މި ސަރުކާރުން އަންހެނުންގެ ރައްކާތެރި ކަމާއި ކަރާމާތަށް އިޙްތިރާމް ނުކުރާ ކަމަށް ބުނެ އިދިކޮޅުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. މިކަމާގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީން ފާޑުކިޔާފައި ވަނީ ރިޔާސީ ބަޔާނަށް ރައްދު ދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ޖިންސީ ފުރައްސާރައިގެ އެތައް ކަމެއް ހިނގަމުންދާއިރު އެކަންކަމަށް އިންސާފު ލިބެމުން ނުދާ ކަމަށެވެ.
"އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އެތައް ކަމެއް ރާއްޖޭގައި ހިނގަމުންދާއިރު، އެކަންކަމަށް އިންޞާފު ނުލިބުމަކީ ޖިންސީ ތަފާތު ކުރުމެއް، އަންހެނުންގެ ޙައްޤުތަކާ އެ ކަނބަލުންގެ ކަރާމާތާ އެކަނބަލުންގެ އިޙުސާސްތަކާމެދު ޣާފިލުވެފައިވާކަން އަންގައިދޭ ކަމެއް،" ސަލީމް ވިދާޅުވި އެވެ.
ތަހުޒީބާ ތަރައްގީއާ ތަމައްދުންގެ ބިންގަލަކީ އަންހެނުން ކަމަށާއި ދަރިން ތަރުބިއްޔަތު ކުރުމާއި ގައުމު ބިނާކުރުމުގާ ދިވެހި އަންހެނުންގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން، ދިވެހި ގައުމުގާ އަންހެނުންނަށް ދުޅަހެޔޮ، ނަފުސާނީގޮތުންނާ ޖިސްމާނީގޮތުން ރައްކާތެރި މާހައުލެއް ގައިމުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.
މުޖުތަމައުގައި އަންހެނުންގެ ހައްގުތަކާ ކަރާމަތާ ހިމާޔަތާ ރައްކާތެރިކަން ކަށަވަރުކޮށް ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ މުދަލާ ފައިސާ ބޭނުންކޮށްގެން އަންހެނުންނަށް ޖިންސީ ގޯނާކުރާ މީހުން މިނިވަންކޮށް، އެފަދަ އަމަލުތައް ދައުލަތުގެ މުދާ ބޭނުންކޮށްގެން ހިންގާ މީހުންގެ ޝަރީޢަތް ސިއްރުކޮށް، އެފަދަ މީހުންނަށް ސަރުކާރުން ޙިމާޔަތްދީ، ރާއްޖޭން ފުރޭނެ ހީލަތްތެރި ގޮތްތައް ރާވައިދިނުމަކީ ސަރުކާރުން އަންހެނުންގެ ކަރާމަތާ ރައްކާތެރިކަމަށް އެއްވެސް ވަރަކަށް އިޙުތިރާމު ނުކުރާކަން އަންގައިދޭ ކަމެއް. މިއީ ސަރުކާރުން ހިންގި ވަރަށް ހަޑިހުތުރު، އަދި ދަށުދަރަޖައިގެ އަމަލެއް. މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ސަލީމް ވިދާޅުވި އެވެ.
މި ފަދަ ކަންކަމުން އަންގައިދެނީ އަންހެނުންނަށް ޖިންސީ ގޯނާކުރުމުގެ މުޑުދާރު އަމަލުތަކަށް ސަރުކާރުން ހިތްވަރުދޭކަން ކަމަށާއި އެފަދަ ފަރާތެއް ފުރުވާލުމަކީ ޖިންސި ގޯނާކުރުމަށް ސަރުކާރުން ދިން ހިތްވަރެއް، އަންހެނުންނަށް ކުރި މަލާމާތެއް ކަމަށްވެސް ސަލީމް ވިދާޅުވި އެވެ.