ރަހުމުކުޑަ އަނިޔާވެރި އިޒްރޭލުން ކެނޑިނޭޅި ހަމަލާތައް ދެމުން އަންނަ ފަލަސްތީނުގެ ޣައްޒާގައި ނުރައްކާތެރި ހަމުގެ ބައްޔެއް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

އާއްމުކޮށް ކުޑަކުދިންގެ މެދުގައި ފެތުރެމުން އަންނަ މި ބަލީގައި ގައިގެ އެކި ތަންތަން ރަތްވެ ހިރުވަ އެވެ. މިއީ އެލާޖީ ނުވަތަ އިންފެކްޝަންއެއްގެ ބާވަތެކެވެ.

ޣައްޒާގައި ދިރިއުޅެމުން އަންނަ 8 ކުދިންގެ މަންމައެއް ކަމަށްވާ ވަފާ އިލްވާން ބުނީ އޭނާގެ ދަރިފުޅުގެ ހަށިގަނޑު ހިރުވާ ވަރުން ރޭގަނޑު ނުވެސް ނިދޭ ކަމަށެވެ.

"އަހަރުމެންގެ ދަރިން ކުރިން ފެންވަރުވާހެން މިހާރު ފެނެއް ނުވެރުވޭ. މިތަނުގައި ސާފުތާހިރު ކަމުގެ އެއްވެސް ކަންފުޅެއް ނެތް،" ރެފިއުޖީ ކޭމްޕެއްގައި އާއިލާއާއެކު ދިރިއުޅޭ ވަފާ ބުންޏެވެ.

ޣައްޒާގައި ނުރައްކާތެރި ހަމުގެ ބައްޔެއް ދަނީ ފެތުރެމުން

އޭނާ އިތުރަށް ބުނީ އެކި ވައްތަރުތަކުގެ ބަލިތަކާއި އިންފެކްޝަންތަކަކީ އެމީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ނުވެ ނުދާނެ ކަންކަން ކަމުގަ އެވެ.

"ކުރިން ސާފުތާހިރު ވާން މޫދު ފެން ބޭނުން ކުރަމުން އައި ނަމަވެސް މިހާރު އެ ފެން ވެސް ބޭނުން ކުރަން އެކަށޭނަ މިންވަރަށް ވުރެ ވަނީ ތަޣައްޔަރު ވެފައި،" ވަފާ ބުންޏެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޣައްޒާގެ 150،000 އަށްވުރެ ގިނަ މީހުންނަށް ސްކޭބީސް އަދި ޗިކަން ޕޮކްސް ފަދަ ހަމުގެ ބަލިތައް ވަނީ ޖެހިފަ އެވެ.