ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތުގެ ފަހަތުގައި އެންމެ ވަރުގަދަ އަށް ހުންނެވި އެއްބޭފުޅަކަށް ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް ވާނެ އެވެ. ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ހެއްދެވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ބޭފުޅަކަށް ވެސް ރަމީޒް ވާނެ އެވެ. އެފަދަ ބައެއް ކަންކަން ފަޅާއެރުމުން ސީދާ ރައީސް ޔާމީންގެ އަމުރަށް ރަމީޒުގެ މައްސަލަތައް ބަލާފައި ވެސް ވެ އެވެ.

ރައީސް މުއިއްޒު އާއި ރަމީޒްއާ ދެމެދު ގާތްގުޅުމެއް އުފެދިފައި ވަނީ މާލޭ ސިޓީ ކައުންސިލްގައި ދެ ބޭފުޅުން މަސައްކަތް ކުރެއްވި ދުވަސްވަރު އެވެ. ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ރަމީޒަކީ މާލޭ ސިޓީީ ކައުންސިލްގައި މެދު ހެންވޭރު ދާއިރާ ތަމްސީލުކުރައްވާ ޕީޕީއެމްގެ ކައުންސިލަރެވެ. ރަމީޒުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަމްނާޒް އަލީ ސަލީމަކީ ވެސް އޭރު ސިޓީ ކައުންސިލްގައި ހެންވޭރު ދެކުނު ދާއިރާ ތަމްސީލް ކުރެއްވި މެންބަރެކެވެ. އެހެންވެ މި ބޭފުޅުންނާއި ރައީސް މުއިއްޒުގެ ގާތްކަން އޭރު ވަރަށް ބޮޑެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ޖަލު ހުކުމެއްގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ހުންނެވުމުން، އެ ހުކުމްގެ ސަބަބުން މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރިޔާސީ ޓިކެޓްގެ ވާދަވެރިކަމުގައި ޕާޓީ އޮތީ ދެބައިވެފަ އެވެ. ރިޔާސީ ޓިކެޓުގެ ދަހިވެތިކަމުގައި އަޑިއަޑިން ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެ ދުވަސްވަރު ކައުންސިލަރު ރަމީޒަކީ، އޭރުގެ މާލޭ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުއިއްޒުގެ އެންމެ އަރިސް އެއް ބޭފުޅެވެ. ރައީސް ޔަމީންގެ އެންގެވުމަކަށް ރަމީޒުގެ މައްސަލައެއް ޕީޕީއެމްގެ ސުލީކީ ކޮމިޓީ އަށް ހުށަަހެޅީ ރިޔާސީ ޓިކެޓް ހޯދައިދޭން މުއިއްޒުއަށް ކެމްޕެއިން ކުރައްވަމުންދާތީ ކަމަށް ބުނެ އެކަން ހުއްޓުވާށެވެ. ރަމީޒަކީ އޭރު ޕީޕީއެން/ޕިއެންސީގެ ސެނެޓަރެކެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް ޕީއެންސީ އަށް ސޮއިކުރެއްވުމަށް ފަހު ފޯމު ހަވާލު ކުރައްވަނީ.

ކޮމިޓީ އަށް ހާޒިރުކޮށް ރަމީޒުގެ މައްސަލަ ބަލަން އުޅުމުން އޭނާ ވަނީ ޕީޕީއެމުން ވަކިވެފަ އެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ރައީސް ޔާމީންގެ ކިބައިން އުނިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓަށް ފެންބޮވައިގެންފައި ތިބި މީހުންގެ ތެރޭން ރައީސް މުއިއްޒަށް ޓިކެޓް ކަށަވަރު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅަކީ ވެސް ރަމީޒެކެވެ. އެ ދުވަހުން އެ ދުވަހަށް ޕާޓީ ބަދަލު ކުރައްވައި ޕީއެންސީގެ ޓިކެޓް މުއިއްޒު ހޯއްދެވުމުގެ ފަހަތުގައި ދެ ޕާޓީގެ ސެނެޓަރުންގެ ރުހުން ހޯދުމުގައި ރަމީޒުގެ ދައުރު ބޮޑެވެ.

