މި އަހަރުގެ ރޯދަ މަހު ކުރިއަށް ގެންދިޔަ އޮފީސް ޓެލެޑްރާމާ މުބާރާތަށް ހުށަހެޅި ޑްރާމާތަކަށް އިންސާފުކޮށް ދޭނެ ފަނޑިޔާރުން ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިމުބާރާތަށް ހުށަހެޅި ޑްރާމްތަކަށް އިންސާފުކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އާ ހަމައަށް ވަނީ ހުޅުވާލައިފައިވާ ކަމަށެވެ.

އޮފީސް ޓެލެޑްރާމާ މުބާރާތަށް ހުށަހެޅި ޑްރާމާތަކަށް ފަނޑިޔާރުންގެ ޕެނެލަކުން އިންސާފު ކުރާނީ މައިގަނޑު ފަސް ކެޓަގަރީއަކުންނެވެ. އެއީ ޑައިރެކްޝަން، އެކްޓިން، ސްކްރީންޕްލޭ، ސިނަމެޓޮގްރަފީ އަދި އެޑިޓިން އެވެ.

އެންސީއޭ އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ގެނެސްދޭ އޮފީސް ޓެލެޑްރާމާ މުބާރާތުގެ ބޭނުމަކީ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި، ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމެވެ.

މި އަހަރުގެ ރޯދަ މަހު ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެކި އޮފީސްތަކުން މި ފަހަރު ވެސް ތަފާތު ޑްރާމާތައް ވަނީ ހުށަހަޅާފަ އެވެ.

ޑްރާމާތަކުގެ ތެރެއިން ވަނަ ހޮވުމަށްޓަކައި ފަނޑިޔާރު ހޯދުމަށް މީގެ ކުރީން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް، އެންމެ މީހަކު އެ މަގާމަށް ކުރިމަތިލާފައިވާތީ އަލުން ފަނޑިޔާރުން ހޯދުމަށް ވަނީ އިއުލާނުކޮށްފަ އެވެ.