މިއުނިކް (ޖުލައި 1) – ޔޫރޯގެ ގަދަ 16ގެ ބުރުގައި ރޭ ސްޕެއިން އަތުން ބަލިވެ، ޖޯޖިއާ މުބާރާތުން ކެޓިޔަސް، ޖޯޖިއާގެ ޓީމާމެދު ފަހުރުވެރިވާ ކަމަށް ޖޯޖިއާގެ ކޯޗު ވިލީ ސަންޔޯލް ބުނެފިއެވެ.

މުބާރާތުގެ ގަދަ 16 ގައި ރޭ ކުޅުނު މެޗުގައި ޖޯޖިއާ އިން ލީޑު ނަގާފައިވަނިކޮށް، ސްޕެއިން އިން ފަހަތުންއަރައި މޮޅުވީ 4-1 އިންނެވެ. މި މެޗާ ގުޅޭ ގޮތުން ސަންޔޯލް ބުނީ ސްޕެއިން އިން ހޯދީ ހައްގު މޮޅެއް ކަމަށާއި އެކަމާ "ދެބަސްވެވޭނެ އެއްވެސް ސަބަބެއް ނެތް" ކަމަށެވެ.

މި މުބާރާތަކީ 1991 ވަނަ އަހަރު ޖޯޖިއާގެ މިނިވަން ދައުލަތެއް ގާޢިމްކުރި ފަހުން، އެ ޓީމު ބައިނަލްއަޤްވާމީ މުބާރާތެއްގައި ކުުޅުނު ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ގަދަ 16އަށް ދަތުރުކުރުމަކީ ވެސް ޖޯޖިއާ އަށް ލިބުނު ބޮޑު ކާމިޔާބެކެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގަައި ޖޯޖިއާ ވަނީ ޕޯޗުގަލް ބަލިކޮށްފަ އެެވެ.

ސަންޔޯލް ބުނީ ޖޯޖިއާގެ ކުޅުންތެެރިން މި މުބާރާތުގައި ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށެވެ.

"ފާއިތުވި ދުވަސްތަކުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް ފަހުރުވެރިވޭ. މި މުބާރާތުގައި ދެން ޖޯޖިއާއަށް ކުރިއަށް ނުދެވޭނެ. އެކަމަކު ކުރިއަށް އޮތް މުބާރާތްތަކަށް މިއަށްވުރެ ރަނގަޅު ނަތީޖާއަކަށް އުންމީދުކުރަނީ،" ބަޔާން މިއުނިކް އާއި ފްރާންސްގެ ގައުމީ ޓީމަށް ކުރިން ކުޅުނު ސަންޔޯލް ބުންޏެވެ.

ޖޯޖިއާ ދެން ނުކުންނާނީ ސްޕެޓްބަރު މަހު އޮންނަ ޔުއޭފާ ނޭޝަންސް ލީގަށެވެ.