ކެންޑިޑޭޓަކަށް ވުމަށް ފަހު ވެސް ކެމްޕޭނުގެ ތެރޭގައި ވެސް ރަމީޒު ފެނުނީ ރައީސް މުއިއްޒުގެ އެންމެ އަރިހުގައި ހުންނެވި ތަނެވެ. ރައީސް މުއިއްޒު ކެމްޕޭނަށް ވަޑައިގަންނަވާ ކޮންމެ ތަނެއްގަޔާއި ކޮންމެ ޖަލްސާއެއްގައި ދަބަހެއް ހިއްޕަވައިގެން އެންމެ ގާތުގައި ހުންނެވީ ރަމީޒެކެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު ރައީސް އޮފީހުގެ ތެރޭން މަގާމުތައް ބަހާލި އިރު ރަމީޒު ލައްވާލީ އެންމެ މަތިންނެވެ. އޭނާ އަކީ އޭރު ރައީސް އޮފީހުގެ ބާރުގަދަ މިނިސްޓަރެކެވެ. ރަމީޒުގެ އޭރުގެ އަނބިކަނބަލުން ޝަމްނާޒަށް ދެއްވީ ރައީސްގެ ރަސްމީގެގޮޅު މުލީއާގޭގެ ސްޓޭޓް މިނިސްޓަރުކަމެވެ. ފަހުން ޖެހުނު މައްސަލަގަނޑެއްގެ ތެރޭގައި ޝަމްނާޒް ހުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް އާއި ރައީސް މުއިއްޒު ބައްދަލުވުމެއްގައި.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތެރޭގައި ވެސް ރަމީޒު ފެނުނީ ސަރުކާރު ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމުގައި ވަރަށް ފޯރީގައި އުޅުއްވަނިކޮށެވެ. ނަމަވެސް އިންތިޚާބަށް ފަހު ފެނުނީ ރަމީޒް ގެއްލުނު ތަނެވެ. އެއްބަޔަކު ބުނަނީ އޭނާ އެހެލީ ކަމަށެވެ. ރައީސް ބައިވެރިވެވަޑައިގަންނަވާ އެއްވެސް ހަފުލާއަކުން ރަމީޒެއް ނުފެނެ އެވެ.

ދެން އިވިގެން ދިޔައީ ރަމީޒުގެ މައްސަލައެއް ބަލާތީ އޭނާ ސަސްޕެންޑްކުރިކަމުގެ ޚަބަރެވެ. އޭގެ ކުރިން ވަނީ ރައީސް މުއިއްޒުއާ ގާތްވުމަށް ސިހުރި ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރުކޮށްފަ އެވެ. ރަމީޒް އާއި ޝަމްނާޒުގެ ކައިވެނި ނިމުމަކަށް ގެނެސްފައި ވަނީ މިދިޔަ މަހު ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.

ގިނަ ބަޔަކު ހިތުގައި އުފެދޭ ސުވާލަކީ ރައީސް މުއިއްޒުއާ އެހާ ގާތްކޮށް އުޅުއްވުމަށް ފަހު ރަމީޒަށް މިވީ ކިހިނެއްބާވަ އެވެ؟ އޭނާ ކުރެއްވީ ކޮން ކުށެއް ބާވަ އެވެ؟ އެނގޭ ކަމަކީ އެކަމެއް ކޮށްފައި މި ވަނީ މަޖިލިސް އިންތިޚާބުގެ ތެރޭގައި ކަމެވެ. މުޅިން ޔަގީން ނުވާތީ އެއީ ކޮންކަމެއް ކަމެއް ބަޔާންކުރާކަށް ނެތީމެވެ. ރަސްމީ އެއްވެސް ފަރާތަކުން އެކަން ޔަގީންކޮށްދީފައެއް ވެސް ނުވެ އެވެ.