މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ގައިދީއަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ މަރުވެފައި ވަނީ ށ. ފުނަދޫ ޒަމާނީ ވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލް ކަމަށެވެ.

މުޙައްމަދު ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާކަމަށާއި، އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށިކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނެ އެވެ. އަދި 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައި ކަމަށް ވެސް ކަރެކްޝަންސް އިން ބުނެ އެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ އޭނާއަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށެވެ. އަދި ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން ދިޔަ މީހެއް ކަމަށް ކަރެކްޝަންސް ބުނެ އެވެ.

މުޙައްމަދު ޖަމީލް މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެ އެވެ.

އޭނާ މަރުވީ ޖަލުގައި އަނިޔާކުރުމުން ކަމަށް ބުނެ މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެންފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.