އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން އަންނަމަހުގެ 11 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިޖަލްސާ އޮންނާނީ ހުޅުލެ، ނީރި ލައުންޖު ޖުލައި 12 ވަނަ ދުވަހުގެ ރޭ 9:00 ގަ އެވެ. މިޖަލްސާގައި އޮންލައިންކޮށާއި، ޖަލްސާއަށް ވަޑައިގެން ވެސް ބައިވެރިވެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އަހަރީ އާންމު ޖަލްސާގައި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑު އައްޔަންކުރުން ވެސް އޮންނާނެ އެވެ. ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން 6 މެންބަރުން އަދި އާންމު ހިއްސާދާރުންގެ ފަރާތުން 1 މެންބަރަކު ހޮވާނެ އެވެ.
މީގެ އިތުރުން އަންނަ އަހަރަށް ޢައްޔަންކުރާ ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، އަލަށް އެކުލަވާލެވުނު ރާއްޖޭގެ ކުންފުނީގެ ގާނޫނާއި ގުޅިގެން ކުންފުނީގެ ހިންގާ ގަވާއިދަށް މިވަގުތަށް ގެންނަ ހުށަހަޅާ އިސްލާހުތައް ގެނައުމަށް ފާސްކުރުން ވެސް އަހަރީ އާއްމު ޖަލްސާގައި އޮންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ޖަލްސާއަށް ހުށަހަޅަންވަނީ ނިންމާފަ އެވެ. އެހެންކަމުން މި ޖަލްސާގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ހިއްސާދާރުންގެ މެދުގައި ވޯޓަށް އަހާނެ އެވެ.
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 80 ރުފިޔާ ބަހަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު މިއީ އެކުންފުނިން ފާއިތުވި 17 އަހަރުގެ ތެރޭގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އެންމެ ބޮޑު އަދަދެވެ.