ފްރާންސްގެ ޑިފެންޑަރު ފެލާންޑް މެންޑީ ޖެހި ލަނޑާއެކު، ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި އެޓަލާންޓާ އަތުން ރެއާލް މެޑްރިޑް 1-0 އިން ރޭ މޮޅުވެއްޖެ އެވެ.

ރެއާލް އިން މެޗު ކޮންޓުރޯލްކުރި ނަމަވެސް، 10 މީހުންނާއެކު މެޗުގެ ބޮޑުބައި ކުޅުނު އެޓަލާންޓާގެ ފަހަތް ފޫއަޅުވާލުމަށް އުނދަގޫވި އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް، ރެއާލް އިން ލީޑު ނެގީ 86 ވަނަ މިނިޓުގައި ޖެހި ލަނޑުންނެވެ.

އެޓަލާންޓާގެ ދަނޑުގައި ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި ރެއާލްގެ މެންޑީ އަށް ކުރި ފައުލަކާ ގުޅިގެން އެޓަލާންޓާގެ ރީމޯ ފްރެއުލާ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އެހެންކަމުން، އެޓަލާންޓާ މެޗު ފުުުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

އެޓަލާންޓާގެ ކޯޗު ޖިއާން ޕިއޭރޯ ގަސްޕަރީނީ ބުނީ 10 މީހުންނާއެކު ކުޅެން ޖެހުމާއެކު، އޭނާގެ ރޭވުންތައް ބަދަލުކުރަންޖެހުނު ކަމަށެވެ.

"ރަތްކާޑު ދެއްުމާއެކު، އަހަރަމެން ބޮޑަށް ވިސްނަންޖެހުނީ ޑިފެންސަށް،" ގަސްޕަރީނީ ބުންޏެވެ.

އަނިޔާގެ މައްސަލަތަކާ ގުޅިގެން މި މެޗުގައި ރެއާލްގެ މުހިންމު ކުޅުންތެރިންތަކެއް ނުކުޅެ އެވެ. އޭގެ ތެރޭގައި ކެޕްޓަން ސާޖިއޯ ރާމޮސް، ކަރިމް ބެންޒެމާ އަދި އެޑެން ހަޒާޑް ހިމެނެ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅުނަސް، ރެއާލް އިން މެޗުގައި ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. – ބީބީސީ