މީހަކު ހައްޔަރުކުރުމުގެ ތެރޭގައި ފުލުހަކު އަނިޔާކުރި މައްސަލައެއް ބަލަމުން ދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ ފުލުހަކު މީހަކު ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

މިކަން ހިނގާފައިވަނީ މިއަދު ފުވައްމުލައް ސިޓީގަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަގޮތުގައި މީހަކު ބިންމައްޗަށް ވެއްޓިފައި އޮތް އިރު އެމީހާގެ ގަޔަށް ފުލުހަކު ފައިން އަރާ ހިފަހައްޓާ މަންޒަރު ފެނެއެވެ.

މިކަމާ ގުޅިގެން ޝިފާން ވިދާޅުވީ މިފަދަ އެއްވެސް އަމަލަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ހަމަތަކުގެ ތެރެއިން އަދި ހިދުމަތުން ބަލައިގަންނާނެ އަމަލެއްނޫން ކަމަށެވެ. އަދި މި ހާދިސާ ތަހުގީގުކުރުމަަށް ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް މިންވަރެއްގެ އަނިޔާވެރި އަމަލަަކަށް ދިވެހި ފުލުހުން ހިތްވަރުނުދޭނެ ކަމުގައި ދަންނަވަން،" ޝިފާން ވިދާޅުވި އެވެ.