މި ސަރުކާރުން މައުލޫމާތު ހާމަނުކުރާކަމުގެ ޝަކުވާތައް ގިނަވެ ރައްޔިތުން ފާޑުކިޔަމުން ދާއިރު، ނިމިދިޔަ ދައުރުގައި އެންމެ ބޮޑަށް މައުލޫމާތު ހާމަކުރުމަށް ވަކާލާތު ކުރެއްވި އަހުމަދު އަޒާން މިއަދު އެކަމާ ދެކޮޅުވީތޯ މީހުން މިއަދު ދަނީ ސުވާލު ކުރަމުންނެވެ.

ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ކުރީގެ ނޫސްވެރިޔާ އަދި މިހާރު ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން އިއްޔެ ވޯޓު ދެއްވީ އެކަމާ ދެކޮޅަށެވެ. އަޒާން އަށް މިއަދު މައުލޫމާތު ހާމަނުކުރުމަކީ މައްސަލައެއް ކަމަށް ފެނިވަޑައި ނުގަތުމުން ރައްޔިތުން ދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ކުރިން ވަރަށް ބޮޑަށް ކުރީގެ ރައީސް ޔާމީން އަށް ތާއީދުކުރައްވާ އަޒާން، ނޫސްވެރިއެއްގެ ގޮތުގައި އުޅުއްވި އިރު މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެމްޑީޕީ ސަރުކާރު ޒިންމާދާރު ކުރެއްވުމަށް ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި އެވެ.

ކުރީގެ ސަރުކާރުން ބައެއް ބޭރު ގައުމުތަކާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތަކާއި އެކި ލިޔެކިޔުންތައް ހާމަ ނުކުރުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި ކުރިއަށް ދިޔަ މައްސަލަތަކުގައި އަމިއްލަ އަށް ވަކާލާތު ކުރައްވާ އަޒާން ވަނީ މައްސަލައެއް ސުޕްރީމް ކޯޓާ ހަމައަށް ވެސް ގެންދަވާފަ އެވެ.

ނަމަވެސް ކުރީގެ ސަރުކާރުތަކުން އާންމު ކުރަމުން އައި ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މައުލޫމާތު މިއަދުގެ ސަރުކާރުން ހާމަކުރުން ހުއްޓާލާ، ސިޔާސީ މަގާމުތަކަށާއި ކުންފުނިތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ ހޭދަ ވަނީ އޮޅުވާލާފައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން ނެވެ.

މި ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން އަޒާން މިއަދު ވިދާޅުވީ އެމްޑީޕީން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ވަގުތު ބޭކާރު ކުރަން ކަމަށެވެ. ދެން ނޫހަށް އަޒާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ހާމަކުރާނެ ކަމަށާއި ރައީސް މުއިއްޒު ވަނީ އެކަން ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގަވާފައި ކަމަށެވެ.