ރާއްޖޭގެ ކްރެޑިޓް ރޭޓިން ފިޗުން ދަށްކުރި މައިގަނޑު ސަބަބަކީ ކޮވިޑަށް ފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަރަދު ކުޑަކުރުމަށް އެއްވެސް ފިޔަވަޅެއް ނާޅާ އޮތުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދަކީ ކޮވިޑް ބަލިމަޑުކަމަށްފަހު އެންމެ އަވަހަށް އިޔާދަވި އެއް އިގްތިސާދު ކަމަށްވާއިރު، މިއަހަރާއި މެދުރާސްތާގައި ވެސް ރާއްޖޭގެ އިގްތިސާދު ހަލުވިކަމާއެކު ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އޭރު ވެސް ދައުލަތުގެ މާލިއްޔާއަށް ހިރާސްތަކެއް ހުރިއިރު، މާލީ ވުޒާރާއިން 2022 އަދި 2023 ވަނަ އަހަރުގެ ތެރޭގައި ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓެޖީ ބަޔާންތަކާއި ބަޖެޓް ފޮތްތަކުގައި ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ 2022 ވަނަ އަހަރު ހުށަހަޅައިގެން 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ގެނެސްފައިވަނީ ހާލަތު ބައްދަލު ހެޔޮ ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުން އަރައިގަނެވުނުއިރު ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރަން އަޅަންޖެހުނު އެންމެ މުހިންމު ފިޔަވަޅު ކުރީ ސަރުކާރު ނިމުނުއިރު ވެސް އަޅާފައި ނުވާކަމަށް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެއީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށް އެމިނިސްޓްރީން ބުނެ އެވެ.
ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތައް ކުރީ ސަރުކާރުން ތަންފީޒުނުކޮށް ހުރުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، އެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކު ވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރުވި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މީގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އައިއެމްއެފުން 2022 ވަނަ އަހަރު ފާހަގަކުރި ކަމަށް ވެސް އެމިނިސްޓްރީން ބުނެ އެވެ.
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ މައިގަނޑު ސަބަބަކީ ވެސް ކުރީ ސަރުކާރުން އެ ފިޔަވަޅުތައް ނާޅައި ދިގުލައިގެން ދިއުންކަމަށް އެމިނިސްޓްރީންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރުގެ ބަޖެޓު ފޮތުގައި އަހަރުގެ މެދުތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ހަރަދުކުޑަކުރާނެ ކަމަށް ބަޔާންކޮށް، ފްރޭމްވަރކެއް ތައްޔާރުކި ނަމަވެސް ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރުވެސް އޭގެ ތަފްސީލީ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައި ނެތްކަމަށެވެ. އެ އިސްލާހުތަކާ ގުޅޭ ތަފްސީލީ ޓެކްނިކަލް މަސައްކަތްތައް ނިންމައި ހަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.