އޮފީހުގެ މަސައްކަތުގައި ސްޓްރެސްވުމަކީ އާންމު ކަމެކެވެ. އެކަމަކު ސްޓްރެސްއަކީ ވެސް ވަކި ލެވެލްއެއްގައި ހުންނަން ޖެހޭ އެއްޗެކެވެ. މަސައްކަތުގެ މާހައުލުގައި މީހާއަށް ކެތްނުވާ ވަރަށް ސްޓްރެސްވާނަމަ ބާން އައުޓްވުމަކީ އެކަށީގެންވާ ކަމެކެވެ.
ބާން އައުޓް ވުމަކީ ކޮބާ؟
ކުރުކޮށް ބުނާ ނަމަ ބާން އައުޓް ވުމަކީ އޮފީހުގެ މަސައްކަތުގެ ސަބަބުން މެދުކެނޑުމެއްނެތި ޖިސްމާނީ އަދި ނަފްސާނީ ވަރުބަލިކަން އިހްސާސް ކުރެވުމެވެ. އޮފީސް ސްޓްރެސްއަކީ ރަނގަޅަކަށް މެނޭޖްނުކޮށްފިނަމަ, ދާއިމީ ސީއްހީ އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.
ބާން އައުޓްވާއިރު ކިތަންމެ ރަނގަޅަށް މަސައްކަތް ކުރިކަމުގައި ވިޔަސް މަސައްކަތުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަނުޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ ކުރިން ވެސް މަސައްކަތްކުރާ ފެންވަރުގައި މަސައްކަތް ކުރިއަސް, އެދެވޭ ނަތީޖާއެއް ފެންނަހެން ހީނުވެދާނެ އެވެ.
ބާންއައުޓްވުމަކީ މީހާގެ އެނާޖީ ލެވެލްއަށް ވުރެއް ބޮޑަށް އެކްޓިވިޓީ ލެވެލް ބޮޑުވުމެވެ. އަމިއްލަ މިހާގެ ކަންކަމަށް ވުރެއް ބޮޑަށް އެހެން މީހުންގެ ބޭނުންތައް ފުއްދާދިނުމަށް ތާއަބަދު އުޅުމުގެ ސަބަބުން, މެދުކެނޑުމެއްނެތި ސްޓްރެސް ލެވެލް މަތީގައި ހުންނާނެ އެވެ. މި ކަމުގެ ނަތީޖާއަކީ ބާން އައުޓްވުމެވެ.
ބާން އައުޓް ވުމުގެ އަލާމާތްތައް
- ނިދިން މަހުރޫމްވުން
ބާން އައުޓް ވުމުން ނިދަން އުނދަގޫވެދާނެ އެވެ. ނުވަތަ ނިދިއްޖެނަމަ ގިނައިރު ނިދަން އޮންނަން އުނދަގޫވެދާނެ އެވެ. މިކަމުގެ ސަބަބުން ހަށިގަނޑުން ވަރުބަލިކަން ނުފިލާ މީހާގެ މޫޑް ގޯސްވެ އެވެ. ގައިގައި ރިއްސުން ބޮލުގައި ރިއްސުމާއި, ގައިގައި ރިއްސުމަކީ ވެދާނެކަމެވެ. މައިގްރޭން މައްސަލަ ހުންނަ މީހުންނަށް ގިނައިން މައިގްރޭން އެޓޭކް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
- ބަނޑުގެ މައްސަލަތައް ގިނަވުން
މޭނުބައިކުރުމާއި, ބަނޑުހަރުވުމާއި ބަނޑުދިޔާވުމަކީ ވެސް ވެދާނެކަމެވެ.
- އޮފީސް މީހުންނާ ދުރުވުން
ބާން އައުޓް ވާނަމަ އޮފީހުގައި މަސައްކަތްކުރާ އެހެން މީހުންނާ ދުރުވުން އެކަށީގެންވެ އެވެ. އަދި އެމީހުންނާ ދޭތެރޭ ގޯސްކޮށް ވިސްނެން ފަށާނެ އެވެ.
- އެޓެންޝަން ދެވޭ ވަރު މަދުވުން
ބާން އައުޓްވާ މިހާގެ ބްރެއިން ފޮގްވުމަކީ ވަރަށް އާންމުކަމެކެވެ. ބާން އައުޓްވަމުންދާ ވަރަކަށް ކަންކަމަށް ފޯކަސް ދެވޭ މިންވަރު ދާނީ ދަށްވަމުންނެވެ.
- މަސައްކަތާއި ދޭތެރޭ ހިތްހަމަ ނުޖެހުން
ބާން އައުޓް ވަމުން ދާއިރު, ކުރެވޭ އެއްވެސް މަސައްކަތަކާއި ދޭތެރޭ ހިތްހަމައެއް ނުޖެހޭނެ އެވެ. މަސައްކަތް ފުރހަމަ ކުރެވުނު ކަމުގައި ވީނަމަވެސް އެކަމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭނެ އެވެ.
- މީހާ އަމިއްލައަށް އެކަނިވުން
ބާން އައުޓްވަމުންދާ ނަމަ ރައްޓެހިންނާ އާއިލާއާ ދުރުވުމަކީ އެކަށިގެންވާ ކަމެކެވެ.
ބާން އައުޓް ވުމުން ދުރުހެލިވާނީ ކިހިނެތް؟
އޮފީހުގެ މަތީ މަގާމެއްގައި ހުރި މީހަކު ކަމުގައިވާނަމަ, އޮފީސް މާހައުލަކީ މަސައްކަތުގެ އިތުރުން އެންމެންގެ ސިއްހަތައް ވެސް އަހައްމިޔަތުކަން ދޭ ތަނަކަށް ހަދަން މަސައްކަތް ކުރާށެވެ. މަތީ މަގާމެއްގައި ހުރި މީހެއް ކަމުގައިވާނަމަ, އޮފީސް މާހައުލުގައި ހަމަތަކެއް ގެންގުޅެ ނޫނެކޭ ބުނަން އާދަކުރާށެވެ. ނޫނެކޭ ބުނަންވާނީ ކޮންމެހެން ކުރަން ނުޖެހޭކަން ކަމަށެވެ. ނުވަތަ ކުރަން ބޭނުންނުވާ ކަން ކަމަށެވެ. މިއީ ބުނެލަން ވަރަށް ފަސޭހަ ނަމަވެސް ކުރަން އުނދަގޫ ކަމަކަށް ވެދާނެ އެވެ. އުނދަގޫ ކަމަށް ވީ ނަމަވެސް މި ކަން ފެށިހާ އަވަހަށް ފަސޭހަވަމުންދާނެ އެވެ. އޮފީހުގައި ބައުންޑަރީތަކެއް ގެންގުޅެން ފަށައިފިނަމަ, މަޑުމަޑުން އެހެން މީހުން ވެސް އެކަން ނަގައިގަންނާނެ އެވެ.
ބާން އައުޓް ވެއްޖެ ނަމަ ހަދާނީ ކިހިނެތް؟
ބާން އައުޓް ވެއްޖެނަމަ ވީހާވެސް އަވަހަކަށް އަމިއްލަ ނަފްސު އިސްކުރާށެވެ. ބޭނުންވާނަމަ ޕްރޮފެޝަލް އެހީ ވެސް ހޯދާށެވެ. މިކަމާ ދޭތެރޭ ޕްލޭންއެއް އެކުލަވާލާށެވެ. އަދި ގެންނަން ޖެހޭ ބަދަލުތައް ގެންނާށެވެ. ބާން އައުޓްވެފައިހުރި މިންވަރުން ވަޒީފާ ބަދަލުކުރުމަކީ ވެސް ގެންނަން ޖެހިދާނެ ބަދަލެކެވެ.
ބާންއައުޓް އަށް ފަރުވާ ނުދީފިނަމަ ވާނީ ކިހިނެތް؟
ބާންއައުޓް އަށް ފަރުވާ ނުދެވިއްޖެނަމަ މީހާގެ ސިއްހަތުދާނީ މަޑުމަޑުން ދަށަށެވެ. އަދި މީގެ ސަބަބުން މި ފަދަ އަލާމާތްތައް ފެނުން އެކަށީގެންވެ އެވެ.
- ޕެނިކް އެޓޭކްތައް ގިނަވުން
- މަސައްކަތު ކޮލެޓީ ދަށްވުން
- އެބްސެންޓް ގިނަވުން
- ބަރުދަން އިތުރުވުން ނުވަތަ ލުއިވުން
- އަމިއްލަ ދިރިއުޅުމުގެ ގުޅުންތަކަށް އަސަރުކުރުން
- އަވަސް އަވަހަށް ބަލިވުން
ބާން އައުޓްއަށް ފަރުވާ ނުދެވި ގިނަ ދުވަސްވެއްޖެނަމަ ނަފްސާނީ ބޮޑު ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހިދާނެއެވެ. ވީމާ، އެކަމުން ދުރުހެލިވުމަކީ ކުރީބައިގައި މަސައްކަތް ކުރަން ޖެހޭ ކަމެކެވެ.