނު ރޭއްވެވި ކަމުގައި އެއްބަސްވެ ވަޑައިގެންންފަ އެވެ.

އަބްދުއްރަހީމްގެ އަމިއްލަ އިއުތުރާފުން މިއަދު ހާމަވެގެން ދިޔަ "ބަޣާވަތު"ގެ ރޭވުމަކީ ދުރުދުރުން މަންޒަރު ބަލަން ތިބި މީހުނަށް ވަރަށް ރީތިކޮށް ފެންނަމުން ދިޔަ މަންޒަރެކެވެ. އެމަންޒަރު ފެނިވަޑައި ނުގެންނެވީ ރައީސް ޔާމީނަށެވެ. އެމަނިކުފާނު ޕީޕީއެމާއި ޕީއެންސީގެ ދިފާއުގައި ރޭއްވެވި ހުރިހާ ރޭއްވެވުމެއް ރޭއްވެވިއިރު ފެނިފަވަޑައިނުގެންވީ އަބުދުއްރަހީމްގެ އަމިއްލަ އެދުމާއި ވެރިކަމަށް ހުރި ދަހިވެތިކަމެވެ. އެއީ ދުރުތިބީންނަށް ފެނުނު ކަމުގައި ވިޔަސް ރައީސް ޔާމީނަށް ފެނިވަޑައި ނުގެންނެވި ބެދޭ މަޅި އެވެ.