މަސްވެރިންނަށް ނުދީ ހުރި 52 މިލިއަން ރުފިޔާ މިއަދު ދެވޭތޯ ބަަލަމުން އަންނަ ކަމަށް މިފްކޯއިން ބުނެފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން ބުނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން އަދި ކަށަވަރުނުކުރެވޭ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މުޒާހަރާކުރާ މިހާރު ހަފުތާއަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ. ގާތްގަނޑަކަށް ދޮޅު މަހުގެ ފައިސާ ނުދީގެން މަސްވެރިން މުޒާހަރާކުރަން ފެށުމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރައްވަމުންދާ އެއް ކަމަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށާއި، މިހަފުތާގައި ވެސް އެ މަސައްކަތް ކުރިއަށްދާނެ އޭނާ ވިދާޅުވި އެވެ.

މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުދީގެން މުޒާހަރާކުރާއިރު މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަށް ނުދައްކާ އޮތް 234 މިލިއަން ރުފިޔާ ޚަލާސްކޮށް، މިއަހަރުގެ މިހާތަނަށް މަސް ދޯނިފަހަރަށް 766 މިލިއަން ރުފިޔާ ދިފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މަސްވެރިންނަށް މިހާރު ނުދެވި ހުރީ އެއް މަހާއި 14 ދުވަހުގެ ފައިސާ ކަމަށާއި އެއީ 52.6 މިލިއަން ރުފިޔާކަމަށް ވެސް މިފްކޯއިން ބުނެ އެވެ.

މިފްކޯއިން ބުނީ އެކުންފުންޏަށް މަސް ގަންނަނީ ކިލޯއަކަށް 8 ރުފިޔާގެ ގެއްލުމެއްގައި ކަމަށާއި، ކިރުވާފައިވާ މަަހަށް ދައްކަންޖެހޭ ފައިސާ ދައްކަން ޖެހެނީ ސަރުކާރަށް ބަރޯސާވެގެން ކަމަށެވެ. އަދި ގެއްލުމުގައި މަސް ގަތުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް މިފްކޯއަށް ވަނީ 1.6 ބިލިއަން ރުފިޔާގެ ގެއްލުމެއްވެފަ އެވެ.