ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރެއްވި ފުލެޓުތައް،ކުރީ ސަރުކާރުން ދީފައިވާ ޙައްޤުވެރިންގެ އަތުން އަތުލުމަކީ ރައްޔިތުންނަށް ދިން އަނިޔާއެއް ކަމަށާއި އެންމެ ނުބައި މުޖުރިމުން އަދި އަނިޔާވެރިން ނުކުރާ ޒާތުގެ ކަމެއް ކަމުގައި ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް ވިދާޅުވީ ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ ބޯހިޔާވަހިކަން ނެތުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް މިހާތަނަށް އެންމެ ބޮޑު މަޝްރޫއެއް ހިންގެވީ ރައީސް ޔާމީން ކަމަށެވެ. ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަން ފެށުމާ ހަމައަށް ހުޅުމާލޭގާ އަޅާފައިވަނީ 2050 ހައުސިންގ ޔުނިޓް ކަމަށާއި ރައީސް ޔާމީންގެ ފަސް އަހަރުގާ ގާތްގަނޑަކަށް 11،610 ހައުސިން ޔުނިޓް ހުޅުމާލޭގާ އެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ހިޔާ މަޝްރޫޢުގެ 7000 ފްލެޓް، އޭގެ ޙައްޤުވެރިންގެ އަތުން ނިގުޅައިގަނެ، އެހެން ބަޔަކަށް ދިނުމަކީ ވަރަށް ބޮޑު ބޭއިންޞާފެއް، ރައްޔިތުންނަށް ސަރުކާރުންދިން އަނިޔާއެއް. މި މައްސަލަ ވަރައް ހަރުކަށީ އިބާރާތުން ކުށްވެރިކުރަން. އަދި ފްލެޓްތައް އަތުލި ފަރާތްތަކަށް އެފުލެޓްތައް ވަގުތުން ދިނުމަށް ސަރުކާރަށް ގޮވާލަން. އަދި މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ނުކުރުމަށްވެސް ގޮވާލަން. މިއީ އެންމެބޮޑެތި އަނިޔާވެރި މުޖްރިމުންވެސް ނުކުރާޒާތުގެ ކަންކަން،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ޕްލޭން ކުރަމުންދާ ވާހަކަ ދައްކަނީ އެއްވެސް ޕްލޭނެއް ނެތި، ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަންވެގެން ކަމަށެވެ. އަދި އެ ވާހަކަ ދައްކަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް، މާލޭގެ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި ގުޅިފަޅުން ދޭން ވަޢުދުވި ގޯތިތަކާ ބޯހިޔާވަހިކަން ބިލާހަކަށް ވުމުން، ވެރިކަންކުރާ ޕާޓީގެ ބައެއް މެންބަރުންގެ އުދާސްތަކަށް ފިނިކަމެއް ހޯދައިދޭން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

"މިހާތަނަށް ސަރުކާރުން އެންމެ ގާބުރިއެއްވެސް ނުބާއްވާތީ، އެ ޕްލޭންތަކަށް އަމަލީސިފަ ނާންނާތީ، އެ ޕްލޭންތަކުގާ ކުލަޖެހެމުންނުދާތީ، ރައްޔިތުން ސަރުކާރަކަށް އިތުބާރެއް ނުކުރޭ. ރައްޔިތުން ތިބީ ވަރަށް ބޮޑަށް މަޔޫސްވެފާ. ބަދަލަކަށް ބޭނުންވެފާ. އެހެންކަމުން މިކަމުގައިވެސް އިދިކޮޅު ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

މާލޭގައި މިހާރު ޤާއިމުވެފައި އޮތް ރާއްޖޭގެ މަރުކަޒީ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމަކީ މުޅި ރާއްޖެއަށް، ޚާއްސަކޮށް މާލެއަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެއް. ޚާއްޞަކޮށް ދުރު ރާސްތާގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ދޮރު ބަންދުވާނެ ކަމެއްކަން ވެސް ސަލީމް ފާހަގަކުރެއްވި އެވެ.

ވީމާ، މާލޭގެ ވިޔަފާރި ބަދަރު ގުޅިފަޅަށް ބަދަލު ކުރުމުގެ ބަދަލުގާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމަކީ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީ ކުރެވި، ބޯހިޔާވަހިކަމަށް ގުޅީފަޅު ސަލާމަތްކުރެވޭނެ ކަމެއް ކަމަށާއި މިއީ ރައްޔިތުންގެ ހައްގުގާ ކޮންމެހެންވެސް ސަރުކާރުން ކުރަންޖެހޭނެކަމެއް ކަމަށްވެސް ވިދާޅުވިއެވެ. ބޭރުގެ ބަޔަކު ބުނާހާގޮތަކަށް ރައްޔިތުންނަށް ގެއްލުންހުރި ކަންކަން ނުކުރުމަށް ސަލީމް ސަރުކާރަށް ގޮވާލެއް ވިއެވެ